27 ޑިސެމްބަރ 2018 - 13:39

ކުރީގެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ 700 އަށް ވުރެ ގިނަ މުވައްޒަފުން މަގުމަތިކޮށްލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއާރްޑީސީ އަށް ގިނަ އަދަދެއްގެ މުވައްޒަފުން ވެއްދުމަށް ފަހު، ކުރީގެ ސަރުކާރުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެ ކުންފުނި ވަނީ އުވާލައިފަ އެވެ. އޭރު އެތަނުގައި މަސައްކަތް ކުރި 709 މުވައްޒަފުން އެއް އަހަރު ދުވަހުގެ ވަގުތީ ކޮންޓްރެކްޓެއްގެ ދަށުން ބަދަލުކުރީ ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަނަށެވެ.
އެ އެއްބަސްވުން އަންނަ މަހުގެ 15 ގައި ހަމަވާތީ، މުވައްޒަފުން ތިބީ ވަޒީފާ ގެއްލުމުގެ ބިރުވެރިކަމެއްގަ އެވެ.
ސްޓޭޓް މިނިސްޓަރު އަކްރަމް ވިދާޅުވީ ކުރީގެ އެމްއާރްޑީސީ އަށް އެހާ ގިނަ އަދަދެއްގެ މުވައްޒަފުން، ކޮންޓްރެކްޓް އުސޫލުން ވެއްދީ އޭރު ސިޔާސީ ބޭނުމެއްގައި ކަމަށް ބެލެވޭ ކަމަށެވެ. ފައިދާވަމުން ދިޔަ ކަމަށް އޭރު ބުނި އެމްއާރްޑީސީ އުވާލައި އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޕަބްލިކް ވޯކްސް އަށް ވެއްދި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ތިން އަހަރަށް އިތުރުކުރާނެ ކަމަށް ބުނެ އޮޅުވާލީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭގެތެރެއިން ބައެއް މުވައްޒަފުންގެ މުސާރަ، ނިސްބަތުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައަށް ވުރެ ވެސް ބޮޑެވެ.
"މިހާ ބޮޑެތި މުސާރައެއްގައި ވަގުތީ މުވައްޒަފުން ގެންގުޅެވޭނެ ގޮތެއް ވެސް ނޯންނާނެ. އަނެއްކާ، ވަޒީފާގެ އެއްބަސްވުން ތިން އަހަރަށް އިތުރުކޮށްދޭނަމޭ ބުނެ، މެމޯ ދިނުމަކީ ވެސް އެ މީހުންނަށް ދިން ދެރައެއް، ވަރަށް ބޮޑު ލަނޑެއް،" އަކްރަމް ވިދާޅުވި އެވެ.
މެމޯ ދިން ނަމަވެސް ވަޒީފާގެ އެއްބަސްވުންތަކުގައި މުވައްޒަފުން ލައްވައި މިހާތަނަށް ސޮއިކޮށްފައެއް ނުވެ އެވެ.
އަކްރަމް ވިދާޅުވީ ހުރިހާ މުވައްޒަފުންނަށް ގޮތެއް ހޯދައި ނުދެވުނު ނަމަވެސް ދިވެހި މުވައްޒަފުންނަށް ކޮންމެވެސް ގޮތެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އޭގެތެރޭގައި ތައުލީމީ ގާބިލް، ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުން ވެސް ތިބިކަން އޭނާ ފާހަގަކުރެއްވި އެވެ.
ވަޒީފާ ގެއްލިދާނެ ކަމުގެ ބިރާ އެކު މުވައްޒަފުންގެ ޝަކުވާ ވެސް ބޮޑެވެ. ވަޒީފާގެ ޔަގީންކަން ހޯދައިދޭން ކުރީ ސަރުކާރުގެ އިސް ވެރިންނާ މަޝްވަރާކޮށްފައިވާއިރު، ރަނގަޅު ގޮތެއް ހޯދައިދޭން މި ސަރުކާރުގައި ވެސް އަންނަނީ އެދެމުންނެވެ.
"އެންމެ ފަހުން މި ސަރުކާރުން ބުނެފައިވަނީ ޖެނުއަރީ 15 ހިސާބުގައި ގޮތެއް ނިންމިގެންދާނެ ކަމަށް. އަސްލު އޭރުން ވަރަށް ލަސްވޭ. އާއިލާއާ އެކު މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުން ގިނައީ. އަދި ނުވިތާކަށް ލޯނުތަކާއި އެނޫން ގޮތްގޮތަށް ވެސް ކޮންމެ މަހަކު ފައިސާ ދައްކަންޖެހޭ. ޖެނުއަރީ 15 ގައި ވަޒީފާތައް އުވާލާނެ ކަމަށް ނިންމައިފިއްޔާ ވަޒީފާ ހޯދުމަށް އެހާ އުނދަގޫވާނެ،" މުވައްޒަފަކު ކިޔައި ދިނެވެ.