ފިނޭންސް މިނިސްރީން 100 ދުވަހު ފުއްދަނީ ފަސް ވައުދު!
ފިނޭންސް މިނިސްރީން 100 ދުވަހު ފުއްދަނީ ފަސް ވައުދު!

ސަރުކާރުގެ ސަތޭކަ ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ފުއްދާނެ ފަސް ވައުދު ހާމަކޮށްފި އެވެ.

އެ މިނިސްޓްރީގެ ވެބްސައިޓްގައި ހިމަނާފައިވާ ލިސްޓުގައި ހިމެނޭ ފަސް ވައުދުގެ ތެރެއިން ތިން ކަމެއް މިހާރު ވަނީ ނިންމައިފަ އެވެ. އެއީ ދަރަނިވެރިވެ ގައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުސޫލުން ނެގިފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށުމާއި އަންހެނުންގެ ޕެޑު އަދި ޓެމްޕެކްސް ފަދަ ޒަރޫރީ ބާވަތްތަކުން ނަގާ ޖީއެސްޓީ އުވާލުމުގެ އިތުުރުން ޕޭ ކޮމިޝަން މެދުވެރިކޮށް ސަރުކާރުން މުސާރާއިގެ އޮނިގަނޑު މުރާޖައާކޮށް، ގެންނަން ފެންނަ ބަދަލުތައް ދެނެގަތުމެވެ.

ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހަމަޖެއްސުމުގެ ވައުދުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އެއީ ދެ މަސް ދުވަހުގެ ތެރޭގައި ފުއްދަން ޖެހޭ ވައުދެކެވެ.

ދެން އޮތް ވައުދަކީ ގްރީން ޓެކްސް ނެގޭ ގޮތާއި އެ ފައިސާ ހަރަދު ކުރެވޭނެ ގޮތް ތަފްސީލުކޮށް ދެ ފުށް ފެންނަ ގޮތަކަށް ހާމަކުރުމެވެ. ތިން މަސްދުވަހުގެ ތެރޭގައި ފުއްދަން ޖެހޭ މި ވައުދުގެ 50 ޕަސެންޓް ފުރިހަމަކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

1. ދަރަނިވެރިވެ ގައުމުގެ ސިޔާދަތަށް ގެއްލުންވާނެ އުސޫލުން ނަގާފައިވާ ލޯނުތަކާއި ކޮންޓްރެކްޓްތައް އަލުން ރީނެގޯޝިއޭޓް ކުރަން ފެށުން.

2. ފަރުޟު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތް ހަމަޖެއްސުން

3. އަންހެނުންނަށް ބޭނުންވާ ޕެޑު އަދި ޓެމްޕެކްސް ފަދަ ޒަރޫރީ ބާވަތްތަކުން ނަގާ ޖީއެސްޓީ އުވާލުން.

4. ގްރީން ޓެކްސް ނެގޭ ގޮތާއި އެ ފައިސާ ހަރަދު ކުރެވޭނެ ގޮތް ތަފްސީލުކޮށް ދެ ފުށް ފެންނަ ގޮތަކަށް ހާމަކުރުން

5. ޕޭ ކޮމިޝަން މެދުވެރިކޮށް ސަރުކާރުން މުސާރާއިގެ އޮނިގަނޑު މުރާޖައާކޮށް ގެންނަން ފެންނަ ބަދަލުތަށް ދެނެގަތުން.

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ގޮތުގައި 161 ވައުދެއް ހިމެނެ އެވެ. މި ވައުދުތައް ފުރިހަމަ ކުރުމަށް ކަނޑައަޅާފައިވާ ދުވަސްތަކުގެ ތަފްސީލު ވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ބަޔާންކޮށްފައިވެ އެވެ.