25 ޑިސެމްބަރ 2018 - 18:36

ލަންޑަން (ޑިސެމްބަރު 25) - އީރާނުން ހައްޔަރުކުރި އިނގިރޭސި ވިލާތުގެ ޕްރޮފެސަރު އައްބާސް އަދާލާތު މިނިވަންކޮށްފައިވާ ކަމަށް ފޮރިން އޮފީހުން ބުނެފި އެވެ.
ލަންޑަންގެ އިމްޕީރިއަލް ކޮލެޖުގައި މަސައްކަތް ކުރައްވާ ޕްރޮފެސަރު ތެހެރާނުން ހައްޔަރު ކުރީ މިދިޔަ އެޕްރީލް މަހު އެވެ. ކޮމްޕިއުޓަަ ސައެންސަށާއި ހިސާބު އިލްމަށް ޚާއްސަވެފައިވާ އައްބާސް އެޕްރީލް 15 ވަނަ ދުވަހު ހައްޔަރު ކުރީ އެކަޑެމިކް ވޯކްޝޮޕެއްގައި ބައިވެރިވާން ތެހެރާނަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
އޭނާ ހައްޔަރު ކުރި ދުވަސްވަރު އީރާނުގެ ނިއުސް އެޖެންސީއަކުން ބުނެފައި ވަނީ ޕްރޮފެސަރު އައްބާސް އަކީ އިނގިރޭސި ވިލާތުގެ ޖާސޫސްއެއް ކަމަށެވެ.
ޕްރޮފެސާ އައްބާސްގެ އިތުރުން އީރާނާއި އިނގިރޭސި ވިލާތުގެ ރަށްވެހިކަން އޮންނަ އެތައް ބަޔަކު ތެހެރާންގައި ވަނީ ބަންދުކޮށްފަ އެވެ. ޔޫކޭ ފޮރިން އޮފީހުން ބުނެފައި ވަނީ އެ އެންމެން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޗެރިޓީ މަސައްކަތުގައި އުޅުނު އިނގިރޭސި ވިލާތުގެ ރައްޔިތެއް ކަމަށްވާ ނަޒަނިން ޒަގާރީ-ރެކްލިފް ވަނީ 2016 ވަނަ އަހަރު އީރާނުން ބަންދުކޮށްފަ އެވެ. ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓް ވަނީ މި މަހު 21 ވަނަ ދުވަހު ނަޒަނިންގެ ފިރިމީހާއާ ބައްދަލުކޮށްފަ އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގެ ތެރޭގައި، ސެޕްޓެމްބަރު މަހު އިނގިރޭސި ބޮޑު ވަޒީރު ތެެރޭސާ މެއި ވަނީ އީރާންގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރައްވާ ނަޒަނިން ދޫކޮށްލުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.