ދީޕިކާ އާއި ކެޓުރީނާ، އެކަކު އަނެކަކުގެ ކިބައިން ބަދަލުހިފުމުގައި
ދީޕިކާ އާއި ކެޓުރީނާ، އެކަކު އަނެކަކުގެ ކިބައިން ބަދަލުހިފުމުގައި

ބޮލީވުޑްގައި މިހާރު އެންމެ ނަން ހިނގާ ބަތަލާއިންގެ ތެރޭގައި ހިމެނޭ ކެޓުރީނާ ކައިފް އާއި ދީޕިކާ ޕަދުކޯން އަކީ އެއްއިރެއްގައި ވެސް އެކުވެރި ދެ އެކްޓަރުންނެއް ނޫނެވެ. އެގޮތުން ދީޕިކާ ދާދި ފަހުން ވަނީ ކެޓުރީނާއަށް ކުޅެން ލިބުނު ފިލްމެއް އަތުލާފަ އެވެ. އަދި ކެޓުރީނާ މިހާރު ވަނީ އޭގެ ބަދަލު ވަރަށް ފުރިހަމައަށް ހިފާފަ އެވެ.

އެކަކު އަނެކަކަށް ލިބޭ ފިލްމުތައް ކޮންމެވެސް ގޮތަކުން އަތުލުމަކީ މީގެ ކުރިން ވެސް ދީޕިކާ އާއި ކެޓުރީނާ ކުރި ކަމެކެވެ.

އެގޮތުން މިފަހަރު ދިމާވި ކަމަކީ އާނަންދް އެލް ރާއީ އަލަށް ފަށާ ޝާހްރުކް ޚާން ބަތަލުގެ ބައި ކުޅޭ ފިލްމުން ކެޓުރީނާ އަށް ފުރުސަތު ލިބުމެވެ. އެކަމަކު ސޮއިކުރަން ތައްޔާރުވެފައި ވަނިކޮށް ކުއްލިއަކަށް ޑައިރެކްޓަރު ވަނީ ކެޓުރީނާ ފިލްމުން ބޭރުކޮށް، އެ ރޯލް ދީޕިކާއާ ހަވާލުކުރަން ނިންމައިފަ އެވެ. ޝާހްރުކް އާއި ދީޕިކާއާ އެކު އިތުރު އެހެން ބަތަލާއެއް ވެސް އެ ފިލްމުގައި އުޅެ އެވެ.

ދީޕިކާ ލީޑް ރޯލު ކުޅޭ ފިލްމެއްގައި ދެ ވަނަ ބަތަލާއެއްގެ ބައި ކުޅޭކަށް ކެޓުރީނާ ބޭނުމެއް ނުވެ އެވެ. އެހެންވެ އޭނާއަށް ޖެހުނީ އެ ފިލްމާ ދުރަށް ދާށެވެ.

އެކަމަކު އޭގެ ބަދަލު ކެޓުރީނާ ވަނީ ވަރަށް މޮޅަށް ހިފާފަ އެވެ.

ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރްގެ އާ ފިލްމެއް ދީޕިކާ އާއި ފަވާދު ޚާނާ އެކު ފަށަން އުޅޭ ކަމުގެ ޚަބަރުތަކެއް މީޑިއާ އިން ފެންނަން ފެށުމާ އެކު ކެޓުރީނާގެ ސަމާލުކަން ހުއްޓުނެވެ. އަދި ކަރަންއާ އޮތް ގުޅުން ކުއްލިއަކަށް މާ ބޮޑަށް ބަދަހިކޮށް އެ ފިލްމުގެ ބަތަލާގެ ރޯލު ވަނީ ޖަހައިގެންފަ އެވެ.

ކެޓުރީނާގެ އަލަށް ރިލީޒްވާން ތައްޔާރުވެފައިވާ "ބާރް ބާރް ދޭކޯ"ގައި އޭނާ ކޮށްފައިވާ މަސައްކަތާ މެދު ކަރަން ހުރީ މާ ކުރިން ވެސް ހިތްހަމަޖެހިފަ އެވެ. އެހެންވެ ކެޓުރީނާ އަށް އާ ފިލްމުން ފުރުސަތު ދޭން ނިންމީ އެވެ. އަނެއްކޮޅުން ދީޕިކާގެ ޝެޑިއުލް މިހާރު އޮތީ ފުލް ވެފަ އެވެ. ޝާހްރުކްއާ އެކު ކުޅޭ ފިލްމުގެ އިތުރުން ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" ގައި މަސައްކަތްކުރަން ވެސް އޭނާ ވަނީ އެއްބަސް ވެފަ އެވެ.

ދީޕިކާ އާއި ކެޓުރީނާ އަލަށް ސޮއިކުރި ދެ ފިލްމު ވެސް ފަށަނީ އަންނަ ނޮވެމްބަރު މަހު އެވެ.