26 ޑިސެމްބަރ 2018 - 15:04

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަލުން ހުށަހަޅުއްވައިފި އެވެ.
ޕީޕީއެމް ދޫކޮށްލައްވައި، ޔާމީން އަލަށް އުފައްދަވަން އުޅުއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ހުއްދައެއް ނުދިނެވެ. އެއީ، ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އާ ޕާޓީއެއް އުފެއްދެވުމުގެ ހުއްދަ އަށް އަބްދުއްރަހީމް އެދިވަޑައިގަތުމުންނެވެ.
ޕީއެންސީ އުފެއްދެވުމަށް، އަބްދުއްރަހީމް އިއްޔެ ވަނީ ޕީޕީއެމުން ވެސް ވަކިވެވަޑައިގެންފަ އެވެ. އޭނާ އަކީ ޕީޕީއެމްގެ މެމްބަރެއް ނޫން ކަން، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް އަންގައިފަ އެވެ.
ރައީސް ޔާމީން އާ ޕާޓީއެއް އުފައްދަވަނީ، ޕީޕީއެމްގެ ތެރެއިން ސިޔާސީ މަސައްކަތްޕުޅު ކުރައްވަން ދަތިތަކެއް ހުރުމުންނެވެ. އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާ އެކު ފެންމަތިވި ގާނޫނީ މައްސަލަތައް އަދިވެސް ހައްލެއް ނުވެ އެވެ. ޕީޕީއެމް ހިންގުން މައުމޫނާ ހަވާލުކޮށްދޭން ހުށަހެޅި މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.
ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ދިގުދެމިގެން ދާތީ އެވެ.
ޑީއާރުޕީ އުފެދުމާ އެކު އެ ޕާޓީގައި ހުންނެވުމަށް ފަހު ޔާމީން ވަނީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އުފައްދަވައިފަ އެވެ. ޕީޕީއެމާ ގުޅިވަޑައިގަތީ އެ ޕާޓީ ދޫކޮށްލެއްވުމަށް ފަހު އެވެ. ޕީއޭ މިހާރު ވަނީ އުވާލައިފަ އެވެ.