28 ޑިސެމްބަރ 2018 - 07:22

އެންމެ ފުރަތަމަ މިދިޔަ އަހަރު ރިލީޒް ކުރާ ގޮތަށް އޮތް އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ވާހަކަ ކިޔައިދޭ ފިލްމު "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ވިޖޭ ރަޓްނާގަރު ގުއްޓޭ ޑައިރެކްޓްކޮށްފައިވާ ފިލްމުގައި މަންމޯހަންގެ ރޯލް ކުޅެފައި ވަނީ އަނޫޕަމް ކޭރެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަކްޝަޔޭ ކަންނާ، އަހާނާ ކުމްރާ އަދި އަރްޖުން މާތޫރު ހިމެނެ އެވެ. "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" އަކީ ހަމަ އެ ނަމުގައި ސަންޖޫ ބަރޫ 2014 ގައި ނެރުނު ފޮތަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
މި ފިލްމު އެންމެ ފަހުން ރިލީޒް ކުރާ ގޮތަށް އޮތީ މި މި މަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް ޝާހްރުކް ހާންގެ "ޒީރޯ" އާ ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ނުދާންވެގެން ފިލްމު ލަސްކުރީ އެވެ.
މިހާރު ތާވަލުކޮށްފައިވާ ގޮތުން "ދި އެކްސިޑެންޓަލް ޕްރައިމް މިނިސްޓާ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.
އަނިލް ކަޕޫރާއި ދަރިފުޅު ސޯނަމް ކަޕޫރު އެކީގައި ކުޅެފައިވާ ފިލްމު "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ޝެލީ ޗޯޕްޅާ ދާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އަނިލް އާއި ސޯނަމް ދެބަފައިންގެ ރޯލްގެ ކުޅެފައިވާ އިރު، ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖޫހީ ޗާވްލާ އަދި ރާޖްކުމާރު ރާއޯ ހިމެނެ އެވެ. ޓްރެއިލާ އިން ފެންނަ ގޮތުގައި މިއީ ވަރަށް ޖަޒުބާތީ އާއިލީ ވާހަކައެއް ކިޔައި ދޭނެ ފިލްމަކަށް ވާނެ އެވެ.
"އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ. މި ފިލްމަކީ ވެސް ކުރިން މި އަހަރު ރިލީޒް ކުރަން އޮތް ފިލްމެކެވެ.
އިންޑިއާގެ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީ ޝިވް ސެނާގެ ބާނީ ބަލް ތަކެރީގެ ވާހަކަ ކިޔައިދޭ ފިލްމު "ތަކެރީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމުގައި ތަކެރީގެ ރޯލް ނަވާޒުއްދީން ސިއްދީގީ ކުޅެފައިވާ އިރު، އޭނާގެ އަންހެނުންގެ ރޯލުން ފިލްމުން ފެނިގެން ދާނީ "ވިވާހް" އާއި "މޭ ހޫ ނާ" ފަދަ ފިލްމުތައް ކުޅުނު އަމްރިތާ ރާއޯ އެވެ. އޭނާއަކީ މިހާރު ފިލްމުތަކުން ގެއްލިފައިވާ ބަތަލާއެކެވެ.
އަބިޖީތު ޕަންސޭ ޑައިރެކްޓްކޮށްފައިވާ "ތަކެރީ" ވެސް ރިލީޒް ކުރާ ތާރީހު އެކި ފަހަރު މަތިން ލަސްކުރަމުން އައިސް މިހާރު ސިނަމާތަކަށް ފިލްމު ވަންނަ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.
އަންނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރަން އޮތް ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ "މޭޑް އިން ޗައިނާ" ރިލީޒް ކުރާ ތާރީހު ފަސްކޮށްފި އެވެ.
ރާޖްކުމާރު ރާއޯ އާއި މޯނީ ރޯއި ލީޑް ރޯލުން ފެނިގެންދާ މި ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ.
ބެލެވޭ ގޮތުން ފިލްމު ލަސްކުރި މައިގަނޑު އެއް ސަބަބަކީ އޮގަސްޓް 15 ގައި ވަރުގަދަ އެހެން ތިން ފިލްމެއް ވެސް ރިލީޒް ކުރަން ތާވަލު ކުރުމެވެ. އެއީ އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" އާއި ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" ގެ އިތުރުން ޕްރަބާސްގެ "ސާހޯ" އެވެ.
މިކިލް މުސާލޭ ޑައިރެކްޓްކޮށް ގެނެސްދޭ "މޭޑް އިން ޗައިނާ" ގެ ޝޫޓިން ވެސް ދާދި ފަހުން ވަނީ ނިންމާލައިފަ އެވެ.
ކުރީގެ ރީތި ލަވަތައް ގަޑުބަޑު ކުރަން ބޮލީވުޑްގައި އަރާފައިވާ ފޯރިގަނޑުގެ ތެރެއިން އަނެއްކާ ވެސް ކުރީގެ ވަރަށް މަގުބޫލު ރީތި ލަވައެއްގެ މިއުޒިކާ ކުޅެލައި، އެ ލަވަ ބެލުންތެރިންނަށް ދައްކާލައިފި އެވެ.
މި ލަވައަކީ އަންނަ މަހުގެ 25 ގައި ރިލީޒް ކުރާ "ޗީޓް އިންޑިއާ" ހިމެނޭ "ދިލް މެ ހޮ ތުމް" އެވެ. މި ލަވައަކީ 1987 ގެ ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގައި ހިމެނޭ "ދިލް މެ ހޮ ތުމް" ގެ ތެރެއަށް ޒުވާން މިއުޒިޝަން އަރުމާން މާލިކްގެ މިއުޒިކް ގަޑުބަޑުކޮށްގެން އޭނާ ކިޔާފައިވާ ލަވައެކެވެ. ލަވައިން ފެނިގެން ދާނީ އިމްރާން ހާޝިމީ އާއި ޝްރެޔާ ދަންވަންތަރީ އެވެ.
ކުރީގެ އަސަރު ގަދަ ލަވައިން ވިނޯދު ކަންނާ އާއި އަނީތާ ރާޖް ފެނިގެންދާ އިރު، އެ ލަވަ ކިޔާފައި ވަނީ ބައްޕީ ލެހެރީ އެވެ.