26 ޑިސެމްބަރ 2018 - 17:30

ކުރީގެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓް (އެމްއާރްޑީސީ)ގެ 709 އަށް ވުރެ ގިނަ މުވައްޒަފުންނަށް މިހާރު ތިބެން ޖެހިފައި ވަނީ ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގަ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު އެމްއާރްޑީސީ އުވާލާ، ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަންގެ ދަށަށް އެމްއާރްޑީސީގައި މަސައްކަތް ކުރި 709 މުވައްޒަފުން ބަދަލުކޮށްފައިވެ އެވެ. އެއީ 463 ދިވެހި މުވައްޒަފުންނާއި 246 ބިދޭސީ މުވައްޒަފުންނެވެ. އެއްބަސްވުމެއްގެ ދަށުން މުވައްޒަފުން މަސައްކަތްތައް ބަދަލުވެގެން ދިޔައީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.
މި ހުރިހާ މުވައްޒަފުންވެސް ކޮންޓްރެކްޓް ހަމަވަނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހަށެވެ. އަދި މުވައްޒަފުންނާ މެދު ގޮތެއް ނުނިންމައިދީ މަސައްކަތުގައި މުވައްޒަފުން ގެންގުޅޭތީ އެމްއާރްޑީސީ އަށް ނިސްބަތްވާ މުވައްޒަފުންގެ ބޮޑެތި ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. ވަޒީފާގެ ޔަގީންކަން ހޯދުމަށް އެތައް ފަހަރެއްގެ މަތިން ކުރީގެ ސަރުކާރުގެ އިސްވެރިންނާ އެމްއާރްޑީސީގެ މުވައްޒަފުން އެކި ފަހަރު މަތިން ބައްދަލުކޮށްފައިވެ އެވެ.
އެމްއާރްޑީސީން ޕަބްލިކް ވޯކްސް އަށް ބަދަލުވި މުވައްޒަފަކު ބުނީ ސަރުކާރުގެ އިސްވެރިން އަބަދުވެސް ވިދާޅުވަމުންދަނީ ދެރަގޮތެއް ނުވާނެ ކަމަށެވެ. އެހެން ކިޔަމުންދާތާ އެއް އަހަރު ވަނީ ކަމަށް އޭނާ ބުންޏެވެ.
އެމްއާރްޑީސީގެ މުވައްޒަފުންގެ ޝަކުވާތަކާ ގުޅިގެން މި އަހަރުގެ ޖުލައި 22 ވަނަ ދުވަހު ހައުސިން މިނިސްޓްރީން މެމޯއެއް ނެރެފައިވެ އެވެ.
"މުވައްޒަފުން ބަދަލުވެފައިވަނީ އެއް އަހަރު ދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ކަމުގައިވީ ނަމަވެސް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އިތުރު ތިން އަހަރު ދުވަހަށް އިތުރު ކުރުމަށް ސަރުކާރުން ނިންމިފައިވާ ކަން ހުރިހާ މުވައްޒަފުންގެ މައުލޫމާތުތަކަށްޓަކައި ދެންނެވީމެވެ." މެމޯގައި ބަޔާންކޮށްފައިވެ އެވެ.
މިގޮތަށް މުއްދަތު އިތުރު ކުރެވޭނީ މިހާރު ހެދިފައިވާ ކޮންޓްރެކްޓް ހަމަވާ ދުވަހުން ފެށިގެން އިތުރު ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އެ މެމޯގައި ބުނެފައިވެ އެވެ.
މިގޮތުގެ މަތިން މިނިސްޓްރީ އާއި މުވައްޒަފުންނާއި ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރިއަށްދާނެ ކަމަށް ހައުސިން މިނިސްޓްރީގެ އޭރުގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު މާހިދު ޝަރީފު ފޮނުވި މެމޯގައި ބުނެފައިވެ އެވެ.
މިއާ އެކު އެމްއާރްޑީސީގައި މަސައްކަތް ކުރި މުވައްޒަފުންގެ ކޮންޓްރެކްޓްތަކަށް ބަދަލު ގެނެސް ހައުސިން މިނިސްޓްރީއަށް ފޮނުވި އެވެ. އެހެން ނަމަވެސް ހަ މަސް ދުވަސް ވުމާ ގާތްވެފައިވާ އިރު ވެސް ހައުސިން މިނިސްޓްރީގެ އިސް ވެރިންނަށް އަލަށް އެކުލަވާލެވުނު އެއްބަސްވުމުގައި ސޮއި ކުރެވިފައެއް ނުވެ އެވެ.
"މިހާރު މިއޮތީ ވަޒީފާ ގެއްލޭ ހިސާބުގައި. ދެން މިހާރު އަނެއްކާވެސް މުވައްޒަފުންނަށް ގޮތެއްވޭތޯ މިނިސްޓްރީއަށް ގޮސް ވެސް ވާހަކަ ދައްކާފައިވަނީ. މިހާރު އަނެއްކާ ވެސް ބުނަނީ ހުރިހާ މުވައްޒަފުންނަށް ރަނގަޅު ގޮތެއް ވާނެ އޭ،" އެމްއާރްޑީސީގެ ކުރީގެ މުވައްޒަފަކު ބުންޏެވެ.
އެހެން މުވައްޒަފަކު ބުނީ، މުވައްޒަފުންނަށް ގޯސް ގޮތެއް ނުވާނެއޭ ކޮންމެ ސަރުކާރަކުން ވެސް ބުނެލާފައި ތިބެނީ ކަމަށާއި ސިޔާސީ ބޭނުންތަކަށް ނިންމާ ނިންމުމުގެ ސަބަބުން ގެއްލުން ވަނީ އާދައިގެ މުވައްޒަފުންނަށް ކަމަށެވެ.
