ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޒުވާން ބަތަލާ ޝްރަދާ ކަޕޫރްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ މަޝްހޫރު އަންހެން ބެޑްމިންޓަން ކުޅުން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ވާހަކަ ކިޔައިދޭ ފިލްމު "ސައިނާ" އެވެ.

މިހާރު ޝޫޓިންގެ ވެސް ވަރަށް ބޮޑު ނިމިފައިވާ މި ފިލްމު އަދިވެސް ރިލީޒް ކުރާނެ ތާރީހެއް އިއުލާނެ ނުކުރެ އެވެ.

ބޮލީވުޑަކީ އާންމުކޮށް ފިލްމުތައް ލޯންޗް ކުރާ އިރު، ނޫނީ މަސައްކަތް ފަށާތާ ކުޑަ ދުވަސްކޮޅެއް ފަހުން އަޅުވަން ތާރީހު ރިލީޒް ކުރާ އިންޑަސްޓްރީއެކެވެ. ރިޕޯޓްތައް މިހާރު ބުނާ ގޮތުން ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، އަމޯލް ގުޕްތޭ ޑައިރެކްޓް ކުރާ "ސައިނާ" ރިލީޒް ކުރާނެ ތާރީހެއް އިއުލާން ނުކޮށްގެން އުޅެނީ އަންނަ އަހަރު ފިލްމު އަޅުވާނެ ރަނގަޅު ތާރީހެއް ނުލިބިގެންނެވެ.

އަހަރުގެ ފުރަތަމަކޮޅު އުންމީދީ ގިނަ ފިލްމުތަކެއް ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވުމުގެ އިތުރަށް، 2019 ގެ ފަހު ހަ މަސް ދުވަހުގައި ވެސް ތާރީހުގެ ތާށިކަން ވަރަށް ބޮޑެވެ.

އެހެންވެ "ސައިނާ" އަންނަ އަހަރު ސްކްރީނަށް އައުމުގެ ފުރުސަތު ކުޑަ ކަމަށާއި އެ ފިލްމު ސިނަމާތަކަށް އަންނާނީ 2020 ގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަންނަ އަހަރު ރިލީޒް ވާން ހުރި ޝްރަދާގެ ފިލްމުތަކުގެ ތެރޭގައި އޮގަސްޓް 15 ގައި ރިލީޒް ކުރާ "ސާހޯ" އާއި އޮގަސްޓް 30 ގައި ރިލީޒް ކުރާ "ޗިޗޯރް" ހިމެނެ އެވެ. މި އަހަރު ވެސް އޭނާގެ ދެ ފިލްމެއް ރިލީޒްވި އެވެ، އެއީ "އިސްތިރީ" އާއި "ބައްތީ ގުލް މީޓަރު ޗާލޫ" އެވެ.

އަންނަ މަހުގެ 11 ގައ ރިލީޒް ކުރާ ފިލްމު "ޔޫރީ" ގެ ލަވައެއް ދައްކާލައިފި އެވެ.

މި ފިލްމަކީ ކަޝްމީރުގެ ޔޫރީގައި ގާއިމުކޮށްފައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ޓެރަރިސްޓުންގެ ބަޔަކު ހަމަލާދީ އިންޑިއާގެ ސިފައިންގެ 19 އޮފިސަރަކު މަރައިލި ހާދިސާ އަށް ބިނާކޮށް އަދިތިޔާ ދާރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ވިކީ ކޯޝަލް އާއި ޔަމީ ގޯތަމް ލީޑް ރޯލް ކުޅެފައިވާ ފިލްމުން ދައްކައިލި ލަވަ "ޗައްލާ" ކިޔާފައި ވަނީ ރޯމީ، ވިވެކް ހަރީހަރަން އަދި ޝަޝާވަތު ސަޗްދޭވް އެވެ. ލަވައިގެ މިއުޒިކް ވެސް ޝަޝާވަތު ހަދާފައިވާ އިރު މި ވަތަނީ ލަވައިގެ ޅެން ހަދާފައި ވަނީ ކުމާރެވެ.

"ޔޫރީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޕަރޭޝް ރާވަލް، ކިރިތީ ކުލްހާރީ އަދި ޓީވީ އެކްޓަރު މޯހިތު ރައިނާ ހިމެނެ އެވެ.

ކޮމަން މޭންގެ ގޮތުގައި މަޝްހޫރުވި އިންޑީއާގެ ކުރީގެ މަޝްހޫރު ކާޓޫނިސްޓް އާރްކޭ ލަކްޝަންގެ ގްރެފިކް ނަވަލް "ދަ ސާވެންޓްސް އޮފް އިންޑިއާ" އަށް ބިނާކޮށް ވެބް ސީރީޒެއް ހަދަން ނިންމައިފި އެވެ.

މީތި ހަދަން ނިންމާފައި ވަނީ އޫޝާ ލަކްޝަންމަން އާއި ވިޝޭޝް ބަޓް ގުޅިގެންނެވެ. ވިޝޭޝްއަކީ ބަޓް ކޭމްޕްގެ ޕްރޮޑިއުސަރު މުކޭޝް ބަޓްގެ ދަރިފުޅެވެ. ވިޝޭޝް މީގެ ކުރިން ވަނީ "މާޑާ 3" ޑައިރެކްޓްކޮށްފަ އެވެ.

"ދަ ސާވެންޓްސް އޮފް އިންޑިއާ" ބިނާކޮށް ހަދާ ވެބް ސީރީޒް ވިޝޭޝް ޕްރޮޑިއުސް ކުރާ އިރު، މިއާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. ވިޝޭޝް ދާދި ފަހުން ވަނީ އިންޑިއާގައި 2016 ގައި ފެންނަމަތިވި އާ ނޫޓް މައްސަލަ އަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފަ އެވެ.

އަނިލް ކަޕޫރާއި އޭނާގެ ދޮށީ އަންހެން ދަރިފުޅު ސޯނަމް ކަޕޫރް އެކީގައި ސްކްރީނުން ފެނިގެންދާ ފިލްމު "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ" ގެ ޓްރެއިލާ ބުރާސްތަ ދުވަހު ދައްކައިލަން ނިންމައިފި އެވެ.

ކުރިން މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް އޮތް ފިލްމުގެ ޓީޒާއެއް ވެސް ވަނީ ކުރިން ދައްކާލައިފަ އެވެ. "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ" އަކީ ޝެލީ ޗޯޕްޅާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މިއީ އޭނާގެ އަލަތު ޑައިރެކްޝަން ވެސް މެ އެވެ.

އަންނަ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ރިލީޒް ކުރާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރާޖްކުމާރު ރާއޯ އާއި ޖޫހީ ޗާވްލާ އެވެ. "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ" އަކީ ވިންދޫ ވިނޯދު ޗޯޕްޅާގެ ތައްގަނޑުގައި އަންނަ ފިލްމަކަށްވާތީ ފިލްމަށް ކުރެވޭ އުންމީދުތައް ބޮޑެވެ.

އަނެއްކޮޅުން އަނިލް އާއި ސޯނަމް އެކީގައި ފެނިގެން ދިއުމަކީ ވެސް ފިލްމަށް އިންތިޒާރު ކުރެވޭ ސަބަބެކެވެ.