24 ޑިސެމްބަރ 2018 - 14:33

އިލެކްޓްރި ކާރު އުފައްދާ އެންމެ މަޝްހޫރު ކުންފުނި ޓެސްލާ މޮޑެލް 3 ގެ ކާރުގެ އަގު ޗައިނާގައި ހެޔޮކޮށްފި އެވެ.
ޓެސްލާ އިން ޗައިނާގެ މާކެޓަށް ގެނައި މި ބަދަލާ އެކު މޮޑެލް 3 ގެ ކާރުގެ އަގު 7.8 ޕަސެންޓް ހެޔޮވެ، 72،000 ޑޮލަރަށް ވަނީ ވެއްޓިފަ އެވެ. ކުރިން ނަމަ އެ މޮޑެލް 3 ގެ އަގު އުޅުނީ 77،000 ޑޮލަރުގަ އެވެ.
މިއީ ޓެސްލާ އިން ދެ މަސް ދުވަހުގެ ތެރޭގައި ކާރުގެ އަގު ޗައިނާގައި ކުޑަކުރި ތިން ވަނަ ފަހަރެވެ. މިދިޔަ ނޮވެމްބަރު މަހު މޮޑެލް އެކްސް އާއި މޮޑެލް އެސްގެ ކާރުތަކުން 12 ޕަސެންޓާއި 26 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އަގު ހެޔޮކުރި އެވެ. އަދި މި މަހުގެ ކުރީ ކޮޅު ވެސް އެ ވައްތަރުގެ ކާރުގެ އަގު ހެޔޮކުރި އެވެ.
ޗައިނާ އިން އެމެރިކާގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން މި އަހަރުގެ ޖުލައި މަހު ޓެސްލާ އިން ވަނީ ކާރުގެ އަގުތައް 20 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.
ޑިއުޓީ ބޮޑުކުރުމުން ޓެސްލާ އިން އެޅި އެއް ފިޔަވަޅަކީ ޝަންހާއީގައި ގާއިމްކޮށްފައިވާ ޓެސްލާގެ ކާރު ފެކްޓްރީގައި އުފައްދާ ކާރުގެ އަދަދު އިތުރުކުރުމެވެ.
ޗައިނާ އާއި އެމެރިކާއާ ދެމެދު މުދަަލުން ޑިއުޓީ ނެގުމުގެ ހަނގުރާމައެއް ވަނީ ފެށިފަ އެވެ. އެކަމަކު ދެ ގައުމުން މިހާރު ނިންމާފައި ވަނީ ކުރިއަށް އޮތް ތިން މަސް ދުވަހު، ޑިއުޓީ ބޮޑުކުރުން މަޑުޖައްސާލުމަށެވެ. އަދި އެ މުއްދަތުގައި މި މައްސަލައަށް ހައްލެއް ފެނޭތޯ ދެ ގައުމުން ވެސް މަޝްވަރާ ކުރިއަށް ގެންދާނެ އެވެ.