ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި އަމުރު އިސްތިއުނާފް ކުރަން ހުށަހަޅައިފި
ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި އަމުރު އިސްތިއުނާފް ކުރަން ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި އެމަނިކުފާނުގެ ވަކީލް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އެކައުންޓްތައް ފްރީޒްކުރީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އެ ކަމުގައި ގާނޫނީ މައްސަލަތަކެއް ވެސް ހުރުމާ އެކު އިސްތިއުނާފްކުރަން ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ އެކައުންޓްތައް ފުރީޒްކުރީ ކުރިއަށް އޮތް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުންނެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި، މި މައްސަލައިގައި މިގޮތަށް ސިލެކްޓިވްކޮށް ރައީސް ޔާމީނުގެ އެކައުންޓްތައް ފްރީޒްކޮށްފައި މިހިރީ ހަގީގަތުގައި ޕީޕީއެމްގެ މި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގޮތަށް ދެކެވަޑައިގަންނަވަނީ ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރުކުރި ދުވަހު އެކައުންޓްތަކުގައި ހުރި ހުރިހާ ފައިސާއަކާ ބެހޭ ގޮތުން ސުވާލުކޮށްފައި ނުވާތީ ކަމަށެވެ. އެ ދުވަހު ސުވާލު ކުރީ އެމަނިކުފާނުގެ އެކައުންޓަކަށް ހަދާފައި އޮތް ދެ ޓްރާންސެކްޝަނަކާ ބެހޭ ގޮތުން ކަމަށާއި އެ މުއާމަލާތްތަކުގެ ޖުމްލައަކީ 22.5 މިލިޔަން ރުފިޔާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ހުރިހާ އެކައުންޓެއް ފްރީޒް ކުރައްވަން ޖެހިވަޑައިގަންނަވާވަރުގެ ކަމެއް އޮތް ކަމަކަށް އަަދި އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" އާޒިމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔާމީނުގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ އެ އެކައުންޓްތަކުގެ މައުލޫމާތާއި މަރުކަޒީ ބޭންކް އެމްއެމްއޭގެ ރިޕޯޓެއް ހުށަހަޅައިގެން ކަމަށެވެ.

އެމްއެމްއޭ އިން ރިޕޯޓެއް ހުށައެޅީ ސިޔާސީ މަގުސަދެއްގައި ކަމަށް ގަބޫލުކުރައްވަނީތޯ "މިހާރު" އިން ސުވާލު ކުރުމުން އާޒިމާ ވިދާޅުވީ އެގޮތަށް ގަބޫލުކުރައްވާ ކަމަށެވެ.

"އާދެ. އެމްއެމްއޭ އަށް ދާނީ އެންމެ މައްސަލައެއް ނޫން ދެއްތޯ؟ އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ އެގޮތަށް،" ގާނޫނުއަސާސީ އާއި ގާނޫނުތަކާ ދެކޮޅަށް އެތައް އަމަލެއް ޔާމީން ސަރުކާރުން ހިންގި އިރު، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އާޒިމާ ވިދާޅުވި އެވެ.

އެކައުންޓްތައް ފްރީޒް ކުރީ ސިޔާސީ ބޭނުމަކަށް ކަމަށް ވިދާޅުވުމުން، އެ އަމުރު ނެރުމުގައި ކްރިމިނަލް ކޯޓަށް ވެސް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ގަބޫލުކުރައްވަނީތޯ ދެންނެވުމުން އެ ސުވާލަށް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

އާޒިމާ ވިދާޅުވީ ގާނޫނީ ގޮތުން ޖިނާއީ އަމަލެއް ހިންގި ކަމަށް ތުހުމަތުވާ ގޮތަށް ޔާމީނާ ފުލުހުން ސުވާލު ކޮށްފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއްގެ ހެއްކެއް، ގަރީނާއެއް ވެސް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ބުނެ ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ނެރުނު ބަޔާނެއްގައި ފުލުހުން ބުނެފައި ވަނީ އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކަށް ވޭތުވެދިޔަ ފަސް އަހަރު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތަހުގީގުގެ ބޭނުމަށްޓަކައި އެމަނިކުފާނުގެ ބޭންކް އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ފްރީޒުކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އެކައުންޓްތަކެވެ.