27 ޑިސެމްބަރ 2018 - 13:32

މާލޭ ސަރަހައްދުގައި ދިރިއުޅޭ އެންމެނަށް ގޯތި ދޫކުރެވިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ މާލޭ ސިޓީ ކައުންސިލަރު މުހައްމަދު ރަޝީދު (ބޯދިގު) ކެމްޕެއިނުގައި ރޭ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މާލޭ ސަރަހައްދުގައި ދިރިއުޅޭ އެންމެންނަށް ގޯތި ދޫކުރުމީ އުނދަގޫ މަސައްކަތަކަށް ނުވާނެ ކަމަށެވެ.
"މި މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ކޮންމެ މީހަކަށް ގޯއްޗެއް ކަނޑާފައި ދެވޭނެ. އެއީކީ މިއަދު ދިވެހި ރާއްޖޭގައި ނުކޮށްދެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ މި ޖީލުން ދެން އަންނަން އޮތް ޖީލަށް އެކަން ނުކޮށްދީފި ނަމަ ގަބޫލުފުޅު ކުރައްވާ މި މާލެއެއް ނޯންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އެބޭފުޅުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ވިދާޅުވީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ނުކުޅެދިއްޖެ ނަމަ "އަތުން ރާއްޖެ ބީވާނެ" ކަމަށެވެ.
"މި މާލޭގައި އަޅުގަނޑުމެންގެ ޖީލަށް، ކުރިއަށް އަންނަން އޮތް ޖީލަށް، ބޯހިޔާވަހިކަން ހޯދައިނުދެވިއްޖެ ނަމަ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަތުން ރާއްޖެ ބީވާނެ. އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް (ބޯހިޔާވަހިކަން ހޯދައިދިނުން) އެއީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް. ކޮންމެ ދެމަފިރިއަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަކީ،" އެމަނިކުފާނު ވިދާޅު ވިއެވެ.
އޭގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ އުއްމީދަކީ ހަމަޖެހޭ ދިރިއުޅުމެއް ވޭތު ކުރުން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ސިޔާސީ ފަރާތްތަކަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުން އެ ބޭފުޅުންގެ އުންމީދުތައް ރާއްޖޭގެ ސިޔާސީ އެކިއެކި ފަރާތްތަކަށް ސަރީހަ އިބާރާތްތަކުން ސާފުކޮށްދެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ. ހަމަ ގައިމު ވެސް ދިހަ ފަނަރަ އަހަރު ވެއްޖެ. ދިވެހިންގެ އުންމީދަކީ ތިމަންނާގެ އަމިއްލަ ހަލާލު މަސައްކަތް ކޮށްގެން ތިމަންނާ ތިމަންނާއާ ތިމަންނާގެ އަނބިދަރިންނާއި ގާތް ތިމާގެ މީހުންނާ އެކު ރީތިކޮށް، ރިވެތިކޮށް އުޅެވޭނޭ ބަޔަކަށް ވުމުގެ އުންމީދު، ބޯހިޔާވަހިކަމެއް ލިބުމުގެ އުންމީދު،" ނަޝީދު ވިދާޅުވި އެވެ.