ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް ހުށަހަޅައިފި
ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް ހުށަހަޅައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.

ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް ހުށަހަޅައިފި
ޔާމީންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް ހުށަހަޅައިފި

އީސީގެ މެމްބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަށް އެދި ހުށަހެޅި ލިޔެކިޔުންތައް ސައްހަތޯ ބަލަމުން އަންނަ ކަމަށެވެ. މައްސަލައެއް ނެތް ނަމަ ވަރަށް އަވަހަށް ހުއްދަ ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ލިޔެކިޔުންތަކުގައި މައްސަލައެއް ނެތިއްޔާ މި ހަފުތާ ތެރޭގައި ހުއްދަ ދޭނެ،" އަކްރަމް ވިދާޅުވި އެވެ.

ޕާޓީ އުފައްދަން ހުށަހެޅީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމްގެ ނަމުގަ އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައާ އެކު ސައްހަ 3،000 މެމްބަރުން ހަމަކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭނެ އެވެ. އޭގެކުރިން ވެސް އެ އަދަދު ހަމަކޮށްފި ނަމަ އާއްމު ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބީއާ އެކު ޔާމީން ނިންމެވީ، އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވުމަށެވެ. އެކަމަށް އެމަނިކުފާނަށް އޮތް ހުރަހަކީ، އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އެމަނިކުފާނު ޕީޕީއެމުން ދުރުކުރުމުން އުފެދިފައިވާ ގާނޫނީ މައްސަލަ ކަމަށް ޔާމީންގެ ގާތް ބޭފުޅުން ވިދާޅުވެ އެވެ.

ޕީޕީއެމް ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫނާ ހަވާލުކުރަން އެ ޕާޓީގެ އާންމު ދެ މެމްބަރަކު ސިވިލް ކޯޓަށް ދާދި ފަހުން މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން އެ ކޯޓުން ވަނީ އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ގެންގޮސްފަ އެވެ. އެހެންކަމުން، ބެލެވޭ ގޮތުގައި އެކަމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ޓިކެޓް ބައެއް ބޭފުޅުންނަށް ދެއްވަން ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވެފައި ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަނީ އެމަނިކުފާނު ނޫން ކަމަށާއި އެކަމަކު އެމަނިކުފާނުގެ އެހީތެރިކަން ލިބިގެން ކަމަށެވެ. ޔާމީން ވިދާޅުވީ އެކަން ކުރައްވަނީ އެމަނިކުފާނު ވަރަށް އިތުބާރު ކުރައްވާ ޕީޕީއެމްގެ ބޭފުޅުން ކޮޅެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަނީ ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ދިގުދެމިގެން ދާތީ އެވެ.

ޔާމީން ސިޔާސީ ހަޔާތްޕުޅު ލީޑަރެއްގެ ގޮތުން އެންމެ ފުރަތަމަ ފެއްޓެވީ ޕީޕަލްސް އެލަޔަންސް (ޕީއޭ) އިންނެވެ. އޭގެ ފަހުން، އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެން ގުޅިވަޑައިގެންނެވީ ޕީޕީއެމާ އެވެ. ޕީޕީއެމްގެ ޓިކެޓުގައި ނުކުންނަވައި އެމަނިކުފާނު 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. އެކަމަކު، ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުން، ޔާމީނަށް އިންތިހާބުގައި ކުރިމަތިވެވަޑައިގަތީ ބޮޑު ނާކާމިޔާބީއެކެވެ.