ގެއްލުނު ކަމަށް ބުނި ދުބާއީގެ ޕްރިންސަސްގެ ފޮޓޯ އާއްމުކޮށްފި
ގެއްލުނު ކަމަށް ބުނި ދުބާއީގެ ޕްރިންސަސްގެ ފޮޓޯ އާއްމުކޮށްފި

ދުބާއީ (ޑިސެމްބަރު 25) - ގެއްލުނު ކަމަށް ބުނި ދުބާއީގެ ޕްރިންސަސް ޝެއިޚާ ލަތީފާގެ ފޮޓޯއެއް ޔޫއޭއީ އިން އާއްމުކޮށްފި އެވެ.

ދުބާއީގެ ވެރިޔާ ޝެއިޚް ރާޝިދު ބިން މަޚްތޫމްގެ އުމުރުން 33 އަހަރުގެ ދަރިކަނބަލުން ޝެއިޚާ ލަތީފާ ބިންތު މުހައްމަދު ބިން ރާާޝިދު އަލް މަޚްތޫމް ފިލަން އެންމެ ފުރަތަމަ މަސައްކަތް ކުރީ މާޗު މަހު އެވެ. އޭނާ ފިލަން އުޅުނީ މިނިވަން ދިރިއުޅުމެއް އުޅެން ވެގެން ކަމަށްވެ އެވެ. ޔޫޓިއުބް ވީޑިއޯއެއް މެދުވެރިކޮށް ފިލިކަން އިއުލާން ކުރި ޝެއިޚާ ލަތީފާ އަނބުރާ ދުބާއީ އަށް ގެންދިޔައީ އިންޑިއާ ބޭރުން ދަތުރު ކުރަމުން ދިޔަ ޔޮޓެއްގައި ހުއްޓަ އެވެ.

އޭގެ ފަހުން އޭނާ އަށް ވީގޮތެއް ނޭނގޭތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް ޔޫއޭއީ އިން ބުނެފައި ވަނީ ޝެއިޚާ ލަތީފާ ހުންނެވީ އާއިލާއާ އެކު އެ ގައުމުގައި ކަމަށެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީން އިއްޔެ ވަނީ ޝެއިޚާ ލަތީފާ ގެއްލުނު ކަމަށް ބުނާ ވާހަކަ ދޮގުކޮށް އދ.ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީސް އޮފް ސްޕެޝަލް ޕްރޮސީޖާސް އަށް ލިޔުމެއް ފޮނުވައިފަ އެވެ. އަދި ވަނީ އދ.ގެ ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަނާ އަދި އަޔަލެންޑުގެ ކުރީގެ ރައީސް މޭރީ ރޮބިންސަންއާ އެކު ޝެއިޚާ ލަތީފާ އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް އާއްމުކޮށްފަ އެވެ. އެ ފޮޓޯ ނަގާފައިވާ ކަމަށް ބުނެފައި ވަނީ މި މަހު 15 ވަނަ ދުވަހު އެވެ.