25 ޑިސެމްބަރ 2018 - 14:04

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ނުދިނެވެ.

ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނަމުގައި ޕާޓީ އުފައްދަން ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް (އަދުރޭ) ކަމަށެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ އަށް ހުށަހެޅުއްވިއިރު އޭނާ އަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށާއި އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ހުރެ އާ ޕާޓީއެއް އުފައްދަން ހުށަނޭޅޭނެ ކަަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
ޕީޕީއެމް އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވި އަބްދުއްރަހީމް މިއަދު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ. އެކަން މިއަދުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހަށް އަންގާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ ކަންކަން ފުރިހަމަކޮށްފައި އަލުން ހުށަހެޅުމުން، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަށް ހުއްދަ ދޭނެ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އާ ޕާޓީ އުފެއްދެވުމުގައި އަދުރޭ އިސްކޮށް އުޅުއްވާއިރު، އޭނާ އަކީ މިހާރު ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާ އެވެ. ރިޔާސީ ދެ ވަނަ ދައުރެއް ޔާމީނަށް ކަށަވަރުކޮށްދޭން ކެމްޕޭންގައި ވެސް އިސްކޮށް އަދުރޭ އުޅުއްވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއާ އެކު ޔާމީން ނިންމެވީ، އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވުމަށެވެ. އެކަމަށް އެމަނިކުފާނަށް އޮތް ހުރަހަކީ، އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އެމަނިކުފާނު ޕީޕީއެމުން ދުރުކުރުމުން އުފެދިފައިވާ ގާނޫނީ މައްސަލަ ކަމަށް ޔާމީންގެ ގާތް ބޭފުޅުން ވިދާޅުވެ އެވެ.
ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ދާދި ފަހުން މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ދިގުދެމިގެން ދާތީ އެވެ.
ޔާމީން ސިޔާސީ ހަޔާތްޕުޅު ލީޑަރެއްގެ ގޮތުން އެންމެ ފުރަތަމަ ފެއްޓެވީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އިންނެވެ. އޭގެ ފަހުން، އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެން ގުޅިވަޑައިގެންނެވީ ޕީޕީއެމާ އެވެ. ޕީޕީއެމްގެ ޓިކެޓުގައި ނުކުންނަވައި އެމަނިކުފާނު 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. އެކަމަކު، ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުން، ޔާމީނަށް އިންތިހާބުގައި ކުރިމަތިވެވަޑައިގަތީ ބޮޑު ނާކާމިޔާބީއެކެވެ.