24 ޑިސެމްބަރ 2018 - 16:58

އިސްލާމްއާބާދު (ޑިސެމްބަރު 24) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ މައްޗަށް ކޮރަޕްޝަނުގެ ކުށުގައި ހަތް އަހަރުގެ އިތުރު ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.
ޕާކިސްތާނުގައި ތިން ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފުގެ މައްޗަށް އެންމެ ފަހުގެ ހުކުމް އައިސްފައި ވަނީ ސައުދީ އަރަބިއާގައި ހުރި ސްޓީލް މިލް އަކީ ކޮން ފަރާތަކުން ޚަރަދުކޮށްފައިވާ ތަނެއްކަން ސާބިތުކޮށް ނުދެވުމުންނެވެ.
ނަވާޒް ޝަރީފުގެ މައްޗަށް ހަތް އަހަރުގެ ޖަލު ހުކުމް މިއަދު އިއްވި ކޯޓުން މިދިޔަ ޖުލައި މަހު ވަނީ ލަންޑަނުން ގެއެއް ގަތް މައްސަލާގައި ނަވާޒް ޝަރީފުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. މައްސަލައިގެ އިސްތިއުނާފް ނިމެންދެން ނަވާޒް ޝަރީފް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިސްލާމް އާބާދުގެ ހައި ކޯޓުން ދޫކޮށްލައިފަ އެވެ.
ޖުލައި މަހު ޕާކިސްތާނުގައި އާއްމު އިންތިޚާބު ބޭއްވީ ނަވާޒް ޝަރީފް ޖަލުގައި ހުންނަވަނިކޮށެވެ. އެ އިންތިޚާބުން ނަވާޒް ޝަރީފުގެ ޕާޓީ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ގިނަ ގޮނޑި ހޯދާފައި ވަނީ ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިންނެވެ.
ނަވާޒް ޝަރީފް އަލުން ޖަލަށް ފޮނުވައިފި ނަމަ ބޮޑު އިހްތިޖާޖެއް ފަށާނެ ކަމުގެ އިންޒާރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް އިން ވަނީ ދީފަ އެވެ.