27 ޑިސެމްބަރ 2018 - 08:16

ފިލްމެއް ޑައިރެކްޓްކޮށްފާނެ ކަމުގެ އިޝާރާތެއް ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރް ދީފި އެވެ.
އަންނަ ފެބްރުއަރީ މަހުގެ އެކެއްގައި ރިލީޒްކުރާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ" ލަގާގެ ޕޯސްޓަރެއް ދައްކައިލަން ބޭއްވި ހަފުލާއެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން 62 އަހަރުގެ އެކްޓަރު ބުނި ގޮތުގައި ޑައިރެކްޝަނަކީ ޝައުގުވެރިވާ މަސައްކަތެކެވެ.
"އެކަމަކު ކޮން އިރަކު ކޮން ފިލްމެއް ކަމެއް ނޭނގޭ އަހަރެން ޑައިރެކްޓް ކުރާނީ. އެކަމަކު ޔަގީންވާ އެއް ކަމަކީ އަހަރެން ފިލްމެއް ޑައިރެކްޓް ކުރާ ނަމަ އޭގެ ބަތަލާގެ ރޯލް ކުޅޭނީ [ދޮށީ އަންހެން ދަރިފުޅު]ސޯނަމްކަން،" އަނިލް ބުންޏެވެ.
ޝެލީ ޗޯޕްޅާ ދާރް ޑައިރެކްޓްކޮށްފައިވާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ" އަކީ އަނިލް އާއި ސޯނަމް އެކީގައި ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން ފެނިގެން ދާނެ ފިލްމެކެވެ. މި ފިލްމުގައި އަނިލް ކުޅެފައި ވަނީ ވެސް ސޯނަމްގެ ބައްޕަގެ ރޯލެވެ.
"ސޯނަމްއާ އެކު ފިލްމެއްގައި މަސައްކަތްކޮށްލުމަކީ މުޅިން ތަފާތު އަދި ވަރަށް ހިތްގައިމު ތަޖުރިބާއެއް. އަހަންނަށް އޭނަގެ ފަރާތުން އެންމެ ފާހަގަކުރެވޭ ކަމަކީ ކުޅޭ ކޮންމެ ފިލްމަކުން ވެސް އޭނާގެ އެކްޓިން އަށް ކުރިއެރުންތަކެއް އަންނަކަން،" އަނިލް ބުންޏެވެ.
އޭނާ ބުނީ މި އަހަރަކީ އޭނާ އަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށެވެ. މި އަހަރުގެ އޭނާގެ ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ "ފެނީ ހާން" އާއި "ރޭސް 3" އެވެ. އެކަމަކު މި ދެ ފިލްމަކީ ވެސް ވިޔަފާރި އެހާ ރަނގަޅު ފިލްމުތަކެއް ނޫނެވެ.
އަދި މި އަހަރު އަނިލް ވަނީ ނެޓްފްލިކްސްއާ ގުޅިގެން "ސިލެކްޝަން ޑޭ" ގެ ނަމުގައި ވެބް ސީރީޒެއް ޕްރޮޑިއުސްކޮށްފަ އެވެ. އޭތި އަންނަ ހުކުރު ދުވަހު ސްޓްރީމް ކުރާނެ އެވެ.
އަނިލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ރިލީޒް ކުރާ "ޓޯޓަލް ދަމާލް" އާއި "ޕާގަލްޕަންތީ" އާއި 2020 ގައި ރިލީޒް ކުރާ ކަރަން ޖޯހަރުގެ "ތަހުތު" ފާހަގަކޮށްލެވެ އެވެ.
ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންގެ ތެރެއިން މިހާތަނަށް ޑައިރެކްޝަން ތަޖުރިބާކޮށްފައިވާ ތަރިންގެ ތެރޭގައި އާމިރު ހާން، އަޖޭ ދޭވްގަން އަދި އަނޫޕަމް ކޭރް ފާހަގަކޮށްލެވެ އެވެ.