27 ޑިސެމްބަރ 2018 - 13:26

ހައްޖަށް ދާން 2014 ގައި ފަތުހު ހައްޖު ގްރޫޕަށް ފައިސާ ދެއްކި މީހުންގެ ތެރެއިން އޭރު ހައްޖަށް ނުދެވުނު މީހުން، އެ ގްރޫޕަށް ދެއްކި ފައިސާ އަނބުރާ ހޯދަން ޝަރީއަތަށް ހުށަހަޅަން ނިންމައިފި އެވެ.
ހައްޖަށް މީހުން ގެންދިއުމަށް ފަތުހު ގްރޫޕަށް 2014 ގައި ސަރުކާރުން 125 މީހުންގެ ކޯޓާއެއް ދޫކުރިޔަސް، އެއިން އެއްވެސް މީހަކު ހައްޖަށް ގެންދެވޭނެ އިންތިޒާމް އެ ކުންފުންޏަށް ހަމަ ނުޖެއްސުމުން ސަރުކާރުގެ ޚަރަދުގައި އެ މީހުން ވަނީ ހައްޖަށް ގެންގޮސްފަ އެވެ. އެކަމަކު އެ ކުންފުނިން އޭރު އިތުރަށް ފައިސާ ނެގި 72 މީހަކަށް ހައްޖަށް ދެވޭނެ ގޮތެއް އޭރު ސަރުކާރުން ހަމަޖައްސާފައެއް ނުވެ އެވެ.
ސަރުކާރުގެ ޚަރަދުގައި ހައްޖަށް ނުދެވުނު މީހުންގެ ފަރާތުން، ފައިސާ ހޯދަން ޝަރީއަތަށް ހުށަހަޅަނީ ލިޓިކާ ލޯ އެސޯސިއޭޓްސްގެ ފަރާތުންނެވެ. އެ ފާމުން އެ މައްސަލާގައި ވަކާލާތު ކޮށްދެނީ ހިލޭ ސާބަހަށެވެ. އެ ފާމުން ނެރުނު ބަޔާނުގައި ބުނީ ސަރުކާރުގެ ޚަރަދުގައި އޭރު ހައްޖަށް ނުދެވުނު 72 މީހުންގެ ތެރެއިން ބައެއް މީހުން އަމިއްލަ ޚަރަދުގައި ފަހުން ހައްޖަށް ގޮސްފައިވާ ކަމަށާއި އަދި އަނެއްބައި މީހުންނަށް އަދިވެސް ހައްޖަށް ނުދެވޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންވެ، ފަތުހު ގްރޫޕަށް ދެއްކި ފައިސާ އަނބުރާ ހޯދައި ދިނުމަށް އެ 72 މީހުންގެ ތެރެއިން ބައެއް މީހުން އެ ލޯ ފާމްގައި އެދިފައިވާތީ އެ ފައިސާ ހޯދުމަށް ޝަރީއަތަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ދައުވާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 10 ދުވަސް ތެރޭގައި އެކަން އީމެއިލް މެދުވެރިކޮށް އެ ލޯ ފާމަށް އަންގަން އެދިފައިވެ އެވެ.
ގާނޫނީ އެހީތެރިކަން ހިލޭ ދިނުމަށް ނިންމާފައި ވިޔަސް، ލިޔުންތަކުގެ ފޮޓޯ ކޮޕީ އާއި އިދާރީ ޚަރަދުތަކަށް ކުޑަ ފީއެއް ނަގާނެ އެވެ.
ފައިސާ ނެގުމަށް ފަހު ހައްޖަށް ނުގެންދެވުނު މައްސަލާގައި ފަތުހު ޖަމާއަތުގެ ވެރިޔާ މުސްތަފާ މުހައްމަދުގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާއެއް ވެސް ކުރި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ނިންމީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.