ޝަމްރާހްގެ އަޑުން "4426" ގެ ޕްރޮމޯޝަނަލް ލަވަ
ޝަމްރާހްގެ އަޑުން "4426" ގެ ޕްރޮމޯޝަނަލް ލަވަ

ފާތުމަތު ނަހުލާ އުފައްދާ ބިރުވެރި ފިލްމު، 4426 (ފޯފޯޓޫސިކްސް) އަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ފިލްމަކަށް ހެދޭތޯ އޭނާ އަންނަނީ މަސައްކަތްކުރަމުންނެވެ.

ޝަމްރާހްގެ އަޑުން "4426" ގެ ޕްރޮމޯޝަނަލް ލަވަ
ޝަމްރާހްގެ އަޑުން "4426" ގެ ޕްރޮމޯޝަނަލް ލަވަ

ނަހުލާގެ ކުރީގެ ފިލްމުތަކާ ހިލާފަށް "4426" ގައި މާ ގިނަ ލަވަތަކެއް ނުހިމެނެ އެވެ. މި ފިލްމުގެ އެންމެ ހާއްސަ އެއް ލަވައަކަށް ވެގެން ދާނީ ފިލްމުގެ ޕްރޮމޯޝަނަލް ލަވަ އެވެ. އެ ލަވަ ކިޔަައިދެނީ ޑރ. އަހުމަދު ޝަމްރާހް އެވެ.

ޝަމްރާހަކީ ރަޝިއާގައި ޕްލާސްޓިކް ސާޖަރީގެ ދާއިރާ އިން ހާއްސަވަމުން އަންނަ ޒުވާނެކެވެ. އެކަމަކު އޭނާއަކީ ލަވަކިއުމުގެ ދާއިރާ އަށް އެއްގޮތަކަށް ވެސް އާ ފަންނާނެއް ނޫނެވެ. ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި ކުޑައިރު އޭނާގެ ހުނަރު ވާނީ ފެނިފަ އެވެ.

އޭގެ އަހަރުތަކެއް ފަހުން ޝަމްރާހް ދެން ފެނުނީ ރަޝިއާގެ ރިއަލިޓީ ޝޯ "ވޮއިސް" ގައި ވާދަކޮށް ލަވަ ހުށަހަޅައި ދިން ތަނެވެ. އޭގެ ފަހުން ދިވެހިންނަށް އޭނާގެ ލަވަ ކިއުމުގެ ހުނަރު ފެނުނީ މި އަހަރުގެ ކުރީކޮޅު ޓީވީއެމުން ގެނެސް ދިން "މޯލްޑިވިއަން އައިޑޮލް" އިންނެވެ.

އެ ޝޯގެ އެޕިސޯޑެއްގައި ހާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެ ޝަމްރާހް ވަނީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލް ލަވައެއް މުޅިން އާ ސްޓައިލަކަށް ހުށަހަޅައި ދީ އެތައް ބަޔަކު ހައިރާންކޮށްލައިފަ އެވެ.

"މޫނު ބުރުގާ ނެގީމާ" ލަވަ އޭނާ ހުށަހަޅައި ދިނީ އޮޕެރާގެ ރަހަތަކާ އެކުގަ އެވެ. އެއީ ދިވެހި ލަވައަކަށް މުޅިން އާ ރަހައެކެވެ. އެ ލަވައަށް އޭނާ ގެނެސް ދިން ބަޑިތަކާ އެކު "މޫނު ބުރުގާ ނެގީމާ" ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.

ޝަމްރާހް އެ ލަވަ ހުށަހަޅައިދިނީ ނަހުލާގެ ފިލްމުތަކުގެ ލަވަތަކަށް ހާއްސަކޮށްގެން ގެނެސްދިން "ނަހުލާ ސްޕެޝަލް" އެޕިސޯޑްގަ އެވެ. އެ ޕްރޮގްރާމްގައި ހާއްސަ ފަނޑިޔާރެއްގެ ގޮތުން ނަހުލާ ބައިވެރިވި އެވެ. އެ ރޭ ވެސް ނަހުލާ ވަނީ ޝަމްރާހްގެ ހުނަރަށް ތައުރީފުކޮށްފަ އެވެ.

އޭގެ ނަތީޖާއަކަށް މިވީ "4426" ގެ ހާއްސަ ލަވައެއް ކިއުމުގެ ފުރުސަތު ޝަމްރާހަށް ދިނުމެވެ. އެ ލަވަ ރެކޯޑް ކުރުމަށްޓަކައި ރަޝިއާ އިން ޝަމްރާހް މާލެ ގެނައުމުގެ ތައްޔާރީތައް ނަހުލާ މިހާރު އަންނަނީ ވަމުންނެވެ.

ނަހުލާ ބުނީ ފިލްމުގެ އެ ލަވަ ޝަމްރާހަށް ދިން މައިގަނޑު ސަބަބަކީ އޭނާއަކީ ދިވެހި ލަވަ މުޅިން އެހެން ހިސާބަށް ގެންގޮސް ދިން ކުޅަދާނަ ލަވަ ކިއުންތެރިއަކަށް ވުމެވެ.

ނަހުލާގެ ފަރާތުން ލިބުނު ފުރުސަތުގެ ސަބަބުން ޝަމްރާހް ވެސް ހުރީ އުފަލުންނެވެ. އޭނާގެ ފޭސްބުކް ޕޭޖްގައި ބުނީ ނަހުލާގެ މާސްޓަޕީސް "4426" އަށް ލަވަ ކިޔާލަން ފުރުސަތު ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.

ނަހުލާ ބުނި ގޮތުގައި "4426" ވަރަށް ހާއްސަ ޕްރޮމޯޝަނަލް އިވެންޓެއް އަންނަ މަހުގެ މެދު ތެރޭގައި ބާއްވާނެ އެވެ. ޝަމްރާހް ފިލްމަށް ކިޔައިދޭ ލަވަ އެ އިވެންޓްގައި ލައިވްކޮށް ހުށަހަޅައި ދޭނެ ކަމަށް ވެސް ނަހުލާ ބުންޏެވެ.

"4426" ސިނަމާ އަށް އަންނާނީ އޮކްޓޯބަރު 18 ގަ އެވެ.