ބާސެލޯނާ އިން ރަބިއޯ އާއި ޑި ޔޮންގް ވެސް ބޭނުންވޭ
ބާސެލޯނާ އިން ރަބިއޯ އާއި ޑި ޔޮންގް ވެސް ބޭނުންވޭ

ބާސެލޯނާ (ޑިސެމްބަރު 26) – އަޔަކްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގާއި ޕީއެސްޖީގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ވެސް ގެންނަން ބާސެލޯނާ އިން ބޭނުންވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބާސެލޯނާ އިން މި ހުނަރުވެރި ދެ ކުޅުންތެރިން ގެންނަން ބޭނުންވާ ސަބަބަކީ އެ ޓީމުގައި މިހާރު ތިބި ސާޖިއޯ ބުސްކެޓްސް އާއި އިވާން ރަކިޓިޗް އަދި އަރުޓޯ ވިޑާލަކީ އުމުރުން 30 އަހަރުވެފައިވާ ކުޅުންތެރިންނަށް ވުމެވެ. އަނެއްކޮޅުން ފިލިއްޕޭ ކުޓީނިއޯ ވެސް ބާސެލޯނާގެ ކުޅުމަށް ނުހޭނެ އެވެ.

ޒަވީ ހެނާންޑޭޒާއި އަންދްރޭ އިނިއެސްޓާ ދިއުމުން ބާސެލޯނާގެ މެދުތެރެއަށް ނިކަމެތިކަން ލިބިފައިވާއިރު ޑި ޔޮންގާއި ރަބިއޯ ފަދަ ހުނަރުވެރި ޒުވާން ދެ ކުޅުންތެރިންނާ އެކު އެތަން ފޫބެއްދިދާނެ ކަމަށް ބެލެވެ އެވެ.

އުމުރުން 23 އަހަރުގެ ރަބިއޯ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާނެ އެވެ. އެހެންވެ ހިލޭ ޓްރާންސްފާއެއްގައި އޭނާ އަށް ބާސެލޯނާ އަށް ބަދަލުވެވިދާނެ އެވެ. އަޔަކްސް އިން އުމުރުން 21 އަހަރުގެ ޑި ޔޮންގް ވިއްކާލަން ކިޔަނީ 70 މިލިއަން ޔޫރޯގެ އަގެކެވެ.