26 ޑިސެމްބަރ 2018 - 08:46

ސަންޖޭ ލީލާ ބަންސާލީ މީގެ ތިން އަހަރު ކުރިން ގެނެސް ދިން ތާރީހީ ލޯބީގެ ފިލްމި ފިލްމު "ބަޖިރާއޯ މަސްތާނީ" އެމެރިކާގެ ނުފޫޒު ގަދަ މަހުޖަނު އީލޮން މަސްކަށް ކަމުގޮސްގެން އެ ފިލްމުގެ ވާހަކަ ޓްވީޓް ކުރުމުން ބަންސާލީ އެކަމަށް ޝުކުރުއަދާކޮށްފި އެވެ.
ސްޕޭސް އެކްސްގެ އެއް ބާނީ ހޮނިހިރު ދުވަހު ކުރި ޓްވީޓްގައި ވަނީ "ބަޖިރާއޯ މަސްތާނީ" ނަމުގެ ކުރިއަށާއި ފަހަތަށް ދެ ހިތް ލައި، ފިލްމުގެ ލަވައެއް ކަމަށްވާ "ދީވާނީ މަސްތާނީ" ގެ ޔޫޓިއުބް ލިންކެއް ހިއްސާކޮށްފަ އެވެ އަދި ފިލްމުގެ އެހެން ލަވައެއް ކަމަށްވާ "މަލްހާރީ" ގެ މަންޒަރެއް ވެސް ހިމަނާފައިވެ އެވެ.
އީލޮންގެ އެ ޓްވީޓަށް ބަތަލާ ދީޕިކާ ޝުކުރު އަދާކޮށް އިމޯޖީއަކުން ރިޕްލައި ކުރި އެވެ.
އީލޮން މިގޮތަށް ޓްވީޓްކުރުމުން ބައެއް މީހުން ހީކުރީ ބަޔަކު އޭނާގެ ޓްވިޓާ ހެކްކޮށްގެން ހިންދީ ފިލްމަކާ ބެހޭ ގޮތުން ޓްވީޓް ކުރީ ކަމަށެވެ. އެހެންވެ ގިނަ ބަޔަކަށް މިކަން ސަޕްރައިޒަކަށްވީ އެވެ.
މިކަމަށް އިޝާރާތްކޮށް ބަންސާލީ ބުނީ "އީލޮން ފަދަ ވަރުގަދަ ޝަހުސިއްޔަތަކު އަދި އެހާ ބުރަކޮށް އުޅޭ މީހަކު އޭނާގެ ފިލްމާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ވަގުތުކޮޅެއް ހުސްކޮށްލުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ.
"އަހަންނަށް އޭނާގެ އެ ޓްވީޓުން އިހުސާސް ކުރެވުނު އެއް ކަމަކީ މީގެ ތިން އަހަރު ކުރިން އަހަރެން އެ ކުރި މަސައްކަތް އަދިވެސް ގިނަ ބަޔަކު ވަރަށް ބޮޑަށް ބަލައިގަނެ، އެ ކުރެވުނު މަސައްކަތަކީ ވަރަށް ވެސް ފާހަގަކޮށްލެވޭ މަސައްކަތަކަށްވިކަން،" މި އަހަރު "ޕަދްމާވަތު" ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ. "ބަޖިރާއޯ މަސްތާނީގެ ވާހަކަ އީލޮން ހިއްސާކުރުމަކީ ވަރަށް ބޮޑު ވެސް އުފަލެއް. އޭނާ އަށް އަހަރެން ޝުކުރު އަދާކުރަން."
ކްރިޓިކުން ވެސް ތައުރީފު އޮއްސާފައިވާ އަދި ބޮކްސް އޮފީހުގައި 356 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި "ބަޖިރާއޯ މަސްތާނީ" ގައި ލީޑް ރޯލް ކުޅުނީ ރަންވީރާއި ދީޕިކާގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާ އެވެ.
އިންޑިއާގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބަންސާލީއަކީ އޭނާގެ ކޮންމެ ފިލްމަކުން އެތައް ބައެއްގެ ލޯބި ހޯދާ ޑައިރެކްޓަރެކެވެ. އަދި އޭނާ ފާހަގަކޮށްލެވެނީ ތާރީހީ ހާދިސާތަކަށް އެންމެ ފުރިހަމަ އަށް އަދި އެންމެ ޗާލުކޮށް އިންސާފުކޮށްދޭ އިންޑިއާގެ އެއް ޑައިރެކްޓަރުގެ ގޮތުގަ އެވެ.
ބަންސާލީ މިހާތަނަށް ޑައިރެކްޓް ކުރި ކޮންމެ ފިލްމަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފިލްމުތަކެވެ. އޭނާ 2002 ގައި ގެނެސް ދިން "ދޭވްދާސް" އަކީ އޮސްކާ އެވޯޑްސްގެ ބެސްޓް ފޮރިން ފިލްމު ލެންގްއޭޖް ފިލްމް ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވި ފިލްމެކެވެ. އަދި އެ ފިލްމަކީ ބަފްޓާ އެވޯޑްސްގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ނޮމިނޭޓް ވެސް ވި ފިލްމެކެވެ.
ގިނަ ބަޔަކު މިހާރު ތިބީ ބަންސާލީ ދެން ގެނެސްދޭ ފިލްމެއްގެ އިންތިޒާރީގަ އެވެ.