އިބްރަހިމޮވިޗުގެ ދެ ގޯލުން ޔުނައިޓެޑަށް މޮޅެއް
އިބްރަހިމޮވިޗުގެ ދެ ގޯލުން ޔުނައިޓެޑަށް މޮޅެއް

މެންޗެސްޓާ (އޮގަސްޓް 20) - ޒަލަޓާން އިބްރަހިމޮވިޗްގެ ދެ ލަނޑާ އެކު ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ދެ ވަނަ މެޗުން ރޭ ފަސޭހަކަމާ އެކު ސައުތުހެމްޓަން އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

ޕީއެސްޖީ ދޫކޮށް މި ސީޒަނުގައި ޔުނައިޓެޑާ ގުޅުނު އިބްރަހިމޮވިޗް ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ވަނީ އޭނާގެ ޖާދޫ ދައްކާލައިފަ އެވެ. އޭނާ އެ ޓީމަށް ލީޑު ނަގައިދިނީ ކެޕްޓަން ވޭން ރޫނީގެ ހުރަހަކުން 36 ވަނަ މިނެޓުގަ އެވެ. ދެ ވަނަ ލަނޑު 52 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުންނެވެ.

މީގެ ކުރިން އަޔަކްސް، ޔުވެންޓަސް، އިންޓަ، ބާސެލޯނާ އަދި އޭސީ މިލާނުގައި ވެސް މޮޅު ކުޅުމެއް ދައްކައި ކާމިޔާބީ ހޯދާފައިވާ އިބްރަހިމޮވިޗް ވަނީ އޭނާ ޔުނައިޓެޑަށް ކުޅެދިން ފުރަތަމަ ތިން މެޗުން ހަތަރު ގޯލް ޖަހައިފަ އެވެ.

މި މޮޅާ އެކު ހަ ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތީ ޔުނައިޓެޑެވެ. ސައުތުހެމްޓަން އޮތީ އެއް ޕޮއިންޓާ އެކު 13 ވަނައިގަ އެވެ. ޔުނައިޓެޑާއި ސައުތުހެމްޓަން އިތުރަށް އެއް މެޗު ކުޅެފައިވާއިރު ލީގުގައި މިއަދު ކުޅޭ މެޗުތަކާ އެކު ތާވަލަށް ބަދަލު އަންނާނެ އެވެ.

ޔުވެންޓަސް އިން 105 މިލިއަން ޔޫރޯ އަށް ޔުނައިޓެޑާ ގުޅުނު ޕައުލް ޕޮގްބާ ވަނީ ރޭގެ މެޗުގައި ފުުލްކޮށް ކުޅެފަ އެވެ. ޔޫރޯ އަށް ފަހު ދިގު ޗުއްޓީއެއްގައި ހުރެފައި ޔުނައިޓެޑާ ގުޅުނު ޕޮގްބާގެ ސަތޭކަ ޕަސެންޓް ނުފެނުނު ނަމަވެސް، އޭނާ ވަނީ ރޭގެ މެޗުގައި ވެސް ޔުނައިޓެޑުގެ ސަޕޯޓަރުން ހިތްހަމަޖެހޭ ފަދަ ކުޅުމެއް ދައްކައިފަ އެވެ. އިދިކޮޅު ހާފުގައި އޭނާ ވަނީ، އެ ޓީމުގެ އެހެން ކުޅުންތެރިންނަށް ވުރެ ގިނަ ވަގުތު ބޯޅަ ގެންއުޅެ ގިނަ ޕާސްކޮށްފަ އެވެ.