25 ޑިސެމްބަރ 2018 - 10:34

ޓިއުރިން (ޑިސެމްބަރު 25) – ޔުވެންޓަސް އަށް ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުން ވެގެންދިޔައީ ފަސޭހަ އޮޕަރޭޝަނަކަށް ކަމަށް އެ ޓީމުގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓިޗީ ބުނެފި އެވެ.
ރެއާލް މެޑްރިޑުގެ ތަނބެއްގެ ގޮތުގައި ބެލެވުނު ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވާ ވާހަކަ ގިނަ ބަޔަކަށް ވެގެންދިޔައީ ހައިރާން ކަމަކަށެވެ. އެކަމަކު އެ ވާހަކަތައް ފެތުރުނުތާ މާގިނަ ދުވަހެއް ނުވެ އޭނާ ވަނީ 100 މިލިއަން ޔޫރޯގެ އަގަކަށް އެ ޓީމަށް ބަދަލުވެފަ އެވެ.
"ރޮނާލްޑޯގެ ޓްރާންސްފާގައި ވަރަށް އާދައިގެކޮށް ދިޔައީ. އެއީ އޭރު ވެސް ރޮނާލްޑޯގެ ބޮލުގައި އިން ޔުވެންޓަސް އަށް ބަދަލުވުން. އޭނާ އަށް ވިސްނައިދޭން ޖެހޭނެ މާބޮޑު ސަބަބެއް ނެތް. އަހަންނަށް ހީވާ ގޮތުގައި ގާތްގަނޑަކަށް މޭ 25 ހިސާބުގައި، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފަހު އޭނާ ނިންމައިފި. އޭނާ ބުނި ޔުވެންޓަސް އިން ފުރުސަތު އޮތިއްޔާ އޭނާ ބޭނުންވަނީ ހަމައެކަނި އެ ޓީމު ކަމަށް،" ޕަރަޗިޓީ ބުންޏެވެ.
ޕަރަޗިޓީ ބުނީ އިންޓަ މިލާނުގެ ޔޮއާއޯ ކެންސެލޯއާ ބެހޭގޮތުން އޭނާ އަދި ރޮނާލްޑޯގެ ވެސް އޭޖެންޓް ޖޯޖް މެންޑެސްއާ ބައްދަލުކުރުމުން، އެ އުފާވެރި ހަބަރު ދިން ކަމަށެވެ.
"އޭނާ ބުނީ ކަލޭމެން ގަބޫލެއް ނުކުރާނެޔޭ، ރޮނާލްޑޯ ބޭނުންވެޔޭ ޔުވެންޓަސް އަށް ބަދަލުވާން،" ޕަރަޗިޓީ ބުންޏެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯ ގަތުމުގެ ފުރުސަތު ނަޕޯލީ އާއި އެނޫން ވެސް ބައެއް ޓީމުތަކަށް އޮތެވެ. އެކަމަކު އުމުރުން 31 އަހަރުގެ ކުޅުންތެރިޔަކަށް އެވަރުގެ ބޮޑު ހޭދައެއް ކުރެވެން ނެތީ އެވެ. ރޮނާލްޑޯ އަންނަނީ ޔުވެންޓަސްގައި ވެސް ތަފާތު ދައްކަމުންނެވެ. އެ ކްލަބުން އޭނާ ގެނައި އެންމެ ބޮޑު ސަބަބަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމެވެ.