25 ޑިސެމްބަރ 2018 - 08:08

ކެއުން ކޮންޓްރޯލްކޮށް، ބަރުދަން އެއްވަރެއްގައި ހިފަހައްޓަން ބައެއް މީހުންނަށް އުނދަގޫވާ އެއް ސަބަބަކީ ފެންނަހާ އެއްޗެއް ކާހިތްވުމެވެ. އެކަމަކު މިކަމަށް ހައްލެއް އެބަ އޮތް ކަމަށް ދިރާސާއެއްގައި ވަނީ ބުނެފަ އެވެ.
ޕްލޮސް ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ ޑާޓްމައުތު ޔުނިވަސިޓީގެ ދިރާސާގައި ބުނި ގޮތުގައި ކުރަންޖެހޭ ކަމަކީ ކާއެއްޗެހީގައި ކެލޮރީޒް ލޭބަލް ޖެހުމެވެ. މިކަމުގެ ސަބަބުން، ކާ އެއްޗެހީގެ ކޮލަރީޒް ކޮންޓެންޓް އެނގި އެއަށް ހިތް ކިޔުން ކަނޑުވައި ދެ އެވެ.
މިސާލަކަށް، ތިމާ ވަރަށް ބޮޑަށް ކާހިތުން އުޅޭ އެއްޗެއްގައި އެކުލެވޭ މާއްދާތަކާ އެއިން ހަށިގަނޑަށް ކުރުވާ އަސަރުތައް ކެލޮރީ ލޭބަލުން އަންގައި ދިނުމުން އެ އެއްޗެއް ކާހިތްވުން ކުޑަކޮށް ދޭނެ،" ދިރާސާ ޓީމުގައި ހިމެނޭ އެންޑްރިއާ ކޯޓްނީ ބުންޏެވެ.
އޭނާ ފާހަގަކުރި ގޮތުގައި ކާ އެއްޗެހީގެ ކެލޮރީ ލޭބަލާ އެކު އެ އެއްޗަކީ ތިމާ ކާން ބޭނުންވާ އެއްޗެއްތޯ ނޫނީ ބޭނުން ނުވާ އެއްޗެއްތޯ ނިންމުމުގެ އިހުތިޔާރު ކުރުމުގެ ފުރުސަތު ބޮޑުކޮށްދެ އެވެ.
"އެެހެންވެ ކެލޮރީ ލޭބަލުން އެއީ ތިމާގެ ސިއްހަތަށް ރަނގަޅު ނޫން އެއްޗެއްގެ ކަމުގެ ސިގްނަލް ސިކުނޑި އަށް ފޯރުވައިދިނުމާ އެކު އެ އެއްޗެއް ކާލަން އޮންނަ ޝައުގުވެރިކަން ކުޑަކޮށްލާ،" އެންޑްރިއާ ވިދާޅުވި އެވެ.
އެހެންވެ ޑައިޓްކުރާ މީހުންނާއި ކެއުން ކޮންޓްރޯލް ކުރާ މީހުންނަށް ވެސް ކެލޮރީ ލޭބަލަކީ ވަރަށް މުހިއްމު އެއްޗަކަށްވެ އެވެ.
މި ސަބަބުތަކާ ހުރެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ކާ އެއްޗެހި ތައްޔާރުކޮށް ފޯރުކޮށްދޭ އިރު، ކެލޮރީ ލޭބަލް ހިމެނުމަކީ ހިތްވަރު ދޭންޖެހޭ އަދި އެކަން ކުރަން ބާރު އަޅަންޖެހޭ ކަމެކެވެ. ތައްޔާރީ ގިނަ ކާނާތަކަކީ މިހާރު ވެސް ނިއުޓްރިޝަން ފެކްޓްސް ހިމެނޭ އެއްޗިއްސެވެ. އެހެންވެ ފިހާރައަކަށް ވަދެ ވިޔަފާރިކުރާއިރު، ގަނެގެން ގެއަށް ގެންދެވެނީ ކޯއްޗެއްތޯ ފުރަތަމަ ކަމަކަށް ވިސްނައިލުން ވަރަށް ވެސް މުހިއްމު ކަމެއް ކަމަށް ދިރާސާގައި ބުންޏެވެ.
"މިކަމުގެ ނަތީޖާއަކަށް ހަގީގަތުގައި ވަނީ ސިއްހަތަށް ފައިދާހުރި ކެއުންތަކަށް ލޯބިކުރުމުގެ ފުރުސަތު ފަހިކޮށް ދިނުން،" ދިރާސާގައި ބުންޏެވެ.