"އެތައް ބައިވަރު އާއިލާއަކަށް މިކަމުގެ ގެއްލުންތައް މި ކުރިމަތިވަނީ. އަނިޔާއަކަށް މިކަން މިވަނީ. އޭރުގައި ދާއިމީ ވަޒީފާތަކުގައި އުޅެފައި ކުންފުނި އުވާލުމާ އެކީ ކޮންޓްރެކްޓް މުވައްޒަފުންނަށް ބަދަލުވެގެން ދިޔައީ،" އޭނާ ބުންޏެވެ.
އެމްއާރްޑީސީގައި ކުރީގެ މުނިސިޕަލްޓީގައި މަސައްކަތް ކުރި މުވައްޒަފުން ވެސް އުޅެނެ އެވެ. އެގޮތުން ވަޒީފާގައި 30 އަހަރު ވެފައިވާ މުވައްޒަފުންނާއި 15 އަހަރު ވަޒީފާގައި ހޭދަކޮށްފައިވާ މުވައްޒަފުން ވެސް ތިބޭނެ ކަމަށް ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރާ ކުރީގެ އެމްއާރްޑީސީގެ މުވައްޒަފަކު ބުންޏެވެ.
ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަ ޑރ. މުހައްމަދު މުއިއްޒާ ވެސް އެކި ފަހަރު މަތިން އެމްއާރްޑީސީގެ މުވައްޒަފުން ބައްދަލުކޮށްފައިވެ އެވެ. ރިޔާސީ އިންތިހާބުގެ އެއް ދުވަސް ކުރިން މުއިއްޒު ވަނީ އެމްއާރްޑީސީގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފަ އެވެ.
ޕަބްލިކް ވޯކްސްގައި ކޮންޓްރެކްޓަށް މަސައްކަތް ކުރާ މުވައްޒަފަކު ބުނީ މި އަހަރުގެ ޖުލައި މަހު ހައުސިން މިނިސްޓްރީ އަށް ފޮނުވާފައި ކޮންޓްރެކްޓްތަކުގައި ސޮއިކޮށްފައި އޮތް ކަން ނޭންގޭ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ. އަދި ކޮންޓްރެކްޓްތަކުގައި ސޮއި ކުރުމުގެ ކަންކަން އަވަސް ކޮށްދޭނެ އޭރު ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.
އެމްއާރްޑީސީގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނީ، މިސަރުކާރުގެ ތެރެއިން ހައްލެއް ލިބޭތޯ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެދެވޭ ޖަވާބެއް ނުލިބޭ ކަމަށެވެ. މުވައްޒަފުން ބޭނުންވަނީ ވަޒީފާގެ ޔަގީންކަން ލިބޭނެ ފަދަ ގޮތެއް ވީހާވެސް އަވަހަކަށް ވުން ކަމަށް އޭނާ ބުންޏެވެ.
"އެންމެ ފަހުން މި ސަރުކާރުން ބުނެފައިވަނީ ޖެނުއަރީ 15 ހިސާބުގައި ގޮތެއް ނިންމިގެންދާނެ ކަމަށް. އަސްލު އޭރުން ވަރަށް ލަސްވޭ. އާއިލާއާ އެކު މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުން ގިނައީ. އަދި ނުވިތާކަށް ލޯނުތަކާއި އެނޫން ގޮތްގޮތަށް ވެސް ކޮންމެ މަހަކު ފައިސާ ދައްކަންޖެހޭ. ޖެނުއަރީ 15 ގައި ވަޒީފާތައް އުވާލާނެ ކަމަށް ނިންމައިފިއްޔާ ވަޒީފާ ހޯދުމަށް އެހާ އުނދަގޫވާނެ،" މުވައްޒަފަކު ކިޔއި ދިނެވެ.
އެމްއާރްޑީސީގެ އެހެން މުވައްޒަފަކު ބުނި ގޮތުގައި މިހާރު ވެސް ސަރުކާރުން ހިންގާ އިންފްރާސްޓްރަކްޗާގެ ބޮޑެތި މަސައްކަތްތައް ކުރަނީ ޕަބްލިކް ވޯކްސްގައި މަސައްކަތް ކުރާ އެމްއާރްޑީސީގެ މުވައްޒަފުންނެވެ. އެގޮތުން އެންމެ ފަހުން ކުރިއަށް ގެންދިޔަ ރިންގް ރޯޑުގެ މަސައްކަތް ކުރުމުގައި ވެސް މަސައްކަތް ކުރީ އެމްއާރްޑީސީއަށް ނިސްބަތްވާ މުވައްޒަފުން ކަމަށެވެ.
"އަނގަބަހުން އެގްރީމެންޓްގެ މުއްދަތު އިތުރުކޮށްދޭނަމޭ ބުނެ، މުވައްޒަފުންގެ ބޭނުން ސަރުކާރުން ކުރަނީ. މުވައްޒަފުން މަސައްކަތް ކުރަނީ ވަޒީފާގައި ދެމި ތިބޭނޭ ކަމުގެ އުންމީދުގައި. އަވަސް ޖަވާބެއް ސަރުކާރުން އެބަ ދެއްވަންޖެހޭ،" އެމްއާރްޑީސީގެ މުވައްޒަފަކު ބުންޏެވެ.
ކުރީގެ އެމްއާރްޑީސީގެ މުވައްޒަފުންނާ ގުޅޭ ގޮތުން މި ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީން އަދި ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.