26 ޑިސެމްބަރ 2018 - 11:38

ރިއޯ ޑި ޖެނީރޯ (ޑިސެމްބަރު 26) – އޭނާ އާއި އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީ އެކުގައި ކުޅުނު ނަމަ ވަރުގަދަ ޕާޓްނާޝިޕެއް އުފެދޭނެ ކަމަށް އެ ޓީމުގެ ކުރީގެ ބްރެޒިލް ފޯވާޑް އެޑްރިއާނޯ ބުނެފި އެވެ.
އިންޓައާ 2001 ވަނަ އަހަރު ގުޅުނު އެޑްރިއާނޯ އަކީ އެދުވަސްވަރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑެވެ. އެކަމަކު އަމިއްލަ ދިރިއުޅުމުގެ މައްސަލަތަކާ ހެދި އޭނާގެ ކުޅުން ގެއްލުނީ އެވެ. އޭނާ 2011 ވަނަ އަހަރު ކުޅުން ހުއްޓާލި ނަމަވެސް ދޭތެރެއަކުން ދަނޑަށް ނުޖުމެ އެވެ. އެންމެ ފަހުން ކުޅުނީ 2016 ވަނަ އަހަރު އެމެރިކާގެ މަޔާމީ ޔުނައިޓެޑަށެވެ.
"އަހަންނަށް އެނގޭ އަހަރެންގެ ހުނަރުވެރިކަން. އަދި އަހަންނަށް އެނގޭ މުހިއްމު ހިދުމަތްތަކެއް ކުރެވުނުކަން ވެސް. އިޓަލީ އަށް ފުރަތަމަ އައިސް އިންޓައާ ގުޅުނުއިރު އަހަންނަށް ގަބޫލެއް ވެސް ނުކުރެވުނު. އަހަރެން ހަނދާންވޭ ޗޭންޖިން ރޫމުގެ ތެރޭގައި އެންމެންނާ ދިމާލަށް އަހަރެން ބަލަމުން ދިޔަތަން. ކްލަރެންސް ސީޑޯފުން ފެށިގެން މާކޯ މަޓެރާޒީ ފަދަ ކުޅުންތެރިން ތިބި،" އެޑްރިއާނޯ، 36، ބުންޏެވެ.
އޭނާ ބުނީ އޭރު އިންޓަގައި ހުރި ބްރެޒިލްގެ ފޯވާޑް ރޮނާލްޑޯ ވެސް އޭނާ އަށް މަރުހަބާކީ ހެޔޮހިތަކާ އެކު ކަމަށެވެ. އަދި އޭރު ހޮޓަލެއްގައި ދިރިއުޅެނިކޮށް، ރޮނާލްޑޯގެ ގެޔަށް ބަދަލުވާން ދައުވަތު ދިން ކަމަށެވެ.
"ކުޅިވަރުގެ ގޮތުން ބަލާއިރު އަހަރެން ތަޖުރިބާކާރު އާދަޔާހިލާފު ޗޭންޖިން ރޫމެއް. ދިރިއުޅުމުގެ ގޮތުން ބަލާއިރު ހަވިއާ ޒެނެއްޓީ އަކީ މިސާލެއް. އޭނާ އަބަދުވެސް އަހަންނާ އެކު ހުރީ. ހާއްސަކޮށް އަހަރެންގެ ބައްޕަ މަރުވި ދުވަހު. ކްލަބުގެ ރައީސް މަސީމޯ މޮރާޓީ ވެސް ވަރަށް އެހީވި. އޭނާ އަކީ އަހަރެންގެ ދެ ވަނަ ބައްޕަ ފަދަ މީހެއް،" އެޑްރިއާނޯ ބުންޏެވެ.
އިންޓަގައި ހޭދަކުރި ފުރަތަމަ ދެ އަހަރު ކުރިއެރުމެއް ނުހޯދި ފިއޮރެންޓީނާ އާއި ޕާމާ އަށް ވެސް ކުޅުނެވެ. އޭނާ ވިދާލީ 2004 އިން 2009 އަށް އެ ޓީމަށް ކުޅުނު ދުވަސްވަރެވެ. އެކަމަކު ލޯބިވެރިޔާއާ މައްސަލަ ޖެހި ޑިޕްރެޝަނަށް ގޮސް އެކަމުން އަރައިނުގަނެވި ފުޓްބޯޅަ ކެރިއަރު ހަލާކުވީ އެވެ.
"މިހާރު އަހަރެން ރިއޯގައި އުފަލުގައި މިހިރީ ރަށްޓެހިންނާއި އާއިލާއާ އެކު. ވަރަށް އާއްމު ދިރިއުޅުމެއް މި އުޅެނީ. އަހަރެން ރިޓަޔާނުކުރަން. އަހަރެން ކެރިއަރު މެދުކަނޑާލަން ނިންމީ،" އެޑްރިއާނޯ ބުންޏެވެ. "ފުޓްބޯޅަ ކުޅެން ފުރުސަތު ލިބިއްޖެ ނަމަ އަލުން ދާނަން އެކަމަކު އެއީ ބްރެޒިލުން ވެއްޖެއްޔާ. އަހަރެންގެ ތިން ކުދިންނާ ދުރަކަށް ނުދެވޭނެ."
އިންޓަގެ މިހާރުގެ ކެޕްޓަން އިކާޑީއާ ބެހޭގޮތުން ސުވާލުކުރުމުން ބުނީ އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އެކަމަކު އަދި ޒުވާންވުމާ އެކު ކުރިއެރުމުގެ ފުރުސަތު އޮތް ކަމަށެވެ.
"އޭނާ އާއި އަހަރެން ވެގެންދާނީ ދަނޑުމަތީގައި ވަރުގަދަ ޕާޓްނާޝިޕަކަށް،" އެޑްރިއާނޯ ބުންޏެވެ.