21 އޯގަސްޓް 2016 - 06:45

އިމާރާތްތަކުގައި ލާފައި ހުންނަނީ ނޫކުލަ އެވެ. ސިޑިތަކާއި ދޮރުތަކާއި މަގުތަކުގައި ވެސް ނޫކުލަ އެވެ. މިއީ މޮރޮކޯގެ ޝަފްޝާވަން ސިޓީ އެވެ. މިއީ ހަމައެކަނި ނޫކުލައިން ނަލަކޮށްފައި އޮންނާތީ ހާއްސަވާ ތަނެއް ނޫނެވެ. މިއީ އެތައް ހާސް އަހަރެއްގެ ތާރީހު ދައްކުވައިދޭ ސިޓީއެކެވެ.

މުޅި ސިޓީ ވެސް ފެންނާނީ ވަރަށް ދުވަސްވެ ބާވެފައިވާ ތަނެއްގަ ގޮތުގަ އެވެ. އެކަމަކު މިއީ މީރު ކާނާ ލިބޭ ރެސްޓޯރަންޓްތައް ހުންނަ އަރާމު ދިރިއުޅުމަކަށް ފައްކާ ތަނެކެވެ. ނޫކުލަ ރީތި މީހުންނަށް ބަލައިލި ކޮންމެ ދިމާލަކުން ކުލައިގެ ހިތްހަމަޖެހުން ވެސް ލިބޭނެ އެވެ.

މޮރޮކޯގެ ރިފް ފަރުބަދަތަކުގެ ތެރޭގައި އޮންނަ، އެހެން މީހުންނާ މާ ބޮޑު ގުޅުމެއް ނުބާއްވާ އުޅޭތާ 500 އަހަރުވެފައިވާ މި ސިޓީގެ އިމާރާތްތައް އެއް ޒަމާނެއްގައި ހުރީ ހުދު ކުލައިގަ އެވެ. ހުރިހާ އިމާރާތެއް ވެސް އެއް ކުލައެއްގަ އެވެ. އެކަމަކު ފަހުން ބަދަލުކުރީ ނޫކުލައަށެވެ.

ޝަފްޝާވަން އާބާދުވީ 1471 ގައި ސްޕޭންގައި ހިނގި ހަނގުރާމައިން ސަލާމަތްވުމަށް ހިޖުރަކުރި މޫރިޝް އާއި ޔަހޫދީންނެވެ. އަދި 1930 ގައި ޖަރުމަނުގެ އެޑޮލްފް ހިޓްލަރު ޔަހޫދީން ނައްތާލަން ފެށި ކެމްޕޭނާ ގުޅިގެން ވެސް ޔަހޫދީންގެ އިތުރު އެތައް ބަޔަކު ޝަފްޝާވަން އަށް ހިޖުރަކުރި އެވެ.

އެތަނުގެ އިމާރާތްތަކުގައި ނޫކުލަ ލާފައި ހުންނަ ސަބަބާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ. އެއްބަޔަކު ބުނަނީ ނޫކުލަ އަކީ ޔަހޫދީން އުޑުތައް ރަމްޒުކޮށް ދީނީ އަގީދާ ވަރުގަދަކުރުމަށް ލާފައިވާ ކުލައެއް ކަމަށެވެ. އެހެން ބުނަނީ ޔަހޫދީން ނޫކުލަ އަކީ ދީނީ ކުލައެއްގެ ގޮތުގައި ވެސް ބަލާތީ އެވެ.
މުޅި ސިޓީގައި ނޫކުލަ ހުންނަނީ މަދިރީގެ އުނދަގަލުން ސަލާމަތްވާން ކަމަށް ވެސް ކިޔައި އުޅެ އެވެ. މަދިރި އަކީ ދައުރުވާ ސާފު ފެން ހުންނަ ތަންތަނަށް ޝައުގުވެރިވާ އެއްޗެއް ނޫނެވެ. ޝަފްޝާވަންގައި އިމާރާތްތަކުގެ ފާރުތައް ހުންނަނީ އޮއިދެމޭ ފެންގަނޑެއްގައި ހުންނަ ގޮތަށް ބައްޓަން ލައިފަ އެވެ. އޭގެ މަތިން ނޫކުލަ ލުމުން ، ދައުރުވާ ފެންގަނޑެއް ސިފަވެ އެވެ.
ނޫކުލައިގެ ސިޓީގައި އުޅުނު ޔަހޫދީންގެ ގިނަ މީހުން 1948 ވަނަ އަހަރު އިޒްރޭލު އުފެއްދުމާ އެކު އެތަނަށް ވަނީ އެނބުރި ގޮސްފަ އެވެ. އޭގެ ފަހުން މުސްލިމުންގެ އަދަދު އިތުރުވެގެން ދިޔަ އެވެ. އެކަމަކު އިމާރާތްތަކުން ނޫކުލަ ފިލައިގެނެއް ނުދިޔަ އެވެ.
އިމާރާތްތަކުގައި ކުލަ ލުމަށް ސަރަހައްދީ ސަރުކާރުން ގޭގެޔަށް ހާއްސަ ފިއްސެއް ބަހަ އެވެ. ނޫކުލައިގެ އިތުރުން ދެން އެންމެ ގިނައީ ފިޔާތޮށި، ފެހި އަދި ރީނދޫ ކުލަ އެވެ. އެކަމަކު ނޫކުލަ އަށް އޮންނަ ހާއްސަ ކަމެއް އެހެން އެއްވެސް ކުލަޔަކަށް ނެތެވެ. އަންހެނުން، އިމާރާތްތަކާ އެއްކުލައިން ހެދުން އަޅައިގެން ވެސް އުޅެ އެވެ. އެ މީހުން އިމާރާތްތަކުގެ ކައިރިން ދާއިރު ފާހަގަ ނުވެ ވެސް ހިނގައިދާނެ އެވެ.