ލީޑިން އެއާޕޯޓް ރިސޯޓްގެ މަގާމު ހަތްވަނަ ފަހަރަށް އެޗްއައިއެޗަށް
ލީޑިން އެއާޕޯޓް ރިސޯޓްގެ މަގާމު ހަތްވަނަ ފަހަރަށް އެޗްއައިއެޗަށް

ދުނިޔޭގެ ލީޑިން އެއާޕޯޓް ރިސޯޓްގެ އެވޯޑް އަނެއްކާވެސް ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަށް ލިބިއްޖެ އެވެ.

މި އެވޯޑް އެޗްއައިއެޗަށް ލިބުނީ ލިސްބަންގެ އާސާރީ ޕެޓިއޯ ޑަ ގާލޭގައި ބޭއްވީ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލް ގާލާގަ އެވެ.

އެޗްއައިއެޗުން މި އެވޯޑް އެންމެ ފުރަތަމަ ހޯދާފައިވަނީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް އެ ހޮޓެލުން އަންނަނީ މި އެވޯޑް ހާސިލް ކުރަމުންނެވެ.

މި އަހަރުގެ ލީޑިން އެއާޕޯޓް ރިސޯޓްގެ މަގާމަށް ހަތަރު ރިސޯޓެއް ވާދަކުރި އެވެ. އެގޮތުން އެމެރިކާގެ ފޯޓް ލައުޑަޑޭލް މެރިއޮޓް ހާބާ ބީޗް ރިސޯޓް އެންޑް ސްޕާ، ތައިލެންޑްގެ ހަޔަޓް ރީޖެންސީ ހުއާ ހިން އަދި ސްރީ ލަންކާގެ ޖެޓްވިންގް މި އެވޯޑަށް ވާދަކުރި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ހުޅުލޭގައި ހުންނަ ހުޅުލެ އައިލެންޑް ހޮޓެލުގައި 136 ކޮޓަރި އާއި ޕްރައިވެޓް ބީޗަކާއި، އައުޓްޑޯ ޕޫލް އަދި ގޮލްފް ކޯސްއެއް ހުރެ އެވެ.

ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވޯލްޑް ޓްރެވަލް އެވޯޑަކީ 1993 ވަނަ އަހަރު ތައާރަފްކުރި އެވޯޑެކެވެ. ޓޫރިޒަމް ދާއިރާގެ ނަން މަޝްހޫރު ގިނަ ބައެއްގެ ބައިވެރިވުން މި ހަފުލާގައި އޮވެ އެވެ.