ލަތީފަށް ބޮޑެތި ފާޑުކިއުުންތަކެއް
ލަތީފަށް ބޮޑެތި ފާޑުކިއުުންތަކެއް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެކި މަގާމުތަކުގައި ފާއިތުވި ދެ އަހަރު މަސައްކަތްކުރި މީހުންގެ ތެރެއިން އިސްތިއުފާދީފައި ދިޔައީ ނަތީޖާ ނުނެރެވުނު މީހުން ކަމަށް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވުމުން، އޭނާއާ އެކު މަސައްކަތްކުރި ބައެއް ފަރާތްތަކުން އެކަމަށް ރައްދު ދީފި އެވެ.

އޭގެ ތެރެއިން ގިނަ ބަޔަކު އެސޯސިއޭޝަން ދޫކޮށް ދިޔައީ ލަތީފަށް ވަރަށް ބޮޑަށް ފާޑުކިއުމަށް ފަހު އެވެ. އަދި އޭނާ މަގާމުން ދުރުކުރަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބައެއް މެމްބަރުން މަސައްކަތް ވެސް ކުރި އެވެ. އެގޮތުން އޭނާ ނިސްބަތްވާ ޔޫތު ސްޕޯޓްސް ކްލަބުގެ މެމްބަރުކަމުން އޭނާ ވަކިކުރި އެވެ. އޭރު ވޮލީބޯޅަ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގައިވާގޮތުން ފުރިހަމަ މެމްބަރުންގެ ތެރެއިން ހިންގާ ކޮމިޓީ އަށް އިންތިހާބުކޮށްފައިވާ މެމްބަރަކު، އޭނާ ރަޖިސްޓަރީ ވެފައިވާ ކްލަބުގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ ނުވަތަ އިސްތިއުފާ ދީފި ނަމަ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ. އެ އުސޫލުން ބަލާއިރު އޭނާގެ މަގާމް އޭރު ގެއްލުނެވެ.

އެކަމަކު އެއީ އޮލިމްޕިކް ޗާޓަރާ ހިލާފަށް އޮތް މާއްދާއެއް ކަމަށް އޮލިމްޕިކް ކޮމިޓީން ވެސް ބުނުމާ އެކު އެ މާއްދާ އުވާލެވި އެންމެ ފަހުން ލަތީފަށް މަގާމުގައި ދެމި ހުންނެވޭ ގޮތްވި އެވެ. އެކަމަކު ފަހުން ވެސް ލަތީފް އަމަލުކުރެއްވި ގޮތަށް ފާޑުކިޔުން އަމާޒުވި އެވެ. އެގޮތުން އެންމެ މެމްބަރެއް ބައިވެރިކޮށްގެން ޖަލްސާއެއް ބާއްވައި އަސާސީ ގަވާއިދަށް އިސްލާހުތަކެއް ގެނެސް އާ ލޯގޯއެއް ފާސްކުރުމުން ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހުނެވެ. ބޮޑު މަސްހަލަތެއް އޮތް ކަމެއް އެންމެ ކްލަބެއްގެ ހާޒިރުގައި ނިންމުމުންނެވެ.

ލަތީފްގެ ދައުރުގައި ގައުމީ ޓީމުތަކުގެ ނަތީޖާތައް ވެސް ދަށެވެ. ގައުމީ ޓީމު ރިފޯކްކުރުމަށް މިދިޔަ އަހަރު ފެށި މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އެކަމަށް ވެސް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

"އެ ވިދާޅުވާ ރިފޯމް ކޮމިޓީ އަކީ ހަގީގަތުގައި މާ ގިނަ މަސައްކަތްތަކެއް ކުރި ކޮމިޓީއެއް ނޫން. ހަމައެކަނި ކޯޑް އޮފް ކޮންޑަކްޓް (އިގުރާރެއް) ހަދާ އޭގައި ސޮއިކުރުވީ. އޭގެ ވެސް ގިނަ ކަންތައްތައް ނިންމާފައި ހުރީ އެކަށީގެންވާ ވަރަށް މަޝްވަރާ ނުކުރެވި. ކުޅުންތެރިންނާއި އެސޯސިއޭޝަނާ ދެމެދު އޮތް ގުޅުން ހީނަރުވުން އޭގެ ސަބަބުން ނުކުތް ނަތީޖާ އަކީ،" ވޮލީބޯޅައިގެ އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

ރެފްރީން ތަމްރީންކުރުމަށް މަސައްކަތްކުރެވިއްޖެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ކޯޗުން ތަރައްގީކުރަން ވެސް މަސައްކަތްކުރައްވާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ފާޑުކިޔާ މީހުން ބުނަނީ އެކަން ވެސް އެކަށީގެންވާ ގޮތަކަށް ނުކުރެވޭ ކަމަށެވެ.

"މިދިޔަ ދެ އަހަރު ތެރޭ ތަމްރީންކުރި ކަމަށް އެ ބުނާ ފަސް ރެފްރީންނަކީ އަދިވެސް ކެންޑިޑޭޓުން. ވޮލީބޯލް އިންޓަނޭޝަނަލް ރެފްރީންނާއި އޭވީސީ ކެނޑިޑޭޓުންނަކީ ތަފާތު ދެ ބަޔެއް. މިދިޔަ ދެ އަހަރު ތެރޭގައި އެ ފެންވަރަށް ފަސް ރެފްރީންނެއް ތަރައްގީއެއް ނުކުރެވޭ،" އޭނާ ބުންޏެވެ.

ލަތީފްގެ ލީޑަޝިޕުގައި އެންމެ ބޮޑު ބަދަލެއް އައި އެއް މަގާމަކީ ޖެނެރަލް ސެކްރެޓަރީގެ މަގާމެވެ. އެ މަގާމުގައި މިހާރު ހުރި މުހައްމަދު ޝާފީ އަކީ ލަތީފްގެ ދައުރުގައި އައްޔަންކުރި ހަތަރު ވަނަ ޖެނެރަލް ސެކްރެޓަރީ އެވެ. މި މަގާމުގެ އިތުރުން ވެސް ގިނަ މަގާމުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

"ވޮލީގައި މަސައްކަތްކުރާ ގިނަ ބަޔަކު މިހާރު ހަގީގަތުގައި އެ ތަނުގައި (ވީއޭއެމް) އެ ތިބީ މި ކުޅިވަރަށް އޮތް ލޯތްބެއްގެ ސަބަބުން،" މި ދައުރުގައި ކުރިން ވީއޭއެމްގައި މަސައްކަތްކުރި މީހަކު ބުންޏެވެ.

ރާއްޖޭގެ ވޮލީބޯޅަ ތާރީހުގައި ބައިނަލްއަގްވާމީ ދެ މުބާރާތެއް އިންޑޯގައި ބޭއްވީ މި ދައުރުގަ އެވެ. މިދިޔަ އަހަރު އަންހެން އަދި ފިރިހެން އިންޓަނޭޝަނަލް މުބާރާތެއް ރާއްޖޭގައި ވަނީ ބާއްވައިފަ އެވެ. އެކަމަކު އޭގެއިން ވޮލީބޯޅަ އަށް ކުރިއެރުން ލިބޭނެ ކަމަށް ބުނި ނަމަވެސް އަދި އޮތީ އެ މަންޒަރު ނުފެނި އެވެ.

ގިނަ ބަޔަކު މިހާރު ކުރަމުން އަންނަ އެންމެ ބޮޑު ޝަކުވާ އަކީ ގައުމީ ފެންވަރުގައި ބާއްވާ ވޮލީބޯޅަ މުބާރާތްތަކުގައި ފޯރިގެއްލުމެވެ. އެންމެ ފޯރިގަދަކޮށް ކުރިއަށްދާ އެއް މުބާރާތް ކަމަށްވާ އިންޓަ ރިސޯޓް މުބާރާތުގައި ވެސް ފަހަކަށް އައިސް ވަނީ ގިނަ މައްސަލަތަކެއް ޖެހިފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ވީއޭއެމްގެ ވެރިން ރިސޯޓަށް ނާރުވައިގެން ހިނގައިދިޔަ ކަންތައްތަކަށް ފަހު ފެނުނީ ގިނަ ބަޔަކު މަގާމުތަކުން އިސްތިއުފާދިން ތަނެވެ.

ވީއޭއެމުން އަންނަ އަހަރަށް އިންޓަ ރިސޯޓް މުބާރާތް މާޗް މަހު ބާއްވަން ތާވަލްކޮށްފައިވާއިރު، އެއީ ރިސޯޓުތަކުގެ ސީޒަން ދުވަސްކޮޅު ކަމަށް ރިސޯޓްތަކުން އަންނަނީ ބުނަމުންނެވެ. އަދި މި މުބާރާތަކީ ހަމައެކަނި ވަކި ބަޔަކު ކުޅެލަން ބާއްވާ މުބާރާތެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކުރަން ޖެހޭ ކަމަށް ވެސް ބުނެ އެވެ.

"ގިނަ ރިސޯޓްތަކުން ބޭނުންނުވޭ މިއީ ހަމައެކަނި ނަމެއްގައި ބާއްވާ މުބާރާތެއްގެ ގޮތުގައި މި މުބާރާތް އޮންނަން. މިއީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ވެސް ވާދަކުރެވެންޖެހޭ މުބާރާތެއް. ހަމައެކަނި ނަމެއްގައި ބާއްވާ މުބާރާތަކަށް ވުމުގެ ބަދަލުގައި މިއީ ވޮލީގެ ކުރިއެރުމަށް ވެސް ފައިދާ ކުރާ މުބާރާތަކަށް ވާން ޖެހޭ،" އިންޓަ ރިސޯޓް މުބާރާތުގައި ގަވާއިދުން ބައިވެރިވާ ޓީމެއްގެ މެނޭޖަރަކު "މިހާރަ"ށް ބުންޏެވެ.