އައިއެސްއާ ގުޅެން އުޅުނު ދެ މީހުން ސިންގަޕޫރުން ހައްޔަރުކޮށްފި
އައިއެސްއާ ގުޅެން އުޅުނު ދެ މީހުން ސިންގަޕޫރުން ހައްޔަރުކޮށްފި

ސިންގަޕޫރު (އޮގަސްޓް 19) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅިގެން ޖިހާދު ކުރުމަށް ސީރިއާ އަށް ދާން އުޅުނު ދެ ފިރިހެނުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ސިންގަޕޫރުން ބުނެފި އެވެ.

ސިންގަޕޫރުގައި މިހާރު އަމަލު ކުރަމުންދާ އެތެރޭގެ ސަލާމަތާ ބެހޭ ހަރުކަށި ގާނޫނުގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 50 އަހަރުގެ ރުސްލީ ބިން ހަމްޒާ އާއި މުހައްމަދު އުމަރު ބިން މަހާދީ، 33، އެވެ. ސިންގަޕޫރުގެ ހޯމް މިނިސްޓްރީން ބުނީ ޝަރީއަތާ ނުލައި ވެސް ބަންދުގައި ބެހެއްޓޭ ގާނޫނުގެ ދަށުން ހައްޔަރުކުރި ރުސްލީ އަކީ ކާރު ދޮންނަ މީހެއް ކަމަށާއި އުމަރަކީ ކުނި އުކާލާ ޓްރަކެއްގެ ޑްރައިވަރެއް ކަމަށެވެ. އަދި އައިއެސް އިން ހަނގުރާމަ ކުރަނީ އިސްލާމް ދީނުގެ ދިފާއުގައި ކަމަށާއި އަދާވާތްތެރިންގެ ބޯ ކަނޑަނީ ރަނގަޅަށް ކަމަށް ރުސްލީ ގަބޫލްކޮށްފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެފައިވެ އެވެ.

"އައިއެސްއާ ގުޅެން ސީރިއާ އަށް ގޮސް ހަނގުރާމަ ކުރުމަށް އޭނާ ވަރަށް ބޮޑަށް ޝައުގުވެރިވެފައި ވަނީ. ސީރިއާ އަށް ދަތުރު ކުރެވޭނެ ގޮތް ވެސް އޭނާ ވަނީ ހޯދާފައި،" ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އުމަރު ސީރިއާ އަށް ދާން އުޅުނީ އޭނާގެ އަންހެނުންނާއި ދަރިން ވެސް ގޮވައިގެން ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

"އޭނާ ވަނީ ޝަހީދެއްގެ ގޮތުގައި މަރުވާން ތައްޔާރުވެފައި،" ބަޔާނުގައި ބުނެފައިވެ އެވެ.

އައިއެސްގެ ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރު ސިންގަޕޫރަށް އަބަދުވެސް އޮންނަ ކަމަށް އެ ގައުމުގެ އޮފިޝަލުން ދަނީ ބުނަމުންނެވެ. ސިންގަޕޫރުގައި ޓޫރިސްޓުންގެ މަގްބޫލް ތަނަކަށް ހަމަލާ ދޭން އުޅުނު ހަ މީހަކު ދާދި ފަހުން ވަނީ އިންޑޮނީޝިއާ އިން ހައްޔަރުކޮށްފަ އެވެ.