27 ޑިސެމްބަރ 2018 - 16:26

ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ތެރެއިން އުފެއްދި ވިލާ ކޮލެޖުގެ ފައިދާ އެތައް ހާސް ދަރިވަރުންނަށް ކޮށްފައިވެ އެވެ. އެ ކޮލެޖުގެ އިސްވެރިންނަށް ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީ އެވެ. އެގޮތުން ޝަރުއީ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ވެސް ރަނގަޅު ފުރުސަތުތަކެއް، މީގެ 12 އަހަރުކުރިން ހުޅުވި، ކޮލެޖުން ވަނީ ފަހިކޮށްދިނުމުގެ މަސައްކަތް ފަށައިފަ އެވެ.
އެ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން އަންނަނީ ޝަރުއީ އަދި ޤާނޫނީ ދާއިރާއާގުޅޭ ފަސް ޕްރޮގްރާމެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ވިލާ ކޮލެޖުގެ އަމިއްލަ ޝަރީއާ އެންޑް ލޯގެ ޑިޕްލޮމާ އަދި އޭގެ ޑިގްރީ ޕްރޮގްރާމާއި، ޝަރީއާ އެންޑް ލޯގެ މާސްޓާޒް ޕްރޮގްރާމެވެ. ޝަރީއާ އެންޑް ލޯގެ މާސްޓާޒް ޕްރޮގްރާމަކީ ދަރިވަރުންނަށް ކްރިމިނަލް ލޯ އިން ޚާއްސަ ވެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލެންޑްގެ އެލް.އެލް.ބީ (އޮނާސް) ޕްރޮގްރާމް ވެސް 2016 ވަނަ އަހަރުން ފެށިގެން ވިލާ ކޮލެޖުން ދަނީ ހިންގަމުންނެވެ. އެލް.އެލް.ބީ އޮނާސް މި ޕްރޮގްރާމަކީ ލޯޔަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ދަރިވަރުންނަށް ރާއްޖޭގައި ތިބެގެން އިނގިރޭސިވިލާތުގެ ޑިގްރީއެއް ހެދުމުގެ ފުރުސަތު ލިބިގެންދާ ހަމައެކަނި ޕްރޮގްރާމެވެ. ވިލާ ކޮލެޖުން ލޯ ޑިގްރީ ހަދަމުންދާ ފުރަތަމަ ބެޗްގެ ދަރިވަރުން މި އަންނަ އަހަރު ގްރެޑުއޭޓް ވާނެއެވެ.
އެ ފެކަލްޓީގެ ޑީން ޝަބާބް ރަޝީދު ވިދާޅުވީ ވިލާ ކޮލެޖުން ހިންގަމުން އަންނަ ޝަރީއާ އަދި ޤާނޫނުގެ ކޯސްތަކުގައި ކިޔަވައިދެއްވަނީ އެ ދާއިރާގެ އިލްމީ އަދި ގާބިލް ބޭފުޅުން ކަމަށެވެ. ޤާނޫނީ ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވިގޮތުގައި މި ޕްރޮގްރާމްތަކުގެ ކޮންޓެންޓް އެކުލެވިފައިވާ ގޮތުން ދަރިވަރުންގެ ކްރިޓިކަލް ތިންކިން އިތުރުކޮށް ކަންތައްތަކާއި ދޭތެރޭ ތަފާތު ނަޒަރިއްޔާތުން ބަލައި އެނަލައިޒް ކުރުމަށް މަގުފަހިވެގެން ދެ އެވެ. މީގެ އިތުން ދަރިވަރުންގެ މުޢާމަލާތް ކުރުމުގެ ހުނަރާއި އެހެން މީހުންނާއި އެކު މަސައްކަތްކުރަން އެނގުން ފަދަ ހުނަރުތަކަކީ މި ޕްރޮގްރާމްތަކުގެ ތެރެއިން ދަސްވެގެންދާ މުހިއްމު ހުނަރުތަކެކެވެ.
ޝަބާބު އިތުރަށް ވިދާޅުވި ގޮތުގައި އެ ފެކަލްޓީގެ ޕްރޮގްރާމްތަކަށް ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އެ ކޯސްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ކޯސްތަކާމެދު އިންޑަސްޓްރީން ދެކޭ ގޮތް ބަލައި، ކޯސްތައް ފަރުމާ ކުރުމުގައި މަސައްކަތުގެ މާހައުލުގައި ދަރިވަރުން ކާމިޔާބު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާނެ އެވެ.
"ޝަރުއީ އަދި ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި، ދަރިވަރުންގެ ފީޑް ބެކަށް ބެލުމަށްފަހު ކަންކަން ރަނގަޅުކޮށް ދަރިވަރުން ކިޔެވުމަށް އިތުރަށް ޝައުގުވެރިވާނެ ބަދަލުތައް ގެނައުމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ އެއް ކަންތައް" ޝަބާބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފެކަލްޓީން ކިޔަވައި ނިންމާފައި ތިބި ދަރިވަރުން، މަތީ މަގާމުތަކުގައި، ގައުމަށް ހިދުމަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޝަރުއީ ދާއިރާ އާއި ޕްރައިވެޓް ސެކްޓަގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ވިލާ ކޮލެޖުން މިހާތަނަށް ޝަރީއާ ދާއިރާ އިން 1،000 އަށް ވުރެ ގިނަ ދަރިވަރުން ޑިގްރީ ފެންވަރުގައި ގްރެޑުޖުއޭޓް ވެފައިވާ އިރު މާސްޓާސް ފެންވަރުގައި 242 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފަ އެވެ.
ދަރިވަރުންނަށް ފަސޭހަވާނެ ގޮތަށް ކޯހުގެ ފީ ދެއްކޭނެ އިންތިޒާމު ވެސް ވިލާ ކޮލެޖުން ވަނީ ހަމަޖައްސައިފަ އެވެ. އޮންލައިންކޮށް، މަސް މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭއިރު އޮންލައިންކޮށް ކޯހަށް ކުރިމަތިލެވޭނެ ފުރުސަތު ވެސް އެބަ އޮތެވެ. އަންނަ އަހަރުގެ ފުރަތަމަ އިންޓޭކުގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. އެހެންވެ ވީހާ ވެސް އަވަހަކަށް ކޯހަށް ކުރިމަތިލުމަށް އެ ކޮލެޖުން އެދެ އެވެ.