25 ޑިސެމްބަރ 2018 - 12:53

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާ އަށް ވާދަކުރަން އެ ޕާޓީން ނިންމާފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މަޖިލީސް އިންތިޚާބުގައި އެކުގައި ވާދަކުރާނެ މަގެއް ނުފެނި ޚިޔާލުތަފާތުވުން ބޮޑުވެފައި ވަނިކޮށް، ޖޭޕީން ވަނީ އެ ޕާޓީގެ ޓިކެޓް ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފަ އެވެ. ކައުންސިލް ބައްދަލުވުމަކަށް ފަހު މިގޮތަށް ހުޅުވާލީ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވެސް މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ނިންމައި ޕްރައިމަރީ އަށް ތައްޔާރުވެފައި ވަނިކޮށެވެ.
ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް، ގުޅިގެން މަޖިލީސް އިންތިޚާބު ކާމިޔާބު ކުރުމާ ގުޅޭގޮތުން ކޯލިޝަންގެ ލީޑަރުން ބޭއްވި މަޝްވަރާ އަށް ފަހު، އެކުގައި ވާދަކުރެވޭނެ ކަމުގެ އުއްމީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާކޮށްދެއްވާފައި ވަނިކޮށް، ޖުމްހޫރީ ޕާޓީގެ ޓިކެޓަށް އެދެން ހުޅުވާލުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، ޖުމްހޫރީ ޕާޓީން މަޖިލީހުގެ 87 ދާއިރާ އަށް ކުރިމަތިލާން ނިންމުމަކީ ޑިމޮކްރެސީ އަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އޭގެ ފައިދާއަކީ، ނަޝީދު ވިދާޅުވާ ގޮތުގައި، މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން މިނެ، ވަޒަންކޮށް، ރައްޔިތުން ބޭނުންވާ މީހަކު ހޮވަން އިހްތިޔާރު ލިބުމެވެ.
ނަޝީދު މިގޮތަށް ވިދާޅުވެފައި ވަނިކޮށް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް މިއަދު ވިދާޅުވީ ޖޭޕީގެ ޓިކެޓް ބޭނުންވާ މީހުން ކުރިމަތިލާން ހުޅުވާލުމަކީ 87 ގޮނޑި އަށް ވާދަކުރަން ނިންމުމެއް ނޫން ކަމަށެވެ. ކައުންސިލުން ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، ކުރިމަތިލާ މީހުންގެ ތެރެއިން ޓިކެޓް ދޭނެ މީހުން ކޮމެޓީއަކުން ކަނޑައެޅުމަށެވެ.
"ކުރިމަތިލާ މީހުންގެ ތެރެއިން ޓިކެޓް ދޭނެ މީހުންނާއި ގޮތަކާއި ވާދަކުރާނެ ދާއިރާތައް ކަނޑައެޅުން އަދި އޮތީ. ކައުންސިލް ބައްދަލުވުމަށް ފަހު ޖޭޕީން ހަމައެކަނި ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވާލީ،" އަލީ ވިދާޅުވި އެވެ.
ޓިކެޓު ދޭނެ މީހުން ކަނޑައަޅަން ފަސް މެމްބަރުންގެ ކޮމިޓީއެއް ޖުމްހޫރީ ޕާޓީން ވަނީ އެކުލަވާލައިފަ އެވެ.
އަލީ ސޯލިހް ވިދާޅުވި ގޮތުގައި މަޖިލީސް އިންތިޚާބުގައި ވެސް ޖޭޕީގެ ފުރަތަމަ ވިސްނުމަކީ މަސްލަހަތު ކުރިއަށް ނެރުމެވެ. އެއާއެކު ވެފައި އޮންނަ އެއްބަސްވުންތަކަށް އިހްތިރާމްކުރުމަކީ ވެސް ޖޭޕީން އަބަދުވެސް ކުރިއަށް ނެރޭ އުސޫލް ކަމަށް ވިދާޅުވި އެވެ.