ޕޫލް ބިލިއާޑުގެ ދުނިޔޭގެ ޗެމްޕިއަން ރާއްޖޭގައި
ޕޫލް ބިލިއާޑުގެ ދުނިޔޭގެ ޗެމްޕިއަން ރާއްޖޭގައި

ދުނިޔޭގެ ޕޫލް ބިލިއާޑް ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޖަރުމަނުގެ ތޯސްޓެން ހޯމަން ރާއްޖެ ގެނެސް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ހާއްސަ ހަރަކާތްތަކެއް ހިންގަމުން އެބަދެ އެވެ.

މިދިޔަ ހުކުރު ދުވަހު ރާއްޖެ އައި ހޯމަންއާ ކުޅިވަރާ ބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. މަހުލޫފު ވިދާޅުވީ ހޯމަންގެ ކާމިޔާބީގެ ވާހަކަތައް އަޑުއަހާފައިވާ ކަމަށާއި ރާއްޖެ އަށް ވެސް ޗެމްޕިއަނުން އުފެއްދިދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެސޯސިއޭޝަނުން ވަނީ މިއަދު މެންދުރުފަހު 2:30 ގައި ކްލަބް ހައުސްގައި ހޯމަންއާ ބައްދަލުކުރުމުގެ ފުރުސަތު މި ކުޅިވަރަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލައިފަ އެވެ. އެގޮތުން އޭނާގެ އެގްޒިބިޝަން މެޗެއް ބަލާލުމުގެ ފުރުސަތުދީ އަދި ބައްދަލުކޮށް ވާހަކަދައްކާލުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

މި ދަތުރުގައި ހޯމަން ވަނީ އެސޯސިއޭޝަނުގެ މެމްބަރުންގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހާއްސަ ސެޝަންތަކެއް ބާއްވައިފަ އެވެ. އެގޮތުން ޓެކްނީކްސްތައް ކިޔައިދީ އަދި މި ކުޅިވަރުގައި ކުރިއަށް ދިއުމަށް އޭނާގެ ތަޖުރިބާތައް ހިއްސާކުރި އެވެ.

"މިއީ ޕޫލް ބިލިއާޑުގެ ދުނިޔޭގެ ޗެމްޕިއަނަކު ރާއްޖެ އައި ފުރަތަމަ ފަހަރު. އަޅުގަނޑުމެންގެ ބޭނުމަކީ ދުނިޔޭގެ ލެވެލްގެ ކުޅުންތެރިއެއްގެ ފަރާތުން އެކަމުގެ ނޮލެޖާއި ގައިޑަންސް ހޯދުން،" އެސޯސިއޭޝަނުގެ އޮފިޝަލަކު ބުންޏެވެ.

އުމުރުން 39 އަހަރުގެ ހޯމަން ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދުމުގެ އިތުރުން ނައިން ބޯލް ޗެމްޕިއަންކަން ދެ ފަހަރު އަދި ސްޓްރެއިޓް ޕޫލް ޗެމްޕިއަންކަން ފަސް ފަހަރު ހޯދައިފަ އެވެ.

ރާއްޖޭގެ ޒުވާނުންގެ މެދުގައި މުނިފޫހިލިފުވުމުގެ ކުޅިވަރެއްގެ ގޮތުގައި ބިލިއާޑް ކުރިން އޮތް ނަމަވެސް އެސޯސިއޭޝަން އުފެދި، ގައުމީ ފެންވަރުގައި މި ކުޅިވަރު ރާއްޖޭގައި އަންނަނީ ކުޅެމުންނެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް ރާއްޖޭން އަންނަނީ ވާދަކުރަމުންނެވެ.