10 އަހަރު ފަހުން ޑެފޯއާ ރަން މެޑަލް ހަވާލުކޮށްފި
10 އަހަރު ފަހުން ޑެފޯއާ ރަން މެޑަލް ހަވާލުކޮށްފި

ލަންޑަން (ޑިސެމްބަރު 25) - ޓޮޓެންހަމް ހޮޓްސްޕާސް އިން 2008 ވަނަ އަހަރު އިނގިރޭސި ލީގު ކަޕް ކާމިޔާބުކުރިއިރު އެ އަހަރު އެ ޓީމަށް ކުޅުނު ޖަމެއިން ޑެފޯ އަށް 10 އަހަރަށް ފަހު އޭނާގެ ރަން މެޑަލް ހަވާލުކޮށްފި އެވެ.

ޑެފޯ ވަނީ 2007-2008 ވަނަ އަހަރުގެ ލީގު ކަޕްގައި ޓޮޓެންހަމަށް ކުޅެފަ އެވެ. އަދި އެ މުބާރާތުގެ ފަސް ވަނަ ބުރުގައި މެންޗެސްޓާ ސިޓީ ކޮޅަށް ލަނޑު ވެސް ޖެހި އެވެ. އެކަމަކު 2008 ވަނަ އަހަރުގެ ޖެނުއަރީ މަހު ޑެފޯ ވަނީ ޓޮޓެންހަމް ދޫކޮށް ޕޯޓްސްމައުތަށް ބަދަލުވެފަ އެވެ. އޭގެ އެއް މަސް ފަހުން ޓޮޓެންހަމް ވަނީ ޗެލްސީގެ މައްޗަށް 2-1 އިން ކުރިހޯދައި ލީގު ކަޕް ކާމިޔާބު ކޮށްފަ އެވެ.

"އަހަރެން ހަނދާން އެބަހުރި އެ ކާމިޔާބީއާ ހަމައަށް ވާސިލްވާން އަހަރެންގެ ފަރާތުން ދިން އެހީތެރިކަން. ވަރަށް އުފާވި ޓޮޓެންހަމް އެ މުބާރާތް ކާމިޔާބުކުރީމަ،" އިނގިރޭސި އެފްއޭގެ ރަސްމީ ވެބްސައިޓަށް ޑެފޯ ބުންޏެވެ.

ޑެފޯ އަށް އޭރު މެޑަލް ނުދިނީ އޭރު އެ މުބާރާތުގެ ގަވާއިދު އޮންނަ ގޮތުންނެވެ. އޭރު ގަވާއިދުގައި އޮތީ މެޑަލް ލިބޭނީ ތަށި ހޯދާ ޓީމެއްގައި އެ ވަގުތު ހިމެނޭ ކުޅުންތެރިންނަށް ކަމަށެވެ. އެކަމަކު ދާދި ފަހުން އެ މުބާރާތުގެ ގަވައިދަށް ގެނެވުނު ބަދަލުތަކާ އެކު އެ ސީޒަނެއްގައި އެ ޓީމަށް އެ މުބާރާތެއްގައި ކުޅުނު ކޮންމެ ކުޅުންތެރިއަކަށް ޓީމު ކާމިޔާބު ހޯދައިފިނަމަ މެޑަލް ދޭނެ އެވެ.

"އޭރު ވެސް އަހަންނަށް މެޑަލް ނުލިބޭއިރު ވެސް އަހަރެން ވަރަށް ބޮޑަށް އުފާފާޅުކުރިން ޓޮޓެންހަމަށް އެ ކާމިޔާބީ ލިބުނީމަ. އެއީ ޓޮޓެންހަމަކީ ބޮޑު ކްލަބެއް. އެ ފަދަ ޓީމަކަށް އަހަރެންގެ ފަރާތުން ފާހަގަކުރެވޭވަރުގެ ކާމިޔާބެއް ލިބުމަކީ އުފަލެއް،" ޑެފޯ ބުންޏެވެ.

އުމުރުން 36 އަހަރުގެ ޑެފޯ ވަނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހު އަލުން ޓޮޓެންހަމަށް ބަދަލުވެފަ އެވެ. އޭގެ ފަހުން އެމެރިކާ ލީގުގެ ޓޮރޮންޓޯ އެފްސީ އަށް ވެސް ކުޅުނެވެ. މިހާރު ބޯންމައުތަށް ކުޅެމުން އަންނަ ޑެފޯ އޭގެ ކުރިން ފެނުނީ ސަންޑަލެންޑުންނެވެ.