28 ޑިސެމްބަރ 2018 - 07:21

އަންނަ މަހު ރިލީޒްކުރާ ތާރީހީ ފިލްމު "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" ބަލައިފައި، ފިލްމީ ދާއިރާގައި ތިބި އޭނާ އަށް ފާޑު ކިޔާ މީހުންނާއި ކްރިޓިކުންގެ އަނގަ ބަންދުވާނެ ކަމަށް އެ ފިލްމުގެ ބަތަލާ އަދި ޑައިރެކްޓަރު ކަންގަނާ ރަނާވަތު ބުނެފި އެވެ.
އޭނާ ބުނި ގޮތުގައި ކެރިއަރުގެ މި ހިސާބަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ ނުރުހުންތަކާއި ފާޑުކިޔުންތަކާ އެކުގަ އެވެ. އެކަމަކު ބުރަކޮށް މަސައްކަތްކުރާ މީހަކަށް އަބަދުވެސް ކާމިޔާބީ ލިބޭނެ ކަމަށް، ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުންޏެވެ.
ކަންގަނާ ބުނި ގޮތުގައި އޭނާ ޑައިރެކްޝަނުގައި ވެސް ހިއްސާވާ "މަނިކަރުނިކާ" އަކީ ކެރިއަރުގެ އެންމެ ހާއްސަ އަދި އޭނާގެ ކެރިއަރު މުޅިން އެހެން ހަރުފަތަކަށް ގެންނާނެ ފިލްމެއްކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ.
"މިހާތަނަށް އަހަންނާ ބެހޭ ގޮތުން ރަނގަޅު އެއްވެސް ވާހަކައެއް ނުދައްކާ މީހުންނާއި ފިލްމު ކްރިޓިކުންގެ އަނގަ ވެސް މި ފަހަރު [މަނިކަރުނިކާ] ބަލާފައި ބަންދުވާނެ،" މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކަންގަނާ ބުންޏެވެ. "އަދި އަހަރެންގެ މަސައްކަތްތަކާ ބެހޭ ގޮތުން ހެޔޮހިތުން އަދި އިންސާފުވެރިކަމާ އެކު ވާހަކަ ދައްކާ މީހުންގެ އަނގަތައް މި ފަހަރު ބަންދު ނުވެ އަހަންނަށް ތައުރީފު އިތުރަށް އޮއްސާނެ. އެހެންވީމާ މަނިކަރުނިކާއާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. މޮޅު، ރީތި އަދި ފުރިހަމަ ފިލްމަކަށް މި ފިލްމު ވާނެ."
"މަނިކަރުނިކާ" ރިލީޒްކުރާނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ. މި ފިލްމުގެ ޓްރެއިލާ ވެސް ދާދި ފަހުން ދައްކާލައިފައިވާ އިރު، ގިނަ ބަޔަކު ވަނީ އެއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ވަކިން ހާއްސަކޮށް ކަންގަނާ ފެނިގެންދާ ގޮތް ވަރަށް ވެސް ޝައުގުވެރި ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
ކަންގަނާ ބުނި ގޮތުގައި މި ފިލްމުގެ ސްކްރީންޕްލޭ އަށް ލިޔުންތެރިޔާ ކޭވީ ވިޖެންދުރަ ޕްރަސާދު ވަނީ ވަރަށް މަސައްކަތްކޮށްފަ އެވެ. އަދި އޭނާގެ ސްކްރީންޕްލޭ އަށް ވަރަށް ފުރިހަމަ އަށް އިންސާފުކޮށް ދީފައިވާނެ ކަމަށް ބުންޏެވެ. ވިޖެންދުރަ "ބާހްބަލީ" ގެ ވެސް ލިޔުންތެރިޔާ އެވެ.
"މަނިކަރުނިކާ" ގައި ޑައިރެކްޝަނުގައި ހިއްސާވުމަށް ފަހު، ކަންގަނާގެ މިސްރާބު ކުރިއަށް ހުރީ ޑައިރެކްޓް ކުރުމާ ދިމާއަށެވެ. އެގޮތުން އޭނާ ދެން ޑައިރެކްޓް ކުރާ ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔެދޭނީ ވިޖެންދުދަ ކަމަށް ބުންޏެވެ.
"އެއީ ލޯބީގެ ފިލްމެއް. އެކަމަކު ވަރަށް ތަފާތު އެންގަލުން ފިލްމުގެ ވާހަކަ ގެނެސް ދީފައި ހުންނާނީ،" ކަންގަނާ ބުންޏެވެ.
"މަނިކަރުނިކާ" ގެ އިތުރުން އަންނަ އަހަރު ރިލީޒް ވާނެ ކަންގަނާގެ ފިލްމުތަކުގެ ތެރޭގައި "މެންޓަލް ހޭ ކިޔާ" އާއި "ޕަންގާ" ހިމެނެ އެވެ.