28 ޑިސެމްބަރ 2018 - 07:15

ތަފާތު ކަންކަން ތަޖުރިބާކޮށްލަން ބޭނުންވާ މީހުން ގިނަ އެވެ. ފްރާންސްގެ، އުމުރުން 71 އަހަރުގެ ޖީން-ޖެކްއެސް ސެވިން ނުކުތީ މާކަނޑަށެވެ. އޭނާގެ ބޭނުމަކީ ދުނިޔޭގެ އެންމެ ބޮޑެތި ކަނޑުތަކުގެ ތެރޭގައި ހިމެނޭ އެޓްލާންޓިކް ކަނޑު ތިން މަސް ދުވަހުގެ ތެރޭގައި ހުރަސްކުރުމެވެ.
އެކަން ކުރަނީ މުޅިން ތަފާތު އުޅަނދެއްގެ އެވެ. މި ދަތުރަށް ސްޕެއިންގެ ކެނެރީ އައިލެންޑުން ސެވިން ފަށަނީ އޭނާ އެކަމަށް ހާއްސަކޮށްގެން ބަނދެފައިވާ އުޅަނދެއްގަ އެވެ. ބެރެއްގެ ބައްޓަމަށް އޮތް މި އުޅަނދަކީ ދިގުމިނުގައި ތިން މީޓަރު އަދި ފުޅާ މިނުގައި 2.10 މީޓަރު ހުރި އެއްޗެކެވެ. ޕްލައިވުޑްގައި ރެޒިން ކޯޓެއްގައި ލައިގެން މި ފަރުމާކޮށްފައި ވަނީ އެތެރޭގައި ދަތިކަމެއް ނެތި އުޅެވޭ ގޮތަށެވެ.
އެގޮތުން މި ބެރު ތައްޔާރުކޮށްފައި ވަނީ ނިދާނެ ތަނާއި ފަސޭހައިން ކެއްކޭނެ އިންތިޒާމާއި އެތެރޭގައި އޮންނަ އިރު ކަނޑުގެ އަޑިވެސް ބެލޭނެ ގޮތަށެވެ.
ތިން މަސް ދުވަހުގެ ތެރޭގައި، ބެރެއްގައި ދަތުރުކޮށްގެން އެޓްލާންޓިކް ކަނޑު ހުރަސްކުރަން ސެވިން އާދީއްތަ ދުވަހު ދަތުރު ފަށާ އިރު، އޭނާގެ 72 ވަނަ އުފަން ދުވަސް ވެސް މި ފަހަރު ފާހަގަކުރާނީ ކަނޑުމަތީގަ އެވެ. އެއީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ. އޭނާ ބުނި ގޮތުގައި ދަތުރަށް ނައްޓައިލަނީ އުފަން ދުވަހުގެ ސެލެބްރޭޝަނަށް ވެސް ބޭނުންވާ އެއްޗެހި ހިފައިގެންނެވެ.
ސެވިންއަކީ ކުރިން މިލިޓަރީ ޕެރަޓްރޫޕާއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. މީގެ އިތުރުން ޕައިލެޓްކަމާއި ޕާކް ރޭންޖާއެއްގެ ޒިންމާތަކެއް ވެސް އޭނާގެ ގައިގެ ބާރު އެންމެ ގަދަ ދުވަސްވަރު ނަގާފައިވެ އެވެ.
"އަހަންނަށް ވަރަށް ޔަގީން މި ދަތުރު ކާމިޔާބުކޮށް ޓާގެޓަށް ވާސިލު ވެވޭނެ ކަމަށް،" ސެވިން އޭއެފްޕީ އަށް ބުންޏެވެ. "މި ދުވަސްކޮޅު މޫސުން ވެސް ވަރަށް ރީތި އަދި ކަނޑު ވެސް މަޑުކޮށް މިއޮތީ. އެހެންވީމާ މާ ބޮޑު ޗެލެންޖަކަށް މިކަން ވާނެ ހެނެއް ހިއެއް ނުވޭ."
ސެވިން ބުނި ގޮތުގައި މި ދަތުރުގެ ތެރޭގައި އޭނާ އެޓްލާންޓިކް ކަނޑުގެ އޮއިވަރު ވަރަށް ބޮޑަށް މޮނިޓަ ކުރާނެ އެވެ. އެގޮތުން ދަތުރުގެ ތެރޭގައި އޭނާ އެއްކުރާ މައުލޫމާތުތައް އިންޓަނެޝަން މެރިން އޮބްޒަވޭޓްރީގެ ދިރާސާތަކަށް ހިއްސާކުރާނެ ކަމަށް ބުންޏެވެ.
ސެވިންގެ މި ދަތުރަށް ފްރާންސްގެ ޖަމިއްޔާއެއް ކަމަށްވާ ޖޮއިންޓް ޓެކްނިކަލް ކޮމިޝަން ފޮ އޯޝަނަގްރީ އެންޑް މެރިން ޓެކްނޮލޮޖީ އޮބްޒާވިން ޕްރޮގްރާމްސް ސަޕޯޓް ސެންޓަރު (ޖޭސީއޯއެމްއެމްއޯޕީއެސް) އެހީތެރިކަން ލިބެ އެވެ.