25 ޑިސެމްބަރ 2018 - 13:36

މުމްބާއީ (ޑިސެމްބަރު 25) - ފޭސްބުކުން ދިމާވި އަންހެނަކާ ލޯބިވެ އޭނާއާ ބައްދަލު ކުރަން ޕާކިސްތާނަށް ދިއުމުން ހަ އަހަރު އެ ގައުމުގެ ޖަލުގައި ހޭދަކުރަން ޖެހުނު އިންޑިއާގެ ހާމިދު ނިހާލް އަންސާރީގެ ނަސޭހަތަކީ ފޭސްބުކް ފަދަ ވަސީލަތްތައް މެދުވެރިކޮށް ލޯބިވެރިން ނުހޯދުމެވެ.
"ލޯބީގައި އަޅުގަނޑު ކަންތައް ކުރި ގޮތަށް މިސާލް ނުނެގުމަށް ވަރަށް ބޮޑަށް އެދެން،" ޖަލުން ސަލާމަތްވެގެން އިންޑިއާ އަށް ދިޔަތާ ދުވަސްކޮޅެއް ފަހުން އޭއެފްޕީއާ ވާހަކަ ދައްކަމުން އަންސާރީ ބުންޏެވެ.
އަފްޣާނިސްތާނުން ޕާކިސްތާނަށް އަންސާރީ އެތެރެވީ 2012 ވަނަ އަހަރު އެވެ. އޭނާ ޕާކިސްތާނަށް ދިޔައީ ފޭސްބުކުން ދިމާވި އެ ގައުމުގެ އަންހެން ކުއްޖަކާ ލޯބިވެވި އެ ކުއްޖާއާ ބައްދަލު ކުރުމަށެވެ. އެކަމަކު އޭނާ ދާންވާ އިރަށް ޕާކިސްތާނުގެ ފުލުހުން ތިބީ އަންހެން ކުއްޖާގެ ގޭގައި ތައްޔާރަށެވެ. އަންސާރީ ދިއުމާ އެކު އޭނާ ހައްޔަރު ކުރީ ފޭކް ލިޔުންތަކެއްގެ މައްސަލާގައި ޖާސޫސްކުރި ކަމުގެ ކުށުގަ އެވެ.
"ނުދަންނަ މީހުންނާ ލޯބިވާން ޖަޒުބާތުގައި ނުޖެހޭތި. އަދި ސޯޝަލް މީޑިއާ އިން ގޮތް ނޭނގޭ މީހުންނާ ރައްޓެހި ނުވާތި،" އަންސާރީ ބުންޏެވެ.
މުމްބާއީގަައި އަންސާރީގެ ގޭގައި ހުރެ ބުނީ ޕާކިސްތާނުން ޑިޕޯޓްކޮށްލި ދުވަހަކީ އޭނާ އެންމެ އުފާވި ދުވަސް ކަމަށެވެ.
"ދެން އަހަރެން ކައިވެންޏެއްކޮށް އަލުން ދިރިއުޅުމެއް ފަށަން ޖެހިފައި މިވަނީ. އެކަމަކު ސޯޝަލް މީޑިއާގައި އެގޮތަށް އުޅުން ދެން ނިމުނީ،" އުމުރުން 33 އަހަރުގެ އިންޖިނޭރު ބުންޏެވެ.