އަހަރުގެ އެންމެ ސްޓައިލިޝް ފިރިހެނަކީ ނިކް ޖޯނަސް
އަހަރުގެ އެންމެ ސްޓައިލިޝް ފިރިހެނަކީ ނިކް ޖޯނަސް

މި އަހަރުގެ އެންމެ ސްޓައިލިޝް ފިރިހެނަކީ އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު އަދި އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސް ކަމަށް ޖީކިއު މަޖައްލާ އިން ބުނެފި އެވެ.

މި އަހަރު އެންމެ ރީތިކޮށް ހެދުން އަޅައި، ތަފާތު ސްޓައިލްތަކެއް ދެއްކި ފިރިހެން ސެލެބްރިޓީން ހިމަނައިގެން ޖީކިއު އިން ކުރިއަށް ގެންދިޔަ ޕޯލްގެ ނަތީޖާގެ ކުރި ނިކް ހޯދި އިރު، އޭނާގެ ފަހަތުން ޖާގަ ހޯދި ފަންނާނުންނަކީ މަޝްހޫރު އެކްޓަރު ރަޔަން ރެނޮލްޑްސް، މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެންމެ ބޮޑު އާމްދަނީއެއް މި އަހަރު ހޯދި މޮޑެލުންގެ ތެރޭގައި ހިމެނޭ ކްރިސީ ޓީޖެންގެ ފިރިމީހާ ޖޯން ލެޖެންޑް އަދި ދުވަސްވީ އެކްޓަރު ޖެފް ގޮލްޑްބްލަމް ހިމެނެ އެވެ.

ޖީކިއު އިން ބުނި ގޮތުގައި ނިކް އަށް ޕޯލްގެ އެއް ވަނައިން ޖާގަ ލިބެން މަގުފަހިކޮށް ދިން އެއް ކަމަކީ މި މަހުގެ ކުރީކޮޅު އިންޑިއާގައި އޮތް އޭނާގެ ކައިވެނީގެ ހަފުލާ އާއި މި އަހަރުގެ މެޓް ގާލާ އިވެންޓެވެ. އެ ދެ އިވެންޓްގައި ވެސް 26 އަހަރުގެ ނިކް ވަނީ ވަރަށް ރީތިކޮށް ހެދުން އަޅައިފަ އެވެ.

އަހަރުގެ އެންމެ ސްޓައިލިޝް ފިރިހެނާގެ މަގާމު ލިބުމުން ނިކް ވަނީ އެކަން އިންސްޓަގްރާމްގައި ވެސް ފާހަގަކޮށް އޭނާ އަށް ވޯޓް ދިން އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

އޭނާ ބުނި ގޮތުގައި ސްޓައިލިޝް މީހަކަށް ވާން ކުރި މަސައްކަތް އެންމެ ފަހުން ބަޔަކު ވަޒަން ކުރުމަކީ ބޮޑު ކާމިޔާބީއެކެވެ. އަދި އޭނާއާ އެކު އެ މަގާމަށް ވާދަ ކުރި އެންމެންނަށް ވެސް މަރުހަބާ ކިޔާ ކަމަށް ނިކް ބުންޏެވެ.

ފިރިމީހާ އަށް ލިބުނު ޝަރަފާ އެކު ޕްރިޔަންކާ ވެސް ވަނީ އިންސްޓަގްރާމްގައި އެކަން ފާހަގަކޮށްފަ އެވެ.

ޖީކިއުގެ މޯސްޓް ސްޓައިލިޝް މޭން އޮފް ދި އިޔާ 2018" ގެ މަގާމަށް ޖުމްލަ 64 ސެލެބްރިޓީއަކު ވާދަ ކުރި އެވެ.