24 ޑިސެމްބަރ 2018 - 10:17

މިލާން (ޑިސެމްބަރު 24) – އަހުލާގީ މައްސަލަތަކާ ގުޅިގެން އިންޓަ މިލާނުން އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ރަޖާ ނައިންގޫލާން ސަސްޕެންޑްކޮށްފި އެވެ.
އޭނާ ސަސްޕެންޑްކުރީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް ކްލަބުން ނުބުނެ އެވެ. އެކަމަކު އިޓަލީގެ ނޫސްތަކުން ބުނާ ގޮތުގައި އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ސަސްޕެންޑްކުރީ ތަމްރީންތަކަށް ލަހުން ހާޒިރުވާތީ އެވެ.
މުއްދަތެއްގައި ނެތް ގޮތެއްގައި ސަސްޕެންޑްކޮށްފައިވާތީ އޭނާ އަށް ދެން ކުޅެން ނުކުންނާނެ ދުވަހެއް ނޭގެ އެވެ. އެކަމަކު ބެލެވެނީ ފިނި މޫސުމުގެ ޗުއްޓީ އަށް ފަހު އޭނާ އަށް އަލުން ފުރުސަތު ދޭނެ އެވެ. އޭގެ ކުރިން ދެން އޮތީ ބުދަ ދުވަހު ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗާއި ހޮނިހިރު ދުވަހު އެމްޕޮލީއާ ދެކޮޅަށް ކުޅޭ މެޗެވެ.
ވާދަވެރި އޭއެސް ރޯމާ އިން އިންޓަ އަށް މި ސީޒަނުގައި ބަދަލުވި ނައިންގޫލާން އަށް އަނިޔާގެ ސަބަބުން ވެސް ބައެއް މެޗުތައް ވަނީ ގެއްލިފަ އެވެ. އަހުލާގީ މައްސަލަތަކާ ވެސް އެކު އޭނާގެ ހިދުމަތް އިންޓަ އަށް އެކަށީގެންވާ ގޮތަކަށް ނުލިބެ އެވެ. ސީޒަނުގެ ކުރީކޮޅު ވެސް، މެޗެއް ކުރިއަށް އޮއްވާ އޭނާ ނައިޓްކްލަބެއްގެ ތެރެއިން މެންދަމުގެ ވަގުތު ވަނީ ފެނިފަ އެވެ.