24 ޑިސެމްބަރ 2018 - 16:19

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ޖުމްހޫރީ ޕާޓީން ހުޅުވާލުމަކީ ޑިމޮކްރަސީއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމީ، މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލުމަށެވެ. އެކަމަކު ވަކި ދާއިރާތަކަކަށް ކުރިމަތިލުމަށް ނުވަތަ ދާއިރާތަކެއް ދޫކޮށްލުމާ މެދު އެ ޕާޓީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް، އިހްތިޔާރު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކެންޑިޑޭޓުން ނެރުމަށް ޖުމްހޫރީ ޕާޓީން ނިންމި ނިންމުމަކީ ޑިމޮކްރަސީއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި ސަރުކާރު ހިންގުމުގައި ކޯލިޝަން ބަދަހިކޮށް އޮންނާނެ ކަމީ ކަށަވަރު ކަމެއް ކަމަށް ވެސް ނަޝީދުގެ ޓްވީޓްގައިވެ އެވެ.
މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަ ކުރުމުގެ ފުރުސަތު ޖުމްހޫރީ ޕާޓީން ހުޅުވާލަން ނިންމިއިރު، އެމްޑީޕީން ކުރިން ވެސް އޮތީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ފާސްކޮށްފަ އެވެ. އެގޮތަށް އެމްޑީޕީން ފާސްކުރީ މަޖިލިސް އިންތިޚާބުގައި ވެސް ކޯލިޝަން ގުޅިގެން އިންތިޚާބަށް ނިކުތުމަށް ކޯލިޝަންގެ ހަތަރު ޕާޓީން އެއްބަސްވެފައި ވަނިކޮށެވެ.
މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ ޕާޓީތަކަށް ދާއިރާތައް ބަހާނެ ގޮތާ މެދު ހަތަރު ލީޑަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މަޝްވަރާތަކެއް ބާއްވަވައިފަ އެވެ. އެކަމަކު މިހާތަނަށް ވެސް އެކަމުގައި ވަކި ގޮތެއް ނުނިމެ އެވެ.