21 އޯގަސްޓް 2016 - 09:36

ކޮންމެ ވައްތަރެއްގެ ގަމީހެއް ވެސް ދަށަށް ޖަހާލަން ކަމުދާނެ ކަމަށް ހީކުރުމަކީ ގޯހެކެވެ. ފަހަކަށް އައިސް ފިރިހެނުންގެ ގަމީސްތައް ވަނީ އެކި ސްޓައިލަށް ފަރުމާކޮށްފަ އެވެ. ގަމީހުގެ ތެރޭގައި، ދަށަށް ޖެހޭނެ ވައްތަރާއި ނުޖެހޭނެ ވައްތަރު ވެސް ހުރެ އެވެ. އަދި މި ދެ ވައްތަރު ތަފާތުކުރަން އެންމެ ފުރަތަމަ ސަމާލުވާން ޖެހޭނީ ގަމީހުގެ ފަސްބަޔަށެވެ.
"ޑްރެސް ޝާޓް" އަދި "ޓެއިލްޑް ޝާޓް" އަކީ ރަސްމީ މުނާސަބަތުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ވައްތަރެކެވެ. މިކަހަލަ ގަމީހުގެ ފަހަތު ފަސްބައި ދިގު ވާނެ އެވެ. އޮފީހަށް ނުވަތަ ރަސްމީ މުނާސަބަތަކަށް އެންމެ އެކަށީގެން ވަނީ ފަސްބަޔަށް ދިގު ގަމީހެކެވެ.
ފަސްބަޔަށް ކުރުކޮށް ހުންނަ ފެޝަން ގަމީހަކީ ދަށަށް ޖަހަން ތައްޔާރުކޮށްފައިވާ ވައްތަރެއް ނޫނެވެ. ނަމަވެސް، ސެމީ ފޯމަލް ނުވަތަ އާދައިގެ މުނާސަބަތަކަށް، ދަށަށް ނުޖަހާ ލާން އެކަށީގެންވާ ވައްތަރެކެވެ.
ފަސްބަޔަށް ކުރު ގަމީހެއް ލުމުން އިރު އިރުކޮޅާ ދަށަށް ޖަހަން ޖެހޭނެ އެވެ. ގަމީސް މައްޗަށް އަރައި، ބުރަކަށި ފެނުމުން ދުރުވުމަށްޓަކައި ފަސްބަޔަށް ދިގު ގަމީހެއް ލާށެވެ. ރީތި "ޑްރެސް ޝާޓް" އާ އެކު ހެޔޮވަރު ވަރަކަށް ބެގީ ކޮށްލުމަށް ފަހު މާ ފަލަ ނޫން އާދާއިގެ ބެލްޓެއް އަޅާލުމުން ރީތިވާނެ އެވެ.