22 އޯގަސްޓް 2016 - 06:35

ފްލަވާ ކްރައުން އަކީ މަގުބޫލު އެކްސެސަރީ އެކެވެ. ޕާޓީތަކަށް، ކައިވެނި ހަފުލާއަކަށް ނުވަތަ ރައްޓެހިންނާ އެކު މިއުޒިކް ޝޯއެއް ބަލާލަންދާން ވެސް ފްލާވާ ކްރައުން އަޅަ އެވެ. ނަމަވެސް، މިފަދަ އެކި މުނާސަބަތުތަކަށް ފްލަވާ ކްރައުން ބޭނުންކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

ކުރީގެ ލިޔުމެއްގައި ވެސް ފާހަގަކޮށްފައިވާ ފަދައިން، ފްލަވާ ކްރައުންގެ ބަދަލުގައި މިހާރު މަގުބޫލުވަމުން އަންނަ ވައްތަރަކީ މާމެއިޑް ކްރައުނެވެ. އެއީ އެކި ކުލައިގެ ބޮއްޔާއި މިނާ އެއްކޮށްގެން ހަދާފައިވާ ތާޖެކެވެ.

އޮސްޓްރޭލިއާގެ ފްލޯރިސްޓް ޗެލްސީ ޝީލްސްގެ މާމެއިޑް ކްރައުންތައް މަޝްހޫރުވުމުން، މިހާރު އެކި ހުނަރުވެރި ފްލޯރިސްޓުން މާމެއިޑް ކްރައުން އުފައްދަން ފަށައިފި އެވެ. އަދި އެކި މުނާސަބަތުތަކަށް މާމެއިޑް ކްރައުން އަޅަން ފަށައިފި އެވެ.

ރާއްޖޭގައި ވެސް ނަން މަޝްހޫރު ހުނަރުވެރި ފްލޯރިސްޓުން މާމެއިޑް ކްރައުން ތައްޔާރުކޮށް އެމީހުންގެ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާކޮށްފައި ވެ އެވެ.

"ލަޔާލިލީ" އިންސްޓަގްރާމް ޕޭޖުގެ ފަހަތުގައިވާ ލަޔާ އަކީ ފަހަކަށް އައިސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ފްލޯރަލް އާޓިސްޓެކެވެ. ލަޔާ ވެސް ތަފާތު ކުލަކުލައިގެ ބޮލި ބޭނުންކޮށްގެން މާމެއިޑް ކްރައުން ތައްޔާރުކޮށްފައި ހުރި ފޮޓޯތައް އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ހިއްސާކޮށްފައިވެ އެވެ.

"މާމެއިޑް ކްރައުނަކީ ފްލާވާ ކްރައުންގެ ބަދަލުގައި އަޅާލެވޭނެ ވައްތަރެއް. ހާއްސަކޮށް މޫދު ކައިރީގަ އުޅޭ މީހުންނަށް ވަރަށް ގުޅޭ ވައްތަރެކޭ ވެސް ބުނެވިދާނެ. ކޮންމެހެން ވަކި މުނާސަބަތަކަށް އަޅާކަށް ނުޖެހޭ. އެމީހަކަށް މާމެއިޑް ކްރައުން ކަމުދާ ނަމަ ބޭނުން އިރަކު އަޅާލަންވީ." ލަޔާ ބުންޏެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފްލަވާ ކްރައުންސް އަދިވެސް މާ ރަނގަޅު. އެއީ އެކި ވައްތަރުގެ އެކި ކުލައިގެ ފްލާވާ ކްރައުން ފަރުމާކޮށްލެވޭތީވެ،" ލަޔާ ބުންޏެވެ.
ލަޔާ މާމެއިޑް ކްރައުނެއް ތައްޔާރުކޮށްލަން އެއްގަޑިއިރު ނަގާ ކަމަށް ބުންޏެވެ. އަދި ފަރުމާކުރަން ބޮލީގެ ވައްތަރާއި ސައިޒާއި ކުލައަށް ފަރުވާތެރިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ގޮއްޔެ"ގެ ނަމުން ގިނަ ބަޔަކު ދަންނަ ނަޒީ އަކީ ކުރެހުންތެރިއެއްގެ އިތުރުން ހާއްސަ ހަފުލާތަަކަށް ކޭކު އަޅައިދީ ހީނާ ފަތުން ޑިޒައިން ވެސް ކޮށްދޭ ޒުވާނެކެވެ. އޭނާގެ އެންމެ ފަހުގެ ފަންނުވެރި ހުނަރު ދައްކާލާފައި ވަނީ ހިތްްގައިމު މާމެއިޑް ކްރައުން ތަކަކުންނެވެ.
"މާމެއިޑް އާއި މާމެއިޑް ގަހަނާ އަޅުގަނޑަށް ވަރަށް ރީތި. ފްލޯރިސްޓް ޗެލްސީގެ މާމެއިޑް ކްރައުންތައް ފެނުމުން އަޅުގަނޑުވެސް މާމެއިޑް ކްރައުނެއް ތައްޔާރުކޮށްލާ ހިތްވީ. އަޅުގަނޑުމެންނަކީ ކުދި ޖަޒީރާ ރަށްތަކަކަށް ނިސްބަތްވާ ބަޔަކަށް ވުމުން، މިވައްތަރުގެ ކްރައުނަކީ އަޅުގަނޑުމެންނާ ގުޅޭ ހިތްގައިމު ވައްތަރެއް،" ނަޒީ ބުންޏެެވެ.
ނަޒީއަށް ދެ ވައްތަރުގެ ކްރައުން ވެސް ރީއްޗެވެ.
"އަޅުގަނޑަށް ދެ ވައްތަރު ވެސް ކަމުދޭ. އެކަމަކު މާމެއިޑް ކްރައުން އަކީ މަސައްކަތްތެރިކަން ދައްކާދޭ ޗާލު ވައްތަރެއް،" މާމެއިޑް ކްރައުން ބީޗް ވެޑިންއަކަށް ނުވަތަ ކޮސްޓިއުމް ޕާޓީއަކަށް ވެސް ކަމުދާކަމަށް ފާހަގަކުރަމުން އޭނާ ބުންޏެވެ.
މާމެއިޑް ކްރައުން އެއް ތައްޔާރުކޮށްލަން ދެތިން ގަޑިއިރު ނަގާކަމަށް ނަޒީ ބުންޏެވެ. އަދި ވަރަށް ޑީޓެއިލް ކްރައުނެއް ތައްޔާރުކޮށްލަން ބައެއްފަހަރާ ދެތިން ދުވަސް ނަގާކަމަށް ވެ އެވެ. އޭނާ ކްރައުނެއް ތައްޔާރުކުރާއިރު ފުރަތަމަ ފަށަނީ ބޮޑު ބޮއްޔަކުންނެވެ. އެއީ ސެންޓަ ޕީސްގެ ގޮތުގައި ބޭނުންކޮށްފައި ކުދި ބޮއްޔާއި މިނާ އެއާ ގުޅޭ ގޮތަށް އަތުރާލަނީ އެވެ.
ނަޒީގެ އެންމެ ފަހުގެ އުފެއްދުމަކީ، މާމެއިޑް ކްރައުން އިން ހިޔާލު ހޯދައިގެން ރުމާ ފަޅިއެއް ގޮތަށް ބޮލިން ތައްޔާރުކޮށްފައިވާ ބޮލުގައި ޖަހާ ދައްޗެކެވެ.