24 ޑިސެމްބަރ 2018 - 12:56

ގޭ ބަންދުގައި ހުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) މިއަދު ބަންދުން ދޫކޮށްލައިފިި އެވެ.
ޝުމްބާ ގޭ ބަންދުގައި ހުރީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ބިރު ދެއްކުމުގެ ދައުވާއަކާ ގުޅިގެންނެވެ. އެ ދައުވާކުރަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒަށް ބިރު ދެއްކި ކަމަށް ބުނެ އެވެ. އެ މައްސަލައާ ގުޅިގެން އޭނާ ކުރިން ޖަލު ބަންދުގައި ވެސް ބެހެއްޓި އެވެ.
ޝުމްބާ ބަންދުން އެއްކޮށް ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކުރީ އޭނާ ބަންދުން ދޫކޮށްލަން މިއަދުގެ އަޑުއެހުމުގައި އޭނާގެ ވަކީލް އެދުމުންނެވެ. އަދި އެކަމަށް ދައުލަތުން ވެސް ދެކޮޅެއް ނަހަދަ އެވެ. ޝުމްބާ ބަންދުން ދޫކޮށްލިޔަސް އޭނާގެ މައްޗަށް ދައުވާކުރާ މައްސަލައިގެ ހުކުމެއް އަދި ނުކުރެ އެވެ.
ޝުމްބާ ސްރީލަންކާގައި ހުއްޓާ އޭނާ ހައްޔަރު ކޮށްގެން ރާއްޖެ ގެނައީ 2015 ގައި ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލައާ ގުޅިގެން އޭނާ ހޯދަން އިއުލާން ކުރުމަށް ފަހު އެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ދައުލަތުން ނުކުރެ އެވެ.