ދިރިއުޅުމަށް ތަންތަން ކުއްޔަށް ދިނުމާ ބެހޭ ގާނޫނެއް ސަރުކާރުން ޑްރާފްޓް ކުރަނީ
ދިރިއުޅުމަށް ތަންތަން ކުއްޔަށް ދިނުމާ ބެހޭ ގާނޫނެއް ސަރުކާރުން ޑްރާފްޓް ކުރަނީ

ދިރިއުޅުމަށް ތަންތަން ކުއްޔަށް ދިނުމާ ބެހޭ ގާނޫނެއް ހެދުމަށްޓަކައި ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.

ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ހިޔާވަހި ކަމަށް އިމާރާތް ކުއްޔަށް ދިނުމާ ބެހޭ ގާނޫނެއް ޑްރާފްޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެކަމަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އެކަމަކު އެ ބިލާ ބެހޭ އިތުރު ތަފްސީލެއް އެ މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ.

ބައެއް ގައުމުތަކުގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ގާނޫނުތަކުން ކޮންޓްރޯލް ކުރިޔަސް، ރާއްޖޭގައި ކުލި ކޮންޓްރޯލް ކުރާ އުސޫލުތަކެއް އެއްވެސް އިރަކު ނޯވެ އެވެ. އެހެންވެ، ކުލި ބޮޑުވުމުގެ މައްސަލައަކީ މާލޭގައި އަބަދުވެސް ބޮޑު ޝަކުވާ އެކެވެ.

ދިރިއުޅުމަށް ތަންތަން ކުއްޔަށް ދިނުމާ ބެހޭ ބިލެއް 2014 ވަނަ އަހަރު އުވިދިޔަ ރައްޔިތުންގެ މަޖިލީހަށް އޭރުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ހުށަހެޅުއްވި އެވެ. އެ ބިލަކީ ކުލީގެ އަގު ގާނޫނަކުން ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ރައްކާތެރި ކުރަން ހުށަހެޅި ބިލެކެވެ. އެކަމަކު އޭރު މަޖިލީހުން އެ ބިލް ފާހެއް ނުކުރެ އެވެ.