މުސާރަ މައްސަލައިގައި ކުޅުންތެރިން އެފްއޭއެމަށް
މުސާރަ މައްސަލައިގައި ކުޅުންތެރިން އެފްއޭއެމަށް

މިި އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކްލަބްތަކުން ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ ހޯދަން ގިނަ ކުޅުންތެރިންތަކެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުށަހަޅަން ނިންމައިފި އެވެ.

އެފްއޭއެމްގެ ގަވައިދު ބުނާގޮތުން ސީޒަން ނިމޭތާ 30 ދުވަސް ނުވަނީސް އެ އަހަރަކު ނުލިބި ހުރި މުސާރަ ހޯދަން މައްސަަލަ ހުށަހެޅުމުގެ އިހުތިޔާރު ކުޅުންތެރިންނަށް ލިބިދެ އެވެ. މީގެ ކުރިން ވެސް މުސާރަ ނުލިބޭ މައްސަލައިގައި ކްލަބްތައް ގޮވައިގެން ގިނަ ކުޅުންތެރިންތަކެއް ވަނީ އެފްއޭއެމަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު ކުޅުންތެރިންގެ ޝަކުވާ އަކީ އެކަށީގެންވާ ވަރަށް މައްސަލަތައް ނުހިނގާ ކަމެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ކުޅުންތެރިންގެ މުސާރަ ހޯދުމަށް މުއްދަތުގެ ކުރިން މައްސަލަ ހުށަހެޅުމުން އެ އިދާރާގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން އެކަން ކުރިއަށްގެންދާނެ ކަމަށެވެ.

"މުސާރަ ހޯދަން ހުށަހެޅުމުގެ މުއްދަތެއްގެ ގޮތުގައި މި އޮންނަނީ ސީޒަން ނިމޭތާ 30 ދުވަސް ވުމުގެ ކުރިން އެހެންވީމަ މި މަހުގެ 30 ކުރިން ހުށަހަޅަންވާނެ. ދެން އެ ހިސާބުން އެފްއޭއެމުން އެކަން ކޮށްދޭން ފަށާނީ. މީގެ ކްލަބާ ވާހަކަ ދައްކައިގެން ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ގޮތެއް ނިންމާނީ. މީގެ އޮވޭ ކްލަބަށް އެޅޭނެ ގިނަ ފިޔަވަޅުތައް ވެސް. ޕޮއިންޓު އުނިކުރުމާއި ޖޫރިމަނާ ކުރުމާއި އޭގެ އިތުރުން ސަސްޕެންޝަން ވެސް އޮވޭ،" ޖަވާ ވިދާޅުވި އެވެ.

އެފްއޭއެމުން ވަނީ މި އަހަރު މުސާރަ މައްސަލައިގައި ނިއު ރޭޑިއަންޓާއި އަލީ އަޝްފާގު (ދަގަނޑޭ) ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ. މި އަހަރުގެ ޖޫން މަހުގެ ޓްރާންސްފާގައި ދަގަނޑޭ ހުށަހެޅި މައްސަލަ ބެލުމަށް ފަހު ޕްލޭޔާ ސްޓޭޓަސް ކޮމިޓީން ދަގަނޑޭ އާއި ނިއުއާ ދެމެދު ހެދި އެއްބަސްވުން ނިމުމަކަށް ގެނައީ ކޮންޓްރެކްޓްގައިވާ ގޮތަށް މުސާރަ ނުދޭތީ އެވެ.

ދަގަނޑޭގެ ކޮންޓްރެކްޓް މައްސަލައިގައި ޕްލޭޔާ ސްޓޭޓަސް ކޮމިޓީން އެހާ އަވަހަށް ގޮތެއް ނިންމީ ޓްރާންސްފާގެ މުއްދަތު ތެރޭގައި ހުށަހެޅި މައްސަލަ އަކަށްވާތީ ކަމަށް އެފްއޭއެމުން އޭރު ވަނީ ބުނެފަ އެވެ. ސީޒަން ނިމުމުން މައްސަލަ ހުށަހަޅާ ކުޅުންތެރިންގެ ކަންތައްތައް ލަސްވަނީ ކޮންމެ ކުޅުންތެރިއެއްގެ މައްސަލަ ބަލަނީ ވަކިން ކަމަށްވާތީ އެވެ. އަދި މީގެ ގޮތެއް ނިންމާއިރު އެފްއޭއެމުން ދެ ފަރާތުގެ މަސްލަހަތަށް ބަލާނެ ކަމަށް ވަނީ ބުނެފަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި އަހަރުގެ ނުލިބި ހުރި މުސާރަ ހޯދަން އެފްއޭއެމަށް އެންމެ ގިނައިން މައްސަލަ ހުށަހަޅަނީ ވިކްޓަރީގެ ކުުޅުންތެރިންނެވެ. ވިކްޓަރީގެ އާ ޗެއަމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ދާދި ފަހުން ވިދާޅުވީ ނުދީ އޮތް މުސާރައިގެ ސަބަބުން އެ ކްލަބް އޮތީ ވިއްސަކަށް ކުޅުންތެރިންނަށް 1.5 މިލިއަން ރުފިޔާ ދަރާފައި ކަމަށެވެ. އަދި ކުޅުންތެރިންނަށް އެ ފައިސާ ދިނުމުގައި ގޮތްތަކެއް ހޯދަން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

މުސާރަ މައްސަލައިގައި ހައްލުތަކެއް ހޯދަން އެފްއޭއެމުން ވަނީ އަންނަ އަހަރުން ފެށިގެން މުސާރަދޭ އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. އެފްއޭއެމުން ބުނީ އޭގެ އެންމެ ބޮޑު ބޭނުމަކީ ކުޅުންތެރިންނަށް ދޭ މުސާރަ ބަރާބަރަށް ލިބޭނެ ގޮތެއް ހެދުމަށާއި މުސާރަތައް ދެވޭ ފެންވަރަށް ކޮންޓްރޯލް ކުރުން ކަމަށެވެ.