25 ޑިސެމްބަރ 2018 - 13:04

ވޮލީބޯޅައިގެ ގައުމީ އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނެން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.
ވީއޭއެމުން ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރަށް ގައުމީ އަންހެން އަދި ފިރިހެން ސީނިއާ އާއި ޖޫނިއާ ޓީމުތައް އެކުލަވާލައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ޓީމުތަކާ ގުޅުމަށް ފަހު ފުރުސަތު ހުޅުވާލާ ކަމަށެވެ.
ޓީމުތަކާ ގުޅެން ބޭނުންވާ ކުޅުންތެރިން އަންނަ މަހު 12 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށް ވީއޭއެމުން ބުނެ އެވެ. ފޯމު ލިބެން ހުންނާނީ އެސޯސިއޭޝަނުގެ އޮފީހުންނާއި އެ އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުންނެވެ.
ވީއޭއެމުން ގައުމީ ޓީމުތަކަށް ކުޅުންތެރިން ނަގާއިރު މިހާރު ކޯޑް އޮފް ކޮންޑަކްޓް (އިގުރާރު) އެއްގައި ސޮއިކުރެ އެވެ. ވީއޭއެމުން ބުނީ ކުރިން އެ އިގުރާރުގައި ސޮއިކޮށް ޓީމުގައި މިހާރު ވެސް ތިބި ކުޅުންތެރިން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
އަންނަ އަހަރުގެ ވޮލީބޯޅަ ކަލަންޑަރު އިއުލާނުކުރަން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ނަގައިގެން ކުރިއަށްދާނީ ރަނގަޅު އުސޫލެއްގެ ދަށުން ކަމަށާއި ޖޫނިއާ އާއި ސީނިއާ ޓީމުތަކުގެ ޕްރެކްޓިސްތައް އެކުގައި ކުރިއަށްގެންދަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސީނިއާ އަންހެން ފިރިހެން އަދި 23 އަހަރުން ދަށުގެ ޖޫނިއާ ޓީމުތަކެއް ވެސް ނެގިގެން ކުރިއަށްދާނީ. އަޅުގަނޑުމެންގެ ޖޫނިއާ ޓީމު ވެގެންދާނީ ސީނިއާ ޓީމަށް ކުޅުންތެރިން ސަޕްލައި ކުރާ ޓީމުތަކެއްގެ ގޮތުގައި. ޖޫނިއާ ޓީމު ވެސް އިންޓަނޭޝަނަލް މުބާރާތްތަކުގައި ވާދަވެސް ކުރާނެ އެކްސްޕީރިއަންސް ހޯދުމުގެ ގޮތުން. އަވަށްޓެހި ގައުމުތަކުގައި ކޭމްޕް ވެސް ކުރިއަށްދާނެ،" ލަތީފް ވިދާޅުވި އެވެ.
ގައުމީ ޓީމުތައް ގޮވައިގެން ބޭނުންވާ މިސްރާބަށް ނުދެވޭ އެންމެ ބޮޑު ސަބަބަކީ ޕްރޮގްރާމްތައް ހިންގާނެ ވަސީލަތްތަކެއް ނެތުމުން ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ. އަދި ޒުވާނުންގެ މަރުކަޒު ކޯޓު ލިބުމުގައި ދަތިތަކެއް ހުރުމުން އެންމެ ރަނގަޅަށް ޕްރެކްޓިސްތައް ނުބޭއްވޭކަން ވެސް ފާހަަގަކުރި އެވެ.
"އަޅުގަނޑުމެންނަށް ލިބޭ އިންޑޯ ސްޓޭޑިއަމަކީ ހަތަރެއް ނޫނީ ފަސް ކުޅިވަރު ކުޅޭ ތަނެއް. އެންމެ އެކަށީގެންވާ ވަރަށް ޕްރޮގްރާމްތައް ބާއްވަން ވަގުތެއް ނުލިބޭ. ޕްރެކްޓިސް ކުރަން ވެސް މި ލިބެނީ ފަތިހާއި ހެނދުނު. ހަގީގަތުގައި އެއްކޮށް ވޮލީ އަށް ފޯކަސްކޮށްގެން ކުޅޭނެތަނެއް ނެތް މާލެ އަކު،" ލަތީފް ވިދާޅުވި އެވެ.
ވީއޭއެމުން ބުނީ އަންނަ އަހަރު ގައުމީ ޓީމު ކުޅޭނެ މުބާރާތްތައް ފައިނަލްކޮށް ކަލަންޑަރެއް އެކުލަވާލެވިފައިވާ ކަމަށާއި އޭގެ ފަހު ގޮތެއް ނިންމާނީ ކުޅިވަރާ ބެހޭ މިނިސްޓްރީން ބަޖެޓްދޭ މުބާރާތްތަކާއި ހުރިހާ ކަމެއް ބެލުމަށް ފަހު ކަމަށެވެ.