ރާއްޖޭގައި ބޭރުގެ ޖާސޫސުންނެއް ނެތް: ކޯސްޓްގާޑް
ރާއްޖޭގައި ބޭރުގެ ޖާސޫސުންނެއް ނެތް: ކޯސްޓްގާޑް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ގައުމުތަކުގެ ޖާސޫސުން ހަރަކާތްތެރިވާ ކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށް ކޯސްޓްގާޑުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ބޭރުގެ ޖާސޫސުންނެއް ނެތް: ކޯސްޓްގާޑް
ރާއްޖޭގައި ބޭރުގެ ޖާސޫސުންނެއް ނެތް: ކޯސްޓްގާޑް

ކޯސްޓްގާޑް ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި، ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ އަލީ ޒުހައިރު ވިދާޅުވީ އެ ވާހަކައަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދަން ބަޔަކު ދައްކާ ވާހަކައެއް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ދިވެހި ސިފައިންނަށް އެހީތެރިވުމަށް ބޭރު ގައުމުތަކުގެ އަދި ހާއްސަކޮށް އިންޑިއާގެ ސިފައިން ތިބޭ ކަމަށާއި އެމީހުންނަކީ ޖާސޫސުން ކަމަށް ބުނެ އަޑު ފަތުރަމުންދާ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން ވަނީ އެއީ އަޅުގަނޑުމެންގެ ތެރޭގައި އިތުރަށް ބިރުވެރިކަމާއި ނުތަނަވަސްކަމެއް އުފެއްދުމަށް ޓަކައި ދައްކަމުންދާ ވާހަކައެއްކަން،" އޭނާ ވިދާޅުވި އެވެ.

ބްރިގޭޑިއާ ޒުހައިރު ވިދާޅުވީ ރާއްޖޭގައި ބޭރު ބަޔަކު ޖާސޫސްކުރުން ފަދަ ކަމެއް ކުރަން އުޅޭ ނަމަ ކޯސްޓްގާޑްގެ ސިފައިން އެކަމެއް ހުއްޓުވާނެ ކަމަށާއި ސަލާމަތާއި ރައްކާތެރިކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

"މިގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން. އަޅުގަނޑުމެން 24 ގަޑި އިރު މިދަނީ އަޅުގަނޑުމެންނަށް ބެލެން އޮތް، ބަލަންވާ މިންވަރަށް ބަލަމުން. އެފަދަ އެއްވެސް ކަމެއް ކުރަން އުޅޭ ކަމަށް ވެއްޖެއްޔާ އަޅުގަނޑުމެން އެކަމެއް ހުއްޓުވުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް. އަޅުގަނޑުމެން މިއަދު އެކަން ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެހެލިކޮޕްޓަރު ބަލަހައްޓަން ތިބޭ އެގައުމުގެ ސިފައިން ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ ފަދަ މައުލޫމާތު އެއްކޮށް ބޭނުންކުރުމުގެ ފުރުސަތު އޮވެދާނެތޯ "މިހާރު"ން ސުވާލުކުރުމުން ޒުހައިރު ވިދާޅުވީ އެފަދަ ކަމެއް ކުރާ ނަަމަ ސިފައިން އަތް އުރާލައިގެން ނުތިބޭނެ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަަމަށެވެ.

"އެމީހުން އެތިބެނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި. އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އެމީހުން އެ މަސައްކަތް ކުރަމުން ދަނީ. އަޅުގަނޑުމެން ބުނީމާ ބުނާ ކަމެއް ކުރާނީ. އަޅުގަނޑުމެން ހުރިހާ އޮޕްރޭޝަނަލް ކޮންޓްރޯލްތަކެއް މި ގެންގުޅެނީ، " އޭނާ ވިދާޅުވި އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުން ކުރީގެ ސަރުކާރުން ވަނީ ހުއްޓުވައިފަ އެވެ. އޭރު އެ ދެހެލިކޮޕްޓަރު އަނބުރާ ގެންދަން ވެސް ރާއްޖޭން އިންޑިއާއަށް އެންގި އެވެ. ނަމަވެސް ފަހުން މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމާފައި ވަނީ ދެ ހެލިކޮޕްޓަރު ރާއްޖޭގައި ބާއްވާށެވެ. ޒުހައިރު ވިދާޅުވި ގޮތުގައި ދެ ހެލިކޮޕްޓަރު އަލުން ހިދުމަތަށް ނެރުމަށް ކުރަން ޖެހޭ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.