26 ޑިސެމްބަރ 2018 - 13:42

ޑާކާ (ޑިސެމްބަރު 26) - ކުރިއަށް އޮތް އާއްމު އިންތިޚާބާ ދިމާކޮށް ބަންގްލަދޭޝްގެ އިދިކޮޅު 10،500 އަށް ވުރެ ގިނަ އެކްޓިވިސްޓުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން މި އަދަދު ހާމަކޮށްފައި ވަނީ އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރަށް އެމެރިކާ އިން ގޮވާލާފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ އާއްމު އިންތިޚާބުގެ ތާރީޚު ނޮވެމްބަރު 8 ވަނަ ދުވަހު އިއުލާން ކުރުމާ އެކު އެކްޓިވިސްޓުން ހައްޔަރު ކުރަން ފަށާފައިވާ ކަމަށެވެ.

އެންމެ ބޮޑު އިދިކޮޅު ޕާޓީ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ބުނެފައި ވަނީ އެ ޕާޓީން އެކަނި ވެސް 7،021 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ޖަމާއަތު އިސްލާމީ އިން ބުނެފައި ވަނީ އެ ޕާޓީގެ 3،500 އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ބީއެންޕީގެ ލީޑަރު ޚާލިދާ ޒިޔާގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ފަހު އެކަމަނާ އަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލުވާލައިފަ އެވެ. ޖަމާއަތު އިސްލާމީ ޕާޓީ އަށް އިންތިޚާބުގައި ވާދަކުރުން ވަނީ މަނާކޮށްފަ އެވެ. އެހެންވެ އެ ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބަށް ނުކުންނާނީ އަމިއްލަ ގޮތުންނެވެ.
"ކޮންމެ ދުވަހަކު ވެސް މި ޕާޓީގެ 80-90 އެކްޓިވިސްޓުން ދަނީ ހައްޔަރު ކުރަމުން،" ޖަމާއަތު އިސްލާމީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާފިގުއްރަހްމާން ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި އިންތިޚާބު ބީއެންޕީ އިން ވަނީ ބޮއިކޮޓް ކޮށްފަ އެވެ.