ފަސް ދިވެހިން ލައިގެން ހިންގާ ރިސޯޓަކީ ވެލިދޫ
ފަސް ދިވެހިން ލައިގެން ހިންގާ ރިސޯޓަކީ ވެލިދޫ

އެންމެ ފަސް ދިވެހިން ފިޔަވައި އެހެން ހުރިހާ ވަޒީފާއެއް ބިދޭސީންނަށް ދީގެން ރާއްޖޭގައި ހިންގާ ރިސޯޓަކީ އއ. ވެލިދޫ އައިލެންޑް ރިސޯޓުކަން އެނގިއްޖެ އެވެ. އއ. ވެލިދު އަކީ ރައްޔިތުންގެ މަޖިލީހުގެ ގއ. ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު ރާމިޒުގެ ރިސޯޓެކެވެ.

"މިހާރު" އަށް މިކަން ޔަގީން ވިޔަސް، މިކަމާ ގުޅޭ ގޮތުން އެ ރިސޯޓަށް ގުޅުމުން އެއްވެސް ކޮމެންޓެއް ނުދިނެވެ. އެ ރިސޯޓުގެ އެއްވެސް ވެރިޔަކު ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ލޭބާ ރިލޭޝަންސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ގޮތުގައި އއ. އަތޮޅުގައި އޮތް އެ ރިސޯޓްގައި 150 ބިދޭސީން މަސައްކަތްކުރަމުންދާ އިރު ދިވެހި މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރަނީ އެންމެ ފަސް މީހުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 45 ޕަސެންޓް ވާންޖެހެނީ ދިވެހި މުވައްޒަފުންނަށެވެ. އަދި 55 ޕަސެންޓް މުވައްޒަފުންގެ ގޮތުގައި ބިދޭސީ މަސައްކަތު މީހުން ގެންގުޅެވޭނެ އެވެ. އެހެން ނަމަވެސް މިހާރު ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ރިސޯޓުގައި 97 ޕަސެންޓް މަސައްކަތް ކުރަނީ ބިދޭސީންނެވެ. އެ ރިސޯޓަށް ބިދޭސީން ގިނައިން ގެނެސްފައިވަނީ މެއިންޓަނަންސް މަސައްކަތަކަށް ކަމަށް ލޭބާ ރިލޭޝަނުން ބުނެ އެވެ.

އެ ރިސޯޓުން ރަސްމީކޮށް ވާހަކަ ނުދެއްކި ނަމަވެސް، އެ ރިސޯޓުގެ ކަންކަން އެނގޭ މީހަކު ބުނީ ވެލިދޫގައި ތިބޭނީ އެންމެ ފަސް ދިވެހި މުވައްޒަފުން ނޫން ކަމަށާއި އެ އަދަދު 15 ވަރުވާނެ ކަމަށެވެ. އަދި އެ ރިސޯޓުގައި ގެންގުޅެނީ ހަމައެކަނި ބަންގްލަދޭޝް މީހުން އެކަނި ނޫން ކަމަށާއި ނޭޕާލާއި ލަންކާ އަދި ފިލިޕިންސްގެ މުވައްޒަފުން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަސް ދިވެހިން ވަޒީފާގައި ތިބި ރިސޯޓުގެ ވެއިޓަރުކަމާއި ރިސެޕްޝަން ފަދަ ތަންތަނުގައި ވެސް ގެންގުޅެނީ ބޭރު މީހުން އެ އިދާރާއިން ބުނެ އެވެ.

މި އަހަރު 30 ރިސޯޓެއް ބެލި އިރު، 90 ޕަސެންޓު ބިދޭސީން މަސައްކަތް ކުރާ އެހެން ރިސޯޓުތައް ވެސް ފާހަގަވެފައިވާ ކަމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެ އެވެ. އެކަމަކު އެއިން އެއްވެސް ރިސޯޓެއްގެ ނަމެއް އެތަނުން ހާމައެއް ނުކުރެ އެވެ.