24 ޑިސެމްބަރ 2018 - 23:41

ކޮލަމްބޯ (ޑިސެމްބަރު 24) - ސްރީ ލަންކާގެ ނޯތު އަދި ސެންޓްރަލް ޕްރޮވިންސްގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ 80،000 އަށް ވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފައި ވަނީ ފެންބޮޑުވުމުގައި ނޮދަން ޕްރޮވިންސް އިން އެކަނި ވެސް 73،000 މީހުންނަށް ގެއްލުންވެފައިވާ ކަމަށެވެ. ކިލިނޮއްޗީ ޑިސްޓްރިކްޓުން ގާތްގަނޑަކަށް 38،524 މީހުންނަށް ގެއްލުން ލިބިފައިވާ އިރު މުއްލައިތިވޫން ވަނީ 20،737 މީހުންނަށް ގެއްލުން ލިބިފަ އެވެ. ޖަފްނާ ޑިސްޓްރިކްޓުން ވެސް 12،642 މީހުންނަށް ގެއްލުން ލިބިފައިވާ ކަމަށް ޑިޒާސްޓާ ސެންޓަރުން ބުނެ އެވެ.
ކެންޑީ ޑިސްޓްރިކްޓުން ވެސް ވަނީ 890 މީހަކަށް ގެއްލުން ލިބިފަ އެވެ.
ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދިނުމުގައި 230 ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ފެންބޮޑުވުމުގައި ގެއްލުން ލިބުނު މީހުންނަށް ވަގުތުން އެހީ ފޯރުކޮށް ދިނުމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ އަންގަވައިފަ އެވެ.