ޔާމީން ހައްޔަރު ކުރަން ފުލުހުން ފަހެއް ނުޖެހޭނަން: އެކްޓިން ޕޮލިސް ކޮމިޝަަނަރު
ޔާމީން ހައްޔަރު ކުރަން ފުލުހުން ފަހެއް ނުޖެހޭނަން: އެކްޓިން ޕޮލިސް ކޮމިޝަަނަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތުތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގުގައި އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ގަބޫލުކުރެވޭ ނަމަ އެކަމުގައި ފުލުހުން ފަސް ނުޖެހޭނެ ކަމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޔާމީން ހައްޔަރު ކުރަން ފުލުހުން ފަހެއް ނުޖެހޭނަން: އެކްޓިން ޕޮލިސް ކޮމިޝަަނަރު
ޔާމީން ހައްޔަރު ކުރަން ފުލުހުން ފަހެއް ނުޖެހޭނަން: އެކްޓިން ޕޮލިސް ކޮމިޝަަނަރު

ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނާއި މަނީލޯންޑެރިންގެ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ވަނީ ފްރީޒްކޮށްފަ އެވެ.

ޔާމީން ހައްޔަރު ކުރަން ފުލުހުން ފަހެއް ނުޖެހޭނަން: އެކްޓިން ޕޮލިސް ކޮމިޝަަނަރު
ޔާމީން ހައްޔަރު ކުރަން ފުލުހުން ފަހެއް ނުޖެހޭނަން: އެކްޓިން ޕޮލިސް ކޮމިޝަަނަރު

އެހާ ބޮޑެތި ކުށްތަކަކަށް ތުހުމަތުކުރެވޭއިރު، ފުލުހުންގެ އަތުގައި ހެކި ހުރެ، ޔާމީންގެ މައްސަލަ ލަސްކުރަމުންދާ ކަމުގެ ފާޑުކިއުން ވެސް ފުލުހުންނަށް އަމާޒުކުރެ އެވެ.

ފުލުހުންގެ މުއައްސަސާގެ މަސައްކަތްތަކާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި ޚާއްސަ އިންޓަވިއުގައި، ހަމީދު ވަނީ، ޔާމީންގެ ތަހުގީގާ ގުޅޭ ބައެއް ތަފްސީލުތައް ހިއްސާކުރައްވައިފަ އެވެ.

ހަމީދު ވިދާޅުވި ގޮތުގައި ޔާމީނަށް ތުހުމަތުކުރެވޭ މައްސަލަތައް ފުލުހުންނާ ހަމައަށް އައީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުންނެވެ. އެއީ ޔާމީންގެ ވެރިކަން ބަދަލުވުމުން، އެ މުއައްސަސާ އިން އިސްވެ ތަހުގީގުކުރަން ފެށި މައްސަލަތަކެއް ނޫން ކަމަށާއި އެމަނިކުފާން ވެރިކަމުގައި ހުންނަވަނިކޮށް ވެސް ފިޔަވަޅު އަޅައިދޭން އެދިފައިވާ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ވާތީ، އެކަން ބަލައިދޭން ފުލުސް އޮފީހަށް ހުށަހެޅީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. ރައީސް ޔާމީންގެ އެކައުންޓަށް ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކުރުމުން، އެކަން ބަލައިދިނުމަށް އެފްއައިޓީން ފުލުހުންނަށް ހުށަހެޅީ އިންތިހާބުގެ ކުރިންނެވެ.

އެފްއައިޔޫ ފަދަ ދައުލަތުގެ މުއައްސަސާތަކުން ހުށަހެޅި ކަންކަމަކީ ޔާމީން ވެރިކަމުގައި ހުންނެވިއިރު ވެސް ފުލުހުން ބަލަން ޖެހޭނެ މައްސަލަތަކެއް ކަމަށް ވިދާޅުވި އެވެ. އެކަމަކު، އޭރު އެ މައްސަލަތައް ހުރީ ނުބަލައި "ދޫކޮށްލާފައިވާ" ކަމަށް ހަމީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މަނީލޯންޑަރިންގެ މައްސަލަ އެފްއައިޔޫ އިން ހުށަހެޅުމުން، ތަހުގީގު ކުރުމުގެ ބަދަލުގައި ފުލުހުން އެކަން އެންގީ އެމަނިކުފާނަށެވެ.

"ބައެއް ބޭފުޅުން އަމަލުކޮށްފައި ހުރި ގޮތުން ގާނޫނީ ގޮތުން ހިފޭނެ ކަންތައްތަކެއް އެބަ ފާހަގަކުރެވޭ. އެއީ، ޚާއްސަކޮށް ޝައްކު އުފެދޭ ޓްރާންސެކްޝަނެއްގެ މައްސަލައިގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ފުލުހުންނަށް ހުށަހެޅީމަ، އެކަން ހުށަހެޅުނުކަން ފުރަތަމަ އެކަމުގެ ތުހުމަތު ކުރެވޭ ފަރާތަކަށް ނުވެސް ދެންނެވޭނެ،" ހަމީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް (ދައުލަތުގެ އިދާރާތަކުން) ހުށަހެޅިފައި ހުރި މައްސަލަތަކުގެ ތެރެއިން ކަންކަން ބަލަމުން މި އަންނަނީ. އޭގައި އަޅުގަނޑުމެންނަށް ލިބެން ޖެހޭ މައުލޫމާތާއި ހޯދަން ޖެހޭ ހެކިތަކާއި ސުވާލުކުރަން ޖެހޭ ފަރާތްތަކާ ސުވާލުކުރެވި ކުރިއަށް އެބަދޭ."

"އެ ތަހުގީގު ތެރެއިން ހައްޔަރުކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ފުލުހުން އެކަން ކުރާނެ. އެއީ، ރައީސް ޔާމީން ކަމުގައި ވިއަސް އަދި އެހެން ބޭފުޅަކު ވިއަސް،" ހަމީދު ވިދާޅުވި އެވެ.

ޔާމީނާ ދެކޮޅަށް މުއައްސަސާތަކުން ހުށަހަޅާފައިވާ ހެކިތަކުން އެމަނިކުފާނު ހައްޔަރު ކުރެވިދާނެތޯ ސުވާލު ދެންނެވުމުން، ތަހުގީގު ކުރިއަށްދާތީ އެ ތަފްސީލުތައް ނުދެއްވި އެވެ.

ޔާމީންގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ، ހަމީދު ވިދާޅުވި ގޮތުގައި، ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމްގެ މަޝްވަރާއާ އެކު ވަރަށް ޕްރޮފެޝަނަލްކޮށެވެ.

"ދެން ހައްޔަރުކޮށްގެން ތަހުގީގު ކުރުންތޯ މީގައި ކުރަން ޖެހޭ ގޮތަކީ؟ އަޅުގަނޑުމެންގެ ތެރޭގައި މިހާރު އެބައޮތް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނީ އޮނިގަނޑުތަކާއި އުސޫލްތައް ވެސް. އޭގެތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ހަމީދު ވިދާޅުވި އެވެ.

ހެކި ހުރެ، ޔާމީންގެ މައްސަލަ ތަހުގީގު ކުރުމުގައި ލަސްތަކެއް ހުރި ކަމަށް ކުރާ ތުހުމަތަށް ވެސް ޖަވާބު ދެއްވި އެވެ.

"ވަރަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތައް ކުރެވިފައި ހުރުމާ އެކު ގަބޫލުކުރަން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން. އެ ތުހުމަތުތައް އަޅުގަނޑުމެން ބަލާއިރު، އެ އުއްމީދުކުރާ ހަލުވިކަމާ އެކު ގެންގޮސް އޭގެތެރެއިން ގޯސްތަކެއް ހަދައި، ކޭސްއަކަށް ނުވާވަރުގެ ކޭސްއެއް ބިލްޑްކުރުމުގެ ވިސްނުމެއް ނޫން ގެންގުޅެނީކީ،" ހަމީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ތަހުގީގު ހިންގަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އެމަނިކުފާނުގެ ވަކީލުން ކުރައްވާ ތުހުމަތު ވެސް އެކްޓިން ކޮމިޝަނަރު ދޮގުކުރެއްވި އެވެ.

"މިއީކީ ސިޔާސީ ބޭފުޅަކު ހުށަހަޅާފައި އޮތް މައްސަލައެއް ނޫން. ދައުލަތުގެ ކަމާބެހޭ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައެއް،" ހަމީދު ވިދާޅުވި އެވެ.

އެކްޓިން ކޮމިޝަނަރު ވިދާޅުވި ގޮތުގައި މަނީލޯންޑްކުރުމާއި މާލީ މުއާމަލާތްތަކުގެ ތެރެއިން ކުށްކުރުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު ނާޅާނަމަ ކުރިމަތިވާނެ އިތުރު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

އެފަދަ މައްސަލަތަކުގެ ތަހުގީގު، ކުރީގެ ރައީސެއް ނުވަތަ ވަޒީރުން ފެންވަރުގެ ބޭފުޅަކާ ގުޅުމުން ފުލުހުން ކުރާނެ ކަމެއް ނެތް ކަމަށް ވިދާޅުވި އެވެ. އެ މައްސަލަތައް ނުބަލާ ހުރީ ވެސް ސިޔާސީ ނުފޫޒާ ހެދި ކަމަށް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭކަން އަމިއްލަ އަށް އިއުތިރާފްވެވަޑައިގެންނެވި ކުރީގެ ސަރުކާރުގެ ބޭބޭފުޅުންނާ މެދު ފިޔަވަޅު ނޭޅި ލަސްވަނީ ކީއްވެތޯ ދެންނެވުމުން ހަމީދު ވިދާޅުވީ އެ ތަހުގީގުތައް ވެސް ކުރިއަށްދާ ކަމަށެވެ. އެ ބޭފުޅަކު ދެއްވާ ޓީވީ އިންޓަވިއުއަކުން ނުވަތަ ސޯޝަލްމީޑިއާގައި އާއްމުވާ ލިއުމަކީ، ހެކިތޯ ފުލުހުންގެ ތަހުގީގުގައި ބަލާނެ އެވެ.

"އެކަމަކު ޕަބްލިކް ޑޮމެއިންގައި ހުންނަ ހުރިހާ އެއްޗަކީ މީހަކު ހިފައި ހައްޔަރު ކުރެވޭނެ ފަދަ އެއްޗެއް ކަމަށް ބައެއް ބޭފުޅުންނަށް ގަބޫލުކުރެވުނަސް އެއީ އުސޫލެއް ނޫން،" ހަމީދު ވިދާޅުވި އެވެ.

ޔާމީނަށް ތުހުމަތު ކުރާ މައްސަލައިގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ހައްޔަރު ކުރަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނޯންނާނެ އެވެ.