ގޮތެއް ނިންމަން ބާސެލޯނާ އިން ވަލްވޭޑޭ އަށް އަންގައިފި
ގޮތެއް ނިންމަން ބާސެލޯނާ އިން ވަލްވޭޑޭ އަށް އަންގައިފި

ބާސެލޯނާ (ޑިސެމްބަރު 27) - ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ އެ ޓީމާ އެކު ކުރިއަށްދާން ބޭނުންނަމަ އަވަހަށް ގޮތެއް ނިންމުމަށް އެ ކްލަބުގެ ބޯޑުން އޭނާ އަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވަލްވޭޑޭ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހަށް ހަމަވާނެ އެވެ. ބާސެލޯނާ އިން ބޭނުންނަމަ އިތުރު އެއް އަހަރު ވަލްވޭޑޭ އެ ޓީމުގެ ކޯޗަކަށް ބެހެއްޓުމުގެ އިހުތިޔާރު އެ ކްލަބަށް އެބައޮތެވެ. އެކަމަކު އެ ޓީމުން އެ ފުރުސަތުގެ ބޭނުން ހިފާނީ ވަލްވޭޑޭ އެ ގޮތަށް ރުހޭނަމަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ވަލްވޭޑޭ ބުނީ އޭނާ އެންމެ ބޮޑަށް ވިސްނަނީ ބާސެލޯނާއާ އެކު ހަދާފައި އޮތް އެއްބަސްވުމަށް ނޫން ކަމަށާއި އެ އަށް ވުރެ ބޮޑަށް ސަމާލުކަން ދެނީ މި ސީޒަނުގައި ބާސެލޯނާ އަށް ކާމިޔާބު ހޯދައިދޭން ކަމަށެވެ.

މި މަހުގެ ކުރީކޮޅުގައި ބާސެލޯނާގެ ބޯޑް މެމްބަރުންނާއި ވަލްވޭޑޭއާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު އެ ކްލަބުން ވަނީ ވެލެންސިއާ އަށް ކުޅޭ ކޮލަމްބިއާގެ ޑިފެންޑަރު ޖޭސަން މުރީއޯ ގެނެސްފަ އެވެ. މި ސީޒަނުގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުން މުރީއޯ ގެނައި ނަމަވެސް ބާސެލޯނާ އިން ބޭނުންނަމަ އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭނެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާ އިން އެ ބައްދަލުވުމުގައިވަނީ ވަލްވޭޑޭގެ މުސްތަގުބަލާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. އެކަމަކު ވަލްވޭޑޭގެ މާ ބޮޑު އެއްބާރުލުމެއް ނުލިބުމުން ވާހަކަތައް ކުރިޔަށް ނުދިޔަ އެވެ. ބާސެލޯނާ އިން މިހާރު އަންގާފައިވަނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ބާސެލޯނާގައި މަޑުކުރުމާ މެދު ވަލްވޭޑޭގެ ނިންމުމެއް އެ ކްލަބަށް އެންގުމަށެވެ.

ބާސެލޯނާ އިން ވަލްވޭޑޭ އަށް މި ގޮތަށް އެނގީ ވަގުތު އޮއްވައި އެ ޓީމަށް އާ ކޯޗެއް ހޯދަން ބޭނުންވާތީ އެވެ. ވަލްވޭޑޭގެ ކުރިން ބާސެލޯނާގެ ކޯޗަކަށް ހުރި މިހާރު ސްޕެއިން ގައުމީ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ވެސް އެ ޓީމު ދޫކޮށްލާކަން ވަނީ ދުރާލާ ކްލަބްގެ ވެރިންނަށް އަންގައިފަ އެވެ.

ވަލްވޭޑޭ ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު ބިލްބާއޯގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ އޮލިމްޕިއާކޯސް އަށް ދެ ފަހަރު އަދި ވިޔަރެއާލާއި ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ ދެ ވަނަ ފަހަރަށް ބިލްބާއޯއާ ހަވާލުވީ 2013 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާއާ ހަވާލުވެ ވަލްވޭޑޭ ވަނީ އެ ޓީމަށް ސްޕެނިޝް ލީގާއި ކޮޕަ ޑެލް ރޭ ކާމިޔާބު ކޮށްފަ އެވެ. މި ފަހަރު އޭނާގެ އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގެވެ.

ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ކުޅޭނީ ފްރާންސްގެ ލިޔޯންއާ އެވެ